ކޮންމެ ކަމަކާ އިންޑިއާއާ ގުޅުވައި ވާހަކަ ދައްކަނީ ދައްކާނެ އެހެން ވާހަކައެއް ނެތުމުން ކަމަށް ވިދާޅުވެ މި ސަރުކާރުގެ ނުފޫޒުގަދަ މިނިސްޓަރު ފައްޔާޒު އިސްމާއީލް، އިދިކޮޅު ސިޔާސީ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ބޭރުގެ ފަރާތްތަކަށް އެއާޕޯޓް ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އިސްލާހުކޮށް އިއްޔެ އަމަލު ކުރަން ފެށިއިރު އެ ޕޮލިސީގައި އެއާ ޓްރެފިކް ކޮންޓްރޯލް ވެސް އިންވެސްޓުކުރާ ބޭރުގެ ކުންފުންޏަށް ލިބޭތީ އެކަމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން ރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އެފްޑީއައި އިސްލާހު ކުރި ކުރުމަށް ފާޑުވިދާޅުވެ އިދިކޮޅުގެ ބައެއް އިސް ބޭފުޅުންގެ ނަންތައް ވެސް ވިދާޅުވެ ފައްޔާޒު ވިދާޅުވީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން މަސައްކަތް ކުރައްވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. އަދި ކޮންމެ ކަމަކާ އިންޑިއާއާ ގުޅުވައި ވާހަކަ ދައްކަނީ ދައްކާނެ އެހެން ވާހަކައެއް ނެތުމުން ކަމަށް ވިދާޅުވިއެވެ.
އިންޑިއާއަށް ފުރުސަތު ފަހިކޮށްދީ އެ މީހުންގެ ނުފޫޒު ރާއްޖޭގައި ގަދަކުރަން ސަރުކާރުން ފަހިކޮށްދޭ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ފައްޔާޒު ވަނީ އިންޑިއާ މީހުން ރާއްޖެ ގެނެސް ދިރިއުޅުން ހޯދައިދޭން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެފައެވެ.
އެގްޒިމް ބެންކުގެ އެހީގައި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރެވޭތީ މި ސަރުކާރުގެ ވެރިން ގެންދިޔައީ އިންޑިއާއާ އެ ގައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ސަނާކިޔާ ޝުކުރު އަދާކުރަމުންނެވެ. އަދި އެއީ ލޯނެކޭ ބުނަންވެސް ސަރުކާރުގެ ވެރިން ދިޔައީ ދެކޮޅު ހަދަމުުންނެވެ. ނަމަވެސް ވަރަށް ބޮޑަށް ޕްރެޝަރުގައި ހުންނަވާ ރޭ ފައްޔާޒު ދެއްވި ނިއުސްކޮންފަރެންސްގައި ވިދާޅުވީ ހަނިމާދޫ ތަރައްގީ ކުރަނީ ލޯނަކުން ކަމަށާ އިންޑިއާ ކޮންޓްރެކްޓެއް ހޮވަނީ ލޯނު ދޫކުުރުމުގެ ޝަރުތަކަށް އެކަންވާތީ ކަމަށެވެ.
"އޮޅުވާލައިގެން ދައްކާނެ ވާހަކައެއް ނެތުނީމަ އަބަދުވެސް އިންޑިއާއާ އަޅުގަނޑުމެން ގުޅުވާ، އަޅުގަނޑުމެން ފެންތައްޓެއް ބޯލިޔަސް އިންޑިއާއާ ގުޅުވަން މަސައްކަތް ކުރަނީ އެހެން ކަމެއް ނެތީމަ، އެހެން ގޮތެއް ނެތީމަ ދައްކާނެ އެހެން ވާހަކައެއް ނެތީމަ. ދިވެހި ރައްޔިތުންނަށް މިކަން ވަރަށް ސާފުކޮށް އެނގޭނެ. އަޅުގަނޑުމެން ނޫޅެން އިންޑިއާ މީހުން މިތަނަށް ގެނެސްގެން ދިރިއުޅޭނެ ގޮތެއް ހަދާކަށްވެސް. ހަނިމާދޫގައިވެސް އިންޑިއާގެ އެގްޒިމް ބޭންކުގެ ފައިސާއިން އަޅުގަނޑުމެން މި ހަދަނީ ލޯނެއް ނަގައިގެން. އެ ލޯނުގެ ކޮންޑިޝަންއެއް އިންޑިއާގެ ކުންފުންޏެކޭ ކޮންސްޓަކްޓް ކުރަން ޖެހޭނީ. އޭގެ 70 ޕަސެންޓްބައި،" ފައްޔާޒު ވިދާޅުވިއެވެ.