ބޮޑުއީދަށް ބޮޑުބެ ވެސް ރަށަށް އަންނަ ވާހަކަ މަންމަގާތު ފަހަރި ދައިތަ ބުންޏެވެ. ހަދިޔާ ހަދަން ޖެހޭ ވާހަކައެވެ. ފޮނި އަދި ކުޅި ކަޖާ ހަދާ ވާހަކައެވެ. ދިގަލަ ހަކުރުލާ ވާހަކައެވެ. އޮޅުން ސުވާއްޔާއި އަތުޖެހި ވެސް ހަދަންވާނެ ވާހަކައެވެ. މި ވާހަކަތައް އަޑު އިވުމުން މަންމަގާތު ކީއްކުރަން ކުރާ ކަމެއްތޯ ސުވާލު ކުރީމެވެ. އެހެން ބުނާ އިރަށް ދެކޮލުގައި ހިފާލުމަށް ފަހު މަންމަގެ ސުވާލު ފޮށި ހުރިހާ ކަމެއް ބަލާން ވާނެއޭ ބުނެ ވާހަކަ އޮއްބާ ލާނެއެވެ. ބޮޑުބެގެ ތުއްތުބޭ އަންހެނުން ވިހައިގެން އުޅޭތީ ފަހަރި ދައިތަ ހުންނަނީ ދެ ބުންބާ އަށް އަޑި ނުވެޔޭ ބުނާހެން މަސައްކަތާއިގެން މާ ބުންބުން ލައިލައެވެ. ތުއްތުބޭގެ އަންހެނުން ބޭރަށްލައި ފޫޅު ބޮނޑިބަތް ކެއްކި ދުވަހަކީ ވެސް ފޯރި ހުރި ދުވަހެކެވެ. އެފަދަ ވަގުތު ތަކުގައި އަތްވާޅެއް އަޅައިދޭ މީހަކީ އަހަރެންގެ މަންމައެވެ.
އެހެންވެ މަންމަ އުޅޭނީ ބޮޑުބެ ގޯތީގައި ފަހަރި ދައިތަޔަށް އަތްގާތް ކޮށްދޭށެވެ. ކެއްކުމާ ގޯތި ސާފު ކުރުމު ގައެވެ. މަންމަ ހަނޑޫ މާ ލައްވާ ހެދިއިރު ފަހަރި ދައިތަ މަތިކަރާ ބޭސްތަކެއް ހިފައިގެން ފަހަރަކު ބޮނޑި އަކުންއެތިކޮޅެއް އެތާ ހުރި ތައްޓަކަށް އަޅަމުން ދިޔައެވެ. އެވަގުތު އަހަރެމެން އެއްލި ބޮއްޕުން ޖެހިފައި ބޭސްތަށި ބަނޑުންވިއެވެ. އެކަމާ ފަހަރި ދައިތަ ތަރަތަރަ ޖަހައިގެން ގޮތް މިހާރުވެސް ހަދާންހުރެއެވެ.
އެފަހަރު ޢީދަށް ރަށަށް އެރި މިހުންގެ ތެރޭގައި ބޮޑުބެވެސް ހިމެނެއެވެ. ދަބަހެއް ކޮނޑުގައި އަޅުވައިގެން ފޮށި ކޮނޑަށް ލައިގެން ބޮޑުބެ އަންނަތަން ފެނުމުން ކާފަކިޔާ ކުދިން ބޮޑުބެ ގައިގައި "ކާފާ! ކާފާ!" އޭ ކިޔާ އޮޅުލައިގަތެވެ. އެމަންޒަރު ބަލަން ހުރެފައި އަހަރެންވެސް ދުއްވައި ގަތީމެވެ. މިފަދަ ވަގުތު ތަކުގައި ބައްޕަގެ ލޯބިން އަހަރެން މަހުރޫމްވެފައި ވާކަމުގެ އިހުސާސް ކުރުވައެވެ. އަދި އާއިލާގައި އިތުރު މެމްބަރަކު ނުހުންނާތި ހިތުގައި ޖެހެއެވެ. ބޮޑުބެޔަކީ ކާފަ ދަރިންނާއި އަހަރެންނާއި ތަފާތު ކުރާ މީހެއް ނޫނެވެ.
މިފަދަ ކަންކަމުން ހިތަށް ކުރާ އަސަރު ކުޑަވެ، ތަޞައްލީ ލިބެނީ ބޮޑުބެގެ އުނގުގައި ބޮނޑިވެ ލެވޭ ވަގުތު ތަކުގައެވެ. ބޮޑުބެ ގާތަށް ހަދިޔާ ހޯދުމަށް ދުއްވައިގަތް ބައިގައި އަހަރެން ވެސް ވިއެވެ. އެ ވަގުތު އެތާހުރި ގަހުގެ މޫގަނޑެއްގައި ފައި އަޅައި ގަނެގެން އަނގަވަތަށްލައި އަހަރެން ވެއްޓުނެވެ. ބޮޑުބެ ފޮއްޓަކާއި ފޮއްޓެއް ކިޔާ އަހަރެން ނަގަން އައިގޮތް ހަނދާން ވުމުން ބޮޑުބެ ލޯބިވާ މިންވަރު ވަޒަން ކުރެވެއެވެ. މިތަން ފެނުމާއެކު ބޮޑުބެއަށް ވުރެ މާބާރަށް މަންމަ ދުއްވައިގަތެވެ. އަހަރެން ނެގުމަށް ފަހު ރޮއި ރޮއިފައި އޮޅުލަމުން ދިޔައެވެ. އޭރު ތުން ފަތަށް ދަތް ވަނުމުގެ ސަބަބުން އަންގައިން ލޭ އާދެއެވެ. ވަޅުދޮށަށްލައި އަހަރެން ސާފު ކޮށްލިއެވެ.
އެވަގުތު ބޮޑުބެ އަންހެނުން ބިލެއް ކޮޅަކާ ފޯއްކޮޅެއް އަތުގައި ފުނޑުވަމުން ފުނޑުވަމުން އައިސް އަހަރެންގެ އަނގައަށް ލައިދިނެވެ.
ޗުސްޗުސް ކިޔާފައި އެ އެއްޗެހި ނެރުނީއެވެ. އެހެން ހެދުމުން ބޮޑުބެގެ އަންހެނުން ކުރިއަށް ވުރެ ގިނައިން ބިލެތާއި، ފޯއް ފުނޑުވާފައި އަންގަޔަށް ކޮޢްޕާލިއެވެ. ކައިރު ކޮޅެއް ލިބުނު ނަމަ އަދި ވަރަށް ރަނގަޅުވީހޭ ކިޔަމުން ނުނެރޭށޭ ބުންޏެވެ. އޭރު އަނގައިން އައި ލޭތައް ވަނީ މަނާވެފައެވެ. ބޮޑުބެ ގެނައި ހަދިޔާ ތަކުން މާޖެހި ބިސްކޯދު ކޮތަޅަކާއި ދެސައި ބޯނި މަންމަ އަތަށް ދިނެވެ. އަދި ފަހަރި ދައިތަ ގެނެސް އޮމޯ ފޮއްޓަކާއި އެކު މާލޭން ގެނައި ބާހެދުން ކޮތަޅެއް ވެސް ދިނެވެ. ރޭވެފައި ވުމާއެކު މަންމަ އަހަރެން ގޮވައިގެން އެނބުރި ދިޔައީ ގެއަށެވެ.
ބޮޑުބެގެ މެދުގޯތީގައި ފަނާއި ސަޓާ ޖަހައިގެން ޢީދުގެ ހެދުމުގައި އަވަދި ނެތި މީހުން އުޅެމުން ދިޔައެވެ. ހިސާބުގަނޑުގެ އަންހެން ވެރިންތައް ޗަކަޗަކަ ލައިފައި ހޭއަޑުން މުޅި ތަނަށް ދިރުން ގެނެސް ދީފައި ވެއެވެ. ކިރުސަރުބަތާއި ލުބޯހުތުފަނި ވަންނަ ކޮންމެ މީހަކަށް ތިޔާގިކޮށް ލިބެން ހުއްޓެވެ. ކުޅިބަލާ ބައިގައި އަހަރެމެން ކުޑަކުދިން ވާނުވާ ނޭނގި ދުވެ މަޖާ ކުރުމުގައި ތިބީމެވެ. އެތަނުން މީހަކު ވަޅިއެއް ހިފައިގެން ފަން ކިރިއްސަމުން ސަމީނާގެ އަމީނުވެސް މިފަހަރު އީދުގޭގައި ބާއްވަން ވާނެއޭ ކިޔާ އަހަރެންގެ ފަހަތުން ދުއްވައި ގަތެވެ. ގަންނާ ކުރެއްވި ބިރުން މަންމަގެ އުނގަށް ވަދެ ހިމާޔަތް ހޯދީމެވެ. އޭގަފަހުން ފުނޑިތަނުން ހީނާފަތް ގުޅައަކާއި މިލުވި ތަނުން އަހިފަތް ބޮނޑިއެއް ހިފައިގެން ގެއަށް ދާން މަންމަ ހިނގައިގަތެވެ. އޭރު އީދުގެ ވަނީ ކުލަ ކަރުދާހާ، ވިދާ މާތަކުން، ޖަރީ ކޮށްލައިފައެވެ. ހީވަނީ އާ ކައިވެންޏަކަށް ޒީނަތްތެރި ކޮށްފައިވާ އަންހެން ކުއްޖެއްހެނެވެ.
ކައި ނިމިގެން މަންމަޔަށް ބަނޑު ދައްކާލުމުން ލޮއިއަޑު ގޮވާވަރު ކޮށްލައިފިއޭ ހެމުން ހުރެ ބުންޏެވެ. މަންމަ ފޮތިތަކެއް އިރަމުން ހީނާފަތް ގުޅަ ހިފައިގެން ބޮޑުއަށި މަތީ އިށީނެވެ. އޭރު އަހަރެން އިނީ މުންޑު ގަނޑެއް އަންދަވާ ދެއަތުގަޔާއި ދެފައިގައި ތެޔޮ އުނގުޅާ ހީނާފަތް އެޅުމަށް ތައްޔާރު ކޮށްފައެވެ. ދެއަތުގައި ހީނާފަތް އަޅާ ބޮނޑި ބަނދެލައި ފިއެވެ. އެއަށް ފަހު ބާލީހުގައި އަހަރެން ބާއްވައިގެން ދެފައިގައި ހީނާފަތް އަޅާ ނިންމާލިއެވެ.
މަންމަގާތު ކީއްކުރަންތޯ މިއުޅެނީ އެހީމެވެ. މަންމަ ބުނީ މިއުޅެނީ ނަކަތްގެ ލައްވަން ކަމުގައެވެ. ނަކަތްގެ ލެއްވުމަކީ ކޮބައިތޯ ވެސް ސުވާލު ކުރީމެވެ. އަދި ބައްޕަ ނާންނާނެ ހެއްޔޭ އެހީމެވެ. މަންމަގެ ޖަވާބަކަށް އިންތިޒާރު ކުރި ނަމަވެސް ބައްޕަޔާއި ބެހޭގޮތުން ކުރި ސުވާލުގެ ޖަވާބެއް ނުލިބުނެވެ. އަވަހަށް ނިދުމަށް މަޖުބޫރު ކުރިއެވެ. ނަމަވެސް ދެއަތާއި ދެފައި ބަދެފައި ވުމުން އިތުރު ތަކުލީފް ތަކެއް ވަނީ އުފުލަން ޖެހިފައެވެ. ވުމާއެކު ދެލޯ މަރައިގެން ނިދޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ.
އެހެން އޮވެގެން މަންމަގެ ހަރަކާތް ތަކަށް ފާރަވެރިވީމެވެ. މަންމަގެ ފޮށި ހުޅުވާލުމަށް ފަހު އޭގެން ފޮތަކާއި ގަލަމެއް ނަގައިގެން އެނދުމަތީގައި ފޫޑުފައި ހަދައިގެން އިށީނެވެ. ކޮންމެސް އެއްޗެއް ލިޔަން ފެށިއެވެ. އެހާ ހިސާބުން ނިދީގެ އަރާމްގައި ލޯމަރާލީމެވެ.
މޭލި ބޮއިފައިވާ އިނގިލި ތަކުގެ ސަބަބުން އަތަށް ވާން ވާގޮތް ވެ، މާ އަވަހަށް އެދުވަހު ހޭލެވުނެވެ. ތެދުވި އިރު، ރަނގަޅަށް ލޯ ހުޅުވާ ލުމަށްފަހު ބަލާލީމެވެ. ބައްތި ނިވިފައި ވާތީ އަނދިރި ކަމުން ތަނެއް ވަކި ކުރަން ވެސް ނޭނގެއެވެ.
އެތާހުރި ކޮޅުފިލާ ގޮނޑިއަކަށް އަރައިގެން ގޭގެ ފުޅަލި ވަރަށް އުނދަގުލުން ހުޅުވީމެވެ. އެއީ ފަތިހުގެ ވަގުތު ކަމުން މީހުން ނަމާދުން ފައިބައިގެން ދާތަން ފެނެއެވެ. އިރުކޮޅަކު ބަލަން ހުރުމަށްފަހު ދުވެފައި މަގު މައްޗަށް ނުކުތީމެވެ. އެއިރު ބޮޑުބެ އަހަރެމެން ގެޔާއި އަރާހަމަވެ މޫނުގައި ދެއަތް އަޅާ މޫނު ފިރުމާލަނީއެވެ. ބޮޑުބެ އަހަރެން ފެނުމާއެކު ވަރަށް ހައިރާންވެ ހުރެ ކައިރިއަށް އައެވެ.
އަހަރެން ބިރުގަނެފައި ހުރި ވަރުން "މަންމަ! މަންމަ!" ކިޔާ ރޯން ފެށީމެވެ. މަންމަ ކޮބައިހޭ ކިޔާ ބޮޑުބެ ގެއަށް ވަނެވެ. ގިފިލި ބެލުމަށްފަހު އެތެރެގެއަށް ވަދެ އަޑުގެ ކޮޅަށް "މަގޭ ސަމީނާއޭ" ކިޔާ ރޯން ފެށިއެވެ. ބޮޑުބެގެ ފަހަތުން އަހަރެން ވެސް ވަނީމެވެ. މަންމަ ތަޅުންގަނޑުގެ މަތީގައި ވެއްޓި، ޚަބަރު ހުސްވެފައި އޮތެވެ. ބޮޑުބެ ހަޅޭއްލަވައިގަން އަޑަށް އެ ހިސާބުގަނޑުގެ ބައެއް އަވައްޓެރިން ގޭދޮށަށް ޖަމާވިއެވެ.
އެތަނުން މީހަކު އަހަރެންގެ އަތުގަޔާއި ފައިގައި ބަނދެފައި ހުރި ހީނާފަތްތައް ނައްޓުވައިދިނެވެ. އަދި އަތާއި ފައި ސާފު ކޮށްދިނުމާއެކު ވީއްލި ގަނެގެން މަންމަގެ ޚަބަރު ބެލުމަށް މީހުންތަކުގެ ތެރޭން ފުރޭނިގެން ގޮސް އެތެރެ ގެއަށް ވަނީމެވެ. އެ އިރު މަންމަ އޮތީ އުތުރު އެނދުގައި
ބާއްވާފައެވެ. އެތާހުރި ކަރުދާސްތަކާ އެއްޗެހި ބޮޑުބެ ނަގާ އެހެން މީހުނަށް ނުފެންނާނެ ހެން ފޮރުވަނީއެވެ.
މޫނުގައި ފެން އުނގުޅަނިކޮން މަންމަ ހޭއަރާއި ފިއެވެ.މަންމަގެ ކުކުރުމުގެ އަޑާއެކު މަޑުމަޑުން ލޯހުޅުވާލިއެވެ. އަދި ފެންފޮދެއް ދޭށޭ ބުނުމަށްފަހު ލޯމަރާލިއެވެ. ވާނުވާ ނޭނގުނަސް ފެންނަ ފަށުގައި އަހަރެން ހުރީމެވެ.
ބޮޑުބެގެ އަންހެނުންނާއި ހިސާބަށް މިޚަބަރު ދިއުމުން ރޮއި ހޭރެމުން އައިސް ގެއަށް ވަނެވެ. ފަހަރި ދައިތަ ސަމާލު ކުރުވާ ނުރޯށޭ ބޮޑުބެ ބުންޏެވެ. މަންމައަށް ތަންދޮރު އެނގުނު ވާހަކަ ބުނެ ހިސާބުގަނޑު މީހުން ފޮނުވާލައި ގޭތެރެ އަމާން ކުރިއެވެ. ސައި ހިފައިގެން އައުމަށް ބުނެ، ފަހަރި ދައިތަވެސް ގެއަށް ފޮނުވާލިއެވެ. ބޮޑުބެގެ އަމަލުތައް ހުރި ގޮތުން ބޮޑުބެއަކީ އާއިލީ ސިއްރުތައް ދެމެހެއްޓުމުގައި ލާމަސީލު މީހެއްކަން އެދުވަހު އަހަރެންނަށް އެނގުނެވެ. ބޮޑުބެގެ މޭގައި މަންމަ ލައްކޮށް ލުމަށްފަހު ބުރަކަށީގައި ފިރުމާ ލަމުން ބޮޑުބެގެ އަތުގައި އޮތް ސިޓީ ނިއުޅާލިއެވެ. އަދި މަންމަގާތު ވަނަވަރު އަހަންފެށިއެވެ. އަހަރެން އެތަނަށް އަންނާން ފެށުމުން އެތަނަށް ނައުމަށް އަތުން އިޝާރާތް ކުރިއެވެ. މަންމަ އޭރުވެސް ހަމަ ރޮނީއެވެ. އެމަންޒަރު ފެނުމުން އަހަރެންގެ މައުސޫމު ހިތް މަންމަގެ ހާލާމެދު ހަމްދަރުދީން ފުރުނެވެ. ކުލުނު ވެރިކަމާ ލޭގެ ގުޅުމުން މިހިތަށް ތަދު ކުރަމުން
ދިޔައެވެ. ބޮޑުބެ މަންމަގާތު ނުރޯށޭ ބުންޏެވެ. ވަރަށް އަސަރާއެކު ބޮޑުބެ ނަޞޭހަތް ތެރިވަމުން ދިޔައެވެ. ބޮޑުބެ ބުންޏެވެ. "ތިޔަ ދެމައިންގެ ހައްޤުގައި މި ބޮޑުބެ ވާންޖެހުނު ކޮންމެ ގުރުބާނީ އެއްވެސް މިވަނީ ހެޔޮ ހިތުން. ބޮޑުބެއަށް ހުރިހާ އެއްޗެއް އެނގެއެ. ކޮއިފުޅުގެ ބައްޕަ މަރު މަތީގައި ހުރިހާ ވާހަކައެއް ކިޔައިދިން. އެއީ މާޒީ. މާދަމާ މީ އެސޮރު ނަކަތްގެ ލައްވާ ދުވަސް ކޮއިފުޅު ތިހެން އުޅެންޏާ އެދަރި ބަލާނީ ފަހެ ކާކު؟. އައްޓަ މަހެއްހެން ތަތްލަވާފައި ހުންނަ، އެދަރި، މަސަލަސް ކުރާނީ ފަހެ ކާކު؟ މިންވަރު ފުޅާއި ޚިލާފަށް އެއްވެސް ކަމެއް ހިނގަމަކުން ނުދެ. ތަޤްދީރު ބަދަލު ކުރެވޭނެ އަތެއް މިތާކު ނުވެ. އިރާދަފުޅުން އެކަމެއް ވުމަށް އިރާދަ ކުރައްވައި ފިނަމަ ފަޅި ސިކުންތެއް ވެސް ނުނަނގާނެ. ރަށަށް އައި ފަހުން ވަރި ކުރިކަމަށް ބުނެ ލިބިފައިވާ މި ސިޓީ އާއިމެދު ބޮޑުބެގެ ހިތުގައި ސުވާލު އުފެދެ. ބޮޑުބެގެ ބަހެއް އަހާނަމަ ތިޔަ ހިތާމަ ދޫކޮށްލާ! ކުދިންނަށް އެކުދިންގެ އާއިލާއާއި ވަންހަ ބުނެދޭން ވާނެ. ނަޞަބާއި ހަޞަބު ޙިމާޔަތްކުރުމަށް ދީންބާރު އަޅާތީ މިކަހަލަ ކިތަންމެ ވޭނަކާއި ހިތާމައެއް އެތައްބަޔަކު އުފުލަފައިވޭ. އެއި އިންސާނީ ދިރިއުޅުމުން ފެންނަ ބަލި ފައިތަކުން ބަލިފައެއް. އުފަލާއި ހިތާމަޔަށް ނަފްސު ކޮންޓްރޯލް ކުރަން ދަސްކޮށްދީ! އޭރުން އީމާންކަމާއި އަޤީދާގެ ބިންގާ ވަރުގަދަކުރެވޭނެ!" އެހިސާބުން މަންމަ ވާހަކަ ދައްކަން ފެށިއެވެ. އަދި ބުންޏެވެ.
"ބޮޑުބެ ތިޔަބުނީ ވަރަށްބޮޑު ތެދެއް ދަރިފުޅުގެ ކުރިމަތީގައި ބައްޕަ އަންނާނެކަމުގެ ރަން ހުވަފެން ދައްކައި ދިނުމަށް ޑްރާމަ ކުޅެ ކުޅެ ވަރުބަލި
ވެއްޖެ." އެހެން ބުނުމާއެކު އަނެއްކާވެސް ރޯން ފެށިއެވެ. ބޮޑުބެގެ ދެ ލޯވެސް ވަނީ ފެންކަޅިވެފައެވެ. އަނެއްކާ ވެސް ބުނަމުން ދިޔައެވެ.
"ވޭތުވެދިޔަ ދުވަސްތަކުގައި ތިޔަ އުފުލި ވޭނާ ހިތާމަތަކަށް ދެން ވެސް ކެތްކުރޭ! ބޮޑުބެ އެންމެ ކަންބޮޑު ވަނީ ތިޔަހެން މީހަކާ ނީދެ މުޅި އުމުރު ތިޔަ ގޮތުގައި ވޭތު ކޮށްފާނެތީ. އެއީ މުޅިން ރަނގަޅު ވިސްނުމެއް ނޫން. ފުރަތަމަ ދިރިއުޅުން ނާކާމިޔާބު ވުން އެއީ މުޅިއުމުރު ނާކާމިޔާބު ވުން ކަމަށް ބަލައިގެން ނުވާނެ. އެކަކުގެ ފުށުން ކެހި ލިބުމުން އެންމެންނަކީ ކެހިވެރިން ކަމަށް ދެކެގެން ނުވާނެ. އެންމެންނަކީ
އަނިޔާވެރިންނެއް ނޫން. ޚަޤީޤީ ކުށްވެރިން ނަކީ އެހެން ބަޔަކަށްވެސް ވެދާނެ. ޒާހިދު އަލުން އެނބުރި އައުމަކީވެސް އެކަށީގެން ވާކަމެއް. އެފަދަ ދުވަހަކުން ތިޔަ ދެ މައިންނަށް އެދެފި ނަމަ ނޫނެކޭ ނުބުނާތި. ކުދިންގެ ހެދިބޮޑުވުމާއި ތަރުބިއްޔަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނި މަންމައާއި ބައްޕަގެ ލޯބި. ރޫޅިފައިވާ އާއިލާތަކާއި ކެނޑި ބުރިބުރި ވެފައިވާ ގުޅުން ތަކުން ތަރުބިއްޔަތުގެ ބިންގާ ދާނީ ފުނޑުފުނޑުވަމުން.." ބޮޑުބެ މިހުރިހާ ވާހަކައެއް މަންމައާއި ދެއްކި އިރު، އަހަރެން ހުރީ ބިތްގަނޑުގައި ކަންފަތް ޖަހައިގެން އަޑު އަހާށެވެ. (ނުނިމޭ)