ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް އަނބުރާ ގެންދިއުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.
ގާނޫނުލް އުގޫބާތަށް ހިސާން އިސްލާހު ހުށަހެޅުއްވީ އެ ގާނޫނުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށެވެ. ސަރުކާރުން ސްޕޮންސާ ކޮށްގެން ހިސާން ހުށަހެޅުއްވި ބިލްގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ހުށަހަޅުއްވާފަ އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ހިސާން ހުށަހެޅުއްވި ބިލްގެ ސަބަބުން އިސްލާމް ދީން ރާއްޖޭގައި ފެތުރުމަށާއި ދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ދީނާ ނުގުޅޭ ފިކުރުތައް ގިނަވެ އެފަދަ ފިކުރުތައް ފެތުރުމަށް ހިސާން ހުށަހެޅުއްވި ބިލްގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ.
ބިލްގެ ސަބަބުން ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ ހަައްގު ގެއްލޭ ކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މި ބިލަކީ ސަރުކާރުން ސެކިއުލާ ވިސްނުން ފެތުރުމަށާއި ދީނާ ހިލާފު ކަންކަން ކުރަން ހިތްވަރު ދިނުމުގެ ގޮތުން ދުރާލައި ރާވައިގެން ކުރާ ކަމެއް ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ގައުމުގައި ހަރުކަށި ފިކުރުގެ މީހުން ގިނަވަމުންދާ ވަގުތެއްގައި މިފަދަ ބިލެއް ހުށަހެޅުމުން ހަރުކަށި ފިކުރުގެ މީހުންނަށް އިތުރަށް ފުރުސަތު ލިބި އެމީހުންގެ ފިކުރުގައި ކުރިއަށް ދިއުމަށް މަގުފަހިވާ ކަމަށެވެ. ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރި ޓެރަރިޒަމްގެ އަމަލުތައް ގިނަވަމުންދާ ކަމަށާއި އެހެންނަމަވެސް އެފަދަ އަމަލުތައް ހުއްޓުވަމަށް ރަނގަޅު ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ މަންޒަރު ފެނިގެން ނުދާ ކަމަށްވެސް ވިދާޅުވި އެވެ.
"މިކަމުގެ ޒިންމާ ސަރުކާރުން އުފުލަންޖެހޭނެ" ކުރިން ޑިފެންސް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްތައް ކުރައްވާފައިވާ ކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކުރާ ރަނގަޅު މަަސައްކަތްތައް ބަލައިގަނެ އެ އިރަކު ވެރިކަމުގައި އޮންނަ ސަރުކާރަކުން އެމަސައްކަތްތައް ކުރިއަށް ގެންދަންވާނެ ކަމަށެވެ. އަދި ރަނގަޅަށް ކުރާ މަސައްކަތްތައް ޒާތީ ގޮތުން ނުވަތަ ސިޔާސީ ވިސްނުމުގެ ތެރެއިން ހުއްޓާނުލުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ވަނީ ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓްތައް ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި)އަށް ސަރުކާރުން ގެނެސްފައިވާ އިސްލާހަށް ވެސް ފާޑު ކިޔާފަ އެވެ. އެގޮތުން ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ކުރީގައިވެސް އެމްޑީޕީގެ ސަރުކާރު އޮތް އިރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ އެންމެ ބޮޑު ވައިގެ ބަނދަރު އެއްވެސް އަގަކާއި ނުލައި އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދީފައިވާ ކަމަަށެވެ. އެކަމުގެ ސަބަބުން ދިވެހިރާއްޖެ އަށް މާލީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
ހުސައިން އިތުރަށް ވިދާޅުވީ އެފްޑީއައި އިސްލާހު ކޮށްގެން ސަރުކާރުން އަނެއްކާ ވެސް ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގަން ހަވާލުކުރުމުން ގައުމުގެ ސަލާމަތަށް ވަރަށް ބޮޑަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އެހެންވެ އެފަދަ ފުރުސަތެއް ސަރުކާރުން ދީގެން ނުވާނެ. އެހެންވެ ސަރުކާރަށް އަޅުގަނޑު މި ގޮވާލަނީ ކުރިން އޮތް ގޮތަށް އެފްޑީއައި އަނބުރާ އިސްލާހުކުރަން،" ހުސައިން ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ވަނީ މުޅި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ ސަރުކާރު އިސްތިއުފާ ދިނުމަށްވެސް ގޮވާލާފަ އެވެ.