މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ބިލެއް ސްޕޮންސާކުރި ސަބަބު އެ ބިލު މަޖިލީހަށް ހުށަހެޅުއްވި
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ސާފުކޮށްދެއްވައިފި އެވެ.
އެ ބިލު މަޖިލީހުގައި އިއްވަމުން ހިސާން ވިދާޅުވީ އޭނާއަށް ދަސްވެފައި އޮތީ އިންސާނާގެ ލެޔަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން މީހަކު މަރަން ނުގޮވޭނެ ކަމަށާއި އަދި މީހަކު ނުރައްކަކަށް ހުށަހެޅިދާނެ އަމަލެއް ކުރެވިގެން ނުވާނެ ކަމަށެވެ.
ހަަމަ އެހެންމެ އިސްލާމް ދީން އަޅުގަނޑުމެންނަށް އުނގަންނައިދިނީވެސް އެ ރިވެތި އުސޫލުކަން ހިސާން ފާހަގަކުރެއްވި އެވެ.
" ކޮން މުޖުތަމައެއްގަތޯ މިކަންކަން ހުއްދަކުރަނީ. ހުދު އަަޅުގަނޑުމެން ކިހިނެއްތޯ މިކަންކަން ހުއްދަކުރާނީ
މިއީ ޒަމާނުއްސުރެ ދިވެހިން ގަބޫލުކުރަމުން އައި އުސޫލު." ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތް ހިނގަނީ ތަރުތީބުވެފައިވާ އިޖުރާތްތަކެއްގެ ތެރެއިން ދައުލަތުގެ މުވައްސަސާތައް މެދުވެރުކޮށް ގާނޫނު އަސާސީއާއި ގާނޫނުގެ ތަރަހައިގެ ތެރެއިން ކަމަށެވެ.
"އެހެންކަމުން އެ އިޖުތެރެއިން ކުށްކަނޑައެޅުމާއި ކުށްވެރިކުރުން އަދި ކުށުގެ މައްސަލަ ބެލުން އެެއީ ދައުލަތުން ކުރާކަމެއް. އެކަންކަން ކުރަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުންވާނީ ނިޒާމް ގެއްލި ގާނޫނު އަތްމައްޗަށް ނަގައި
މުޅި މުޖުތަމައުގެ އަމަން އަމާންކަން ގެއްލިގެންދާނެ ކަމަކަށް." ހިސާން ވިދާޅުވި އެވެ.
ހިސާންގެ ބިލުގައި ނަފްރަތު އުފެއްދުން ކުށަކަަށް ހަދަން ހުށަހަޅި އިރު އޭނާގެ ނަޒަރުގައި ނަފްތަރުގެ ބަސްތައް މިފަހުން އާންމުކޮށް ބޭނުންކުރަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގަ އެވެ. ހަމަ އެހެންމެ އެތައް ބައެއްގެ ލޭ ހުއްދަކޮށް ގާނޫނުގެ ބޭރުން މީހުން މަރަން ވެސް އެފަދަ ނުރައްކާތެރި ބަސްތައް ބޭނުންކުރެ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ބިރުވެރިކަމަށް ވެސް ހިސާން އަލި އަޅުވާލެއްވި އެވެ. އެގޮތުން
ދިވެހި ދައުލަތެއްގެ ތެޜޭގައި އަނދިރި ދައުލަތެއް ހިންގަން ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވި އެވެ. އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މިދިޔަ މަހު ހަވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި އޮތީ އަނދިރި ދައުލަތެވެ.
ބިލަކީ އިސްލާމް ދީނާ ދެކޮޅަށް ހުށަހަޅާ ބިލެއްކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ހިސާން ދެކެވަޑައިގަންނަވަ އެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވީ ހިނދު މުސްލިމަކަށް ވެގެން ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭނެކަމަށް ކަނޑައަޅާފައިވާ ކަން ހިސާން ފާހަގަކުރެއްވި އެވެ.
"އިސްލާމް ދީނަށް ހަޖޫ ޖެހުން. ހުއްދައެއް ނޫން. އިސްލާމް ދީނަށް ފުރައްސާރަކުރުން ހުއްދައެއް ނޫން. މި ހަގީގަތް ބަޔަކު ވަނީ އޮޅުވާލަން މަސައްކަތް ކޮށްފައި. ބަޔަކު ހަގީގަށް އޮޅުވާލަން މަސައްކަތް ކުރި ނަަމަވެސް 2015 ވަނަ އަހަރުން ފެށިގެން މިއީ ޖިނާއީ ކުށެއް. އިސްލާމްދީނަށް ތައުހީނުކުރުމަކީ މިހާރުވެސް ކުށެއް." ހިސާން ވިދާޅުވި އެވެ.
"ހިސާން ބިލު" މަޖިލީހުގައި އިއްވުމުގެ ކުރިން އެ ބިލާ ދެކޮޅަށް ދީނީ އިލްމުވެރިންނާއި އަދި އިދިކޮޅު ޕީޕީއެމް / ޕީއެންސީ އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ ތެދުވެފަ އެވެ. އަދި މާލޭ ސިޓީ ހިމެނޭ ގޮތަށް ގިނަ ކައުންސިލްތަކުން ވަނީ އެ ބިލާ ދެކޮޅަށް ތެދުވެފައިވާއިރު އާންމު ގިނަ ރައްޔިތުން ވެސް އެ ބިލާ ދެކޮޅެވެ.