ފައްޔާޒް އިސްމާއީލް

އެއާ ޓްރެފިކް ކޮންޓްރޯލް ދުލެއް ނުކުރާނެ: ފައްޔާޒު

Jun 14, 2021
2

ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކަށް އެއާޕޯޓް ހިންގަން ދޫކޮށްލި ނަމަވެސް އެއާ ޓްރެފިކް ކޮންޓްރޯލް ކުރާނީ ދިވެހި ދައުލަތުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ބޭރުގެ ފަރާތްތަކަށް އެއާޕޯޓް ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އިސްލާހުކޮށް އިއްޔެ އަމަލުކުރަން ފެށިއިރު އެ ޕޮލިސީގައި އެއާ ޓްރެފިކް ކޮންޓްރޯލް ވެސް އިންވެސްޓުކުރާ ބޭރުގެ ކުންފުންޏަށް ލިބޭތީ ބައެއް މީހުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

މިނިސްޓަރު ފައްޔާޒު މިއަދު ވިދާޅުވީ އެފްޑީއައި އިސްލާހުކޮށް އެއާޕޯޓްތައް ހިންގަން އަމިއްލަ ފަރާތަކަށް ދިނަސް އަދި ބޭރުގެ ފަރާތަކަށް ދިނަސް އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ސީދާ ދިވެހި ދައުލަތުން ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އެފްޑީއައި ޕޮލިސީގެ އިބާރާތުގައި އޮޅުންތަކެއް ހުރި ނަމަ އެކަން ސާފު ބަޔާންކުރުމުގެ ގޮތުން އެ އިބާރާތް އިސްލާހު ކުރާނެ ކަމަށެވެ.

ސަރުކާރުން އެފްޑީއައި އިސްލާހުކޮށް އިއްޔެ ގެޒެޓް ކުރީ އިންޑިއަން އެގްޒިމް ބޭންކުން އުތުރުގެ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އިންވެސްޓް ކުރަން ނިންމާފައިވާ ވަގުތެއްގަ އެެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު އެފްޑީއައި ޕޮލިސީގެ އެނެކްސް އެކެއްގެ ކޯޑު H3 އަށް ގެނައި ބަދަލުގައިވާ ގޮތުން ކުރިން އޮތީ ފްރެއިޓް ހިދުމަތް ވެސް ހިމެނޭ ގޮތަށް، ރާއްޖޭގައި މި ހިދުމަތް ދެވޭނީ ބޭރުގެ 75 ޕަސެންޓްވާ ކުންފުނިތަކަށެވެ. އަދި ފަސް އަހަރު ދުވަހަށް ހިންގާނަމަ ވެސް ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރަން ޖެހެ އެވެ.

ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލާއެކު އެއާޕޯޓް ހިންގައި މެނޭޖު ކުރުމުގެ ބާރު ބޭރުގެ ކުންފުނިތަކަށް ލިބިގެން ދާނެ އެވެ. މީގެ އިތުރުން ރަންވޭ އާއި ޕެސެންޖާ ޓާމިނަލް ހިމެނޭ ގޮތަށް އެއާ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތާއި ގްރައުންޑް ސާވިސް އާއި އެއާފީލްޑުގެ ހިދުމަތްވެސް ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށް ދެވިދާނެ އެވެ. އަދި މި ހިދުމަތް ދޭން 50 އަހަރަށް އެއާޕޯޓް ކުއްޔަަށް ދެވޭނެ އެވެ.

ސަތޭކަ ޕަސެންޓް ބޭރު ކުންފުނިތަކަށް އެއާޕޯޓުގައި އިންވެސްޓްކޮށް ހިންގޭ ގޮތަށް އެފްޑައި ޕޮލިސީ އިސްލާހު ކުރިއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން އެ ބަނދަރު ތަރައްގީ ކުރަން އަންނަ ޖުލައި މަހުގެ ތެރޭގައި ބަޔަކު ކަނޑައަޅައި ކޮންޓްރެކްޓް ހަވާލު ކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީ ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރު ކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުންނެވެ. - އެއީ ލޯނެކެވެ.

މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް ކުރާނީ އިންޑިއާގެ ކުންފުނިތަކުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މި މަޝްރޫއުގެ ކޮންސަލްޓެންޓް، އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން ވަނީ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓް (ޑީޕީއާރް) ގެ މަސައްކަތް ފުރިހަމަކޮށް ހުށައަޅާފަ އެވެ. ޑީޕީއާރް މަސައްކަތްތަކަށް ހަރަދު ކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ގްރާންޓެއް މެދުވެރި ކޮށެވެ. އަދި ދިވެހި ސަރުކާރުން ވަނީ ޑީޕީއާރްގެ މަސައްކަތްތައް ބަލައިގެންފަ އެވެ.

މި އެއާޕޯޓުގެ އިތުރުން އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރަން ކޮންސަލްޓެންސީގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގަ އެވެ.