ދުނިޔެ

ބްރުސެލްސްގައި ނޭޓޯ ސަމިޓް ފަށައިފި، މައި އެޖެންޑާއަކީ ޗައިނާ

ނޭޓޯ ގައުމުތަކުގެ ބައްދަލުވުން ބެލްޖިއަމްގެ ވެރިރަށް ބްރުސެލްސްގައި ފަށައި ކުރިއަށް އެބަދެ އެވެ. މިއީ 2018 އަށް ފަހު ނޭޓޯ ލީޑަރުން އެކުއެކީގައި ބައްދަލު ކުރައްވައި ސަލާންގަލާން ކުރައްވާ ފުރަތަމަ ސަމިޓެވެ.

ނޭޓޯ ސަމިޓްގައި މަޝްވަރާ ކުރައްވާ މައިގަނޑު މައުލޫތަކުގެ ތެރޭގައި ޗައިނާއާ ރަޝިއާ އަދި ނޭޓޯއިން 2030 އަށް ހާއްސަ އެޖެންޑާއެއް ކަނޑައެޅުން ހިމެނެ އެވެ.

އެމެރިކާއާ އިނގިރޭސިވިލާތަށް އަދި ޔޫރަޕްގެ ބައެއް ގައުމުތަކަށް ދުނިޔެމަތީގައި ޖެހިފައި އޮތް އެންމެ ބޮޑު ބިރުވެރިކަމީ ޗައިނާއާ ރަޝިއާ އެވެ. އިނގިރޭސިވިލާތުގައި ޖޫން 11 އިން 13 އަށް އޮތް ޖީ7 ސަމިޓްގައި ވެސް ލީޑަރުން ގޮށްމުށުން ހިތްވަރު ދައްކަވައި ދެއްކެވި ވާހަކައަކީ ވެސް ޗައިނާއާ ރަޝިއާގެ ކިބައިން ސަލާމަތް ވާނެ ގޮތެއް ހޯދުމެވެ.

ބްރުސެލްސްގައި ނޭޓޯ ސަމިޓް ފެށިގެން ކުރިއަށް ދާއިރު ނޭޓޯ ރަމްޒު ކޮށްދޭ 30 ގައުމަކުން މަޝްވަރާތަކުގައި ބައިވެރިވާނެ އެވެ. ރަޝިއާއާ ޗައިނާއާ ބެހޭ ގޮތުން ގައުމުތަކުގެ މެދުގައި ހިލާފެއް ހުރި ނަމަވެސް ކޮންމެ ވެސް އެއްޗެކޭ ބުނުން ކޮންމެ ގައުމަކަށް ވެސް އޮންނާނީ ލާޒިމް ކަމަކަށް ވެފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ނިއުޒިލޭންގެ ޖެނީވާގައި މާދަމާ، ޖޫން 16 ގައި ބައްދަލު ކުރައްވާނެ އެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯޓަންބާގް ވިދާޅުވި ގޮތުން ނޭޓޯ ގައުމުތަކުން ރަޝިއާއާ މުއާމަލާތް ކުރަން ވަކި ގޮތެއް ދެ ރައީސުން ބައްދަލުވުގެ ކުރިން ނިންމަން ޖެހެ އެވެ.

ޗައިނާގެ އަސްކަރީ ގާބިލުކަމާ މެދު އެމެރިކާއާ ޔޫރަޕް އޮތީ ވަރަށް ބޮޑަށް ކޮށިއަރާފަ އެވެ. މިއީ ވެސް ނޭޓޯ ގައުމުތަކުން ވިސްނަން ޖެހިފައި އޮތް ކަމެވެ. ހަގީގަތުގައި މިއިން އެއްވެސް ކަމަކީ ނޭޓޯ ގައުމުތަކޭ ކިޔަސް ގިނަ ގައުމުތަކަށް މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވަނީ އެމެރިކައާ ޔޫރަޕަށެވެ.

ދުނިޔޭގައި ޗައިނާ ފުޅާވެގެން އަންނައިރު ހުރަސް އެޅުމަށް ނޭޓޯ ގައުމުތަކުން ބާރެއް އެކުލަވާލުމަކީ ވެސް އޮތް ތަސައްވުރެކެވެެ. އޭޝިއާ އަދި އެފްރިކާ ގައުމުތަކަށް ޗައިނާއިން އެހީގެރިވެދޭ ގޮތަށް ނޭޓޯ ގައުމުތަކުން ފަންޑުކުރެވެން ހުރި ގޮތްތަކާ މެދު ވެސް ސަމިޓްގައި ބަހުސް ކުރެވޭނެ އެވެ.

ނޭޓޯ ގައުމުތަކުގެ ތެރޭގައި ޚިލާފު އުފެދިފައި ހުރި ގައުމުތައް އަލުން މޭޒުދޮށް ގެނެސް ގުޅުން ގާތްކުރުމަކީ ވެސް ސަމިޓްގެ ބައެކެވެ.