ދުނިޔެ

ޓްރަމްޕަށް ވުރެ ބައިޑަންއާ ހެދި ނޭޓޯއަށް އޮތް ނުތަނަވަސްކަން ބޮޑު: ޕޮލިޓިކޯ

އެމެރިކާގައި މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން -- ޖޯ ބައިޑަން އާއި ޑޮނަލްޑް ޓްރަމްޕަކީ ނޭޓޯއަށް ބޮޑު ކަންބޮޑުވުމަކަށް ވެއްޖެ އެވެ.

ޖޯ ބައިޑަން އަކީ ނޭޓޯގެ މެމްބަރު ގައުމުތަކަށް ވަަރަށް އޯގާތެރި އަދި ނޭޓޯ ދެމެހެއްޓުމަށް ވައުދުވެވަޑައިގަންނަވާ ލީޑަރެކެވެ. ނަމަވެސް ބައިޑަންއާ ހެދި ނޭޓޯއަށް އޮތް ރިހުމަކީ އެމެރިކާގެ ރައީސެއްގައި ހުންނަން ޖެހޭ ގާބިލުކަން އޭނާގެ ކިބައިގައި ނެތުމެވެ.

ޖަލްސާތަކުގައި އަދި ބޮޑެތި ރަސްމީ ބައްދަލުވުންތަކުގައި ބައިޑަންއަށް ވިދާޅުވެވޭ ބައެއް ބަސްތައް މިހާރު ވަރަށް ބޮޑު ޖޯޖަކަށް ވަނީ ވެފަ އެވެ. ދޫއޮޅިވަޑައިގެން މީހުންގެ ނަންތަކާއި ގައުމުތަކުގެ ނަންތައް ނުބައިކޮށް ވިދާޅުވެވުމަކީ ވަރަށް އާންމުކޮށް އޭނާއަށް ކުރެވޭ ކަމެކެވެ.

ރަސްމީ މުހިންމު ބައެއް ސުވާލުތަކަށް ޖަވާބުދެއްވުމުގައި ވިދާޅުވާނެ އެއްޗެއް އެނގިވަޑައިނުގެން ހުއްޓި ވަޑައިގެން ހުންނެވުމަކީ ވެސް ބައިޑަންގެ ކިބައިން ފެންނަ ކަމެކެވެ.

ޖޯ ބައިޑަންއާ މެދު އެމެރިކާގައި ނުތަނަވަސްކަން ބޮޑުވީ މިދާކަށް ދުވަހު، ސީއެންއެންއިން ރާވައިގެން ބޭއްވި އެމެރިކާގެ ރިޔާސީ ބަހުސްގައި، ރިޔާސަތުން ކުރި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަން ބައިޑަންއަށް އެނގިވަޑައި ނުގަތުމެވެ.

ބައިޑަންގެ ކިބާގައި ހުޝިޔާރުކަން ނެތުމާއި، ކުއްލި ބަސްތަކުން ވާދަވެރިޔާ -- ޑޮނަލް ޓްރަމްޕް ސިއްސުވާލައްވައި ހުއްޓުވާލަން ބައިޑަންއަށް ދަތިވުމަކީ ވެސް ބޮޑު ފޭލިވުމެކެވެ.

ޑޮނަލްޑް ޓްރަމްޕާ ހެދި ނޭޓޯއަށް އޮތް ބިރަކީ އޭނާގެ ވެރިކަމެއްގައި އެ ޖަމާއަތް ވުޖޫދުން ފޮހެލައްވާނެ ކަމަށް ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވުމެވެ. އަދި ނޭޓޯގެ މެމްބަރު ގައުމުތަކުން ބޮޑެތި ފީތައް ނަންގަވާނެ ކަމަށް ވިދާޅުވުމެވެ.

ނޭޓޯ ގައުމުތައް ދިފާކުރުމަށް ގޮސް ތިބި އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެންދަވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ނޭޓޯ ދެމެހެއްޓުމަކީ ހަމައެކަނި އެމެރިކާއަށް އުފުލަން ޖެހޭ ބުރައެއް ގޮތުގައި އޮވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ މަޝްވަރާކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުމަކީ ވެސް ނޭޓޯ ލަދުން ހަލާކުވާ ވަރުގެ ކަމެކެވެ.