އެމެރިކާ ސިފައިން ޖަރުމަނަށާއި އިރުމަތީ ޔޫރަޕަށް ފޮނުވުމުގެ ބޭނުމަކީ ރަޝިއާއާ ހަނގުރާމަކުރުން ނޫން ކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާގެ ސަލާމަތާ ބެހޭ މުޝީރު، ޖޭކް ސުލިވަން ވިދާޅުވި ގޮތުން ރަޝިއާއާ ހަނގުރާމަ ކުރުމަކީ އެމެރިކާ ގަސްދުކުރާ ކަމެއް ނޫނެވެ.
މުޝީރު ވިދާޅުވީ ރަޝިއާއާ ކުރިމަތިލައި ހަނގުރާމަ ކުރެވެން ހުރި ގޮތްތައް އަންދާޒާކުރަން ރައީސް ޖޯ ބައިޑަން އަމުރު ކުރައްވާފައި ނުވާ ކަމަށެވެ.
ފޮކްސް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސުލިވަން ވިދާޅުވި ގޮތުގައި އެމެރިކާ ކުރަން އުޅޭ ކަމަށް ބަޔަކަށް މިހާރު އެނގެން ވެއްޖެ އެވެ. އެމެރިކާގެ އަސްކަރީ ފައުޖުތައް ޔޫރަޕްގައި ނޫނަސް، ބައްރުތަކުގައި އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޭކް ސުލިވަން ވިދާޅުވީ އެމެރިކާ ސިފައިން އިރުމަތީ ޔޫރަޕަށް ފޮނުވަނީ ނޭޓޯ ނިސްބަތްވާ ސަރައްދު ހިމާޔަތްކުރަން ކަމަށެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ނޭޓޯ ގައުމުތަކުން ދުނިޔެއަށް ދައްކަން މަސައްކަތް ކުރަނީ ރަޝިއާ އަކީ ގޮތެއް ނެތް ގައުމެއް ކަމެވެ. އަސްކަރީ ބާރު ބޭނުންކޮށް މިނިވަން ގައުމުތަކަށް އަރައިގަތުމަކީ ރަޝިއާ ޖެހިލުންވާ ކަމެއް ނޫން ކަމެވެ.
އެހެން ނަމަވެސް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ނޭޓޯ ގައުމުތަކުން ދުނިޔެއަށް އޮޅުވާލައި ފަތުރަމުން އެގެންދަނީ ހަމައެކަނި އެމީހުންނަށް ފައިދާ އޮތް އެޖެންޑާއެކެވެ.
ރަޝިއާ އާއި ޔުކްރޭން ޝާމިލްވާ ގޮތުން ބޮޑު މައްސަލަގަނޑެއް އުފައްދައި އެމެރިކާއިން ތަކުރާރު ކުރަން މަސައްކަތްކުރަނީ އެމެރިކާ ސިފައިން އީރާގަށް އަރައިގަނެ ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލައި މުޅި ގައުމު ސުންނާފަތިކުރި ކުރުމެވެ.
އީރާގަށް އަރައިގަތުމަށް އެމެރިކާ ދެއްކި ބަހަނާއަކީ އީރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނުމެވެ. އަދި ފޭކް ސެޓެަލައިޓް ފޮޓޯތަކެއް ދުނިޔެއަށް ދައްކައި، އީރާގާ ދެކޮޅަށް އަޑުއުފުލަން މުޅި ދުނިޔެއަށް ގޮވާލި އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ނޭޓޯއިން މިހާރު އެކުރަނީ ދާދި އެއްކަމެކެެވެ. ޔުކްރޭނަށް އަރައިގަންނަން ރަޝިއާ މަސައްކަތްކުރާ ކަމަށް ބުނެ އަޑުގަދަކުރުމުގެ ބޭނުމަކީ ޔުކްރޭން ސަރަހައްދުގައި ނޭޓޯ ސިފައިން ދާއިމަށް ތިބެވޭނެ ގޮތް ހެދުމެވެ.
ޔުކްރޭންއަކީ ރަޝިއާއާ އިންވެގެން އޮތް ގައުމަކަށް ވާތީ، ރަޝިިއާއާ އެހާ ގާތުގައި ނޭޓޯ ސިފައިން ނުތިބުމަށް ރަޝިއާ ވަނީ ގޮވާލާފަ އެވެ. ރަޝިއާގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކޮންމެ ހާލަތެއްގައި ވެސް ދިފާއީ ފިޔަވަޅު އަޅާނެ ކަަމަށް ވެސް ކުރިއާލައި ރަޝިއާ އޮތީ އަންގާފަ އެވެ.