ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރައްވައިފި އެވެ.
މިމަޝްވަރާތައް ކުރިއަށް ގެންދިޔައީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމެޓީގެ ވައިސް ޗެއާ ލީ ޝިއާއޯސަންއާ ދެމެދު އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ވައިސް ޗެއާ ލީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއެކު ޗައިނާއާއި ރާއްޖޭގެ ގުޅުން މިހާރަށް ވުރެ އިތުރަށް ބަދަހިވެ ދެ ގައުމަށްވެސް ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން އިތުރު ފުރުސަތުތައް ފަހިވެ މަންފާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ސައީދު ވިދާޅުވީ ޗައިނާއާ އެކު ކުރިއަށް ގެންދެވޭ މިފަދަ ކޮންމެ ބައްދަލުވުމަކީ ދެ ގައުމުގެ ގުޅުން ބަދަހިވުމުގެ އިތުރަށް ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވެސް ގާތްގުޅުންތަކެއް އުފެދިގެންދާނެ ކަމެއް ކަމަށެވެ.
މިބައްދަކުރެއްވުމުގައި ވަނީ ޔުނާންގެ ކުންމިންގައި ބާއްވާ ކުންމިން ފެއާގައި އިތުރު ފުރުސަތުތައް ހޯދުމަށާއި ކުޅިވަރުގެ ދާއިރާއިން ވަކިން ހާއްސަކޮށް ޓޭބަލް ޓެނިސްގެ ދާއިރާއިން ދިވެހި އެތުލީޓުން ތަމްރީންކުރުމަށް ފުރުސަތު ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއާއި ޗައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.