އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުންނެވީ މުނާސަބު ކޮންމެ ވަގުތެއްގައި ވެސް ރަޝިއާގެ ރައީސް ލަޑިމިއަރު ޕޫޓިންއާ ބައްދަލު ކުރައްވާ ގޮތަށް ކަމަށް އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.
ބްލިކެން ވިދާޅުވި ގޮތުގައި ޕޫޓިންއާ މަޝްވަރާ ކުރައްވައިގެން ކަމެއް ހައްލުވާން އޮތް ނަމަ އެ ފުރުސަތު އެމެރިކާ ދޫކޮށްނުލާނެ ކަމަށެވެ.
ރަޝިއާ އާއި ޔުކްރޭނާ ދެމެދު މިހާރު އޮތް ނުތަނަވަސް ކަމުގައި ދުނިޔެއަށް އެންމެ ރަނގަޅު ގޮތަކީ ޕޫޓިންއާ މަޝްވަރާ ކުރެއްވުން ނުވަތަ ބައްދަލު ކުރެއްވުން ކަމަށް ވާނަމަ، ޖޯ ބައިޑަންގެ ސަރުކާރުން އެ ފުރުސަތުގެ ބޭނުން އެކަށީގެންވާ ގޮތަށް ބޭނުން ކުރައްވާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.
ރަޝިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ބްލިންކެން ވިދާޅުވީ އެމެރިކާގެ ގަބޫލު ކުރުމަކީ ޔުކްރޭނަށް ރަޝިއާގެ އަސްކަރީ ފައުޖުތައް އަރައިގަންނާނެ ކަމެވެ.
އޭނާ އަދި ވިދާޅުވީ ޕޫޓިންގެ މުށުތެރެއަށް ޔުކްރޭން ނުލެވޭހާ ހިނދު މަޝްރަހުން އުދާސް ނުފިލާނެ ކަމަށެވެ. ޕޫޓިން ވަނީ އެގޮތަށް ނިޔަތްގެންފައި ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.
ބްލިންކެން ވިދާޅުވީ ހަނގުރާމަ އަކީ އެކަކު ވެސް ރުހޭނެ ކަމެއް ނޫން ކަމަށާއި އެކަމުގައި އޮތީ ފަނާ ކުރުން ކަމަށެވެ.
އެމެރިކާ އޮތީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަޝްވަރާ އިޚުތިޔާރު ކުރާ ގޮތަށް ކަމަށް ބްލިންކެން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ހަނގުރާމައަކަށް ނުގޮސް ވާނެ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
އެމެރިކާ ބުނާ ގޮތުން ރަޝިއާގެ މަގުސަދަކީ ޔުކްރޭން ހިފުމެވެ. އެ މަގުސަދުގައި ޔުކްރޭނަށް ހަމަލާއެއް ދީފި ނަމަ ރަޝިއާ ދުވަހަކު ވެސް ހީކޮށްފައި ނުވާ ވަރަށް ދަތިކުރާނެ ކަމަށް ބްލިންކެން ވިދާޅުވި އެވެ.
ޔުކްރޭނަކީ ވެސް މިނިވަން މުސްތަގިއްލު ގައުމެއް ކަމަށް ވިދާޅުވެ ބްލިންކެން ވިދާޅުވީ އެމެރިކާ އާއި ބައިވެރިން ޔުކްރޭން ދިފާއު ކޮށްދޭނެ ކަމަށެވެ.