އަބްދުﷲ ސަނީފް

"ހިސާނު ބިލު" ގެންގޮސް އެމްޑީޕީގެ ދީނީ ކޮމެޓީ ހޮވާ: ސަނީފު

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ހުށަހަޅައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ސްޕޮންސާ ކުރެއްވި "ހިސާނު ބިލު" އަނބުރާ ގެންދަން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ގޮވާލައްވައިފި އެވެ. އެއާކު އެމްޑީޕީގެ ދީނީ ކޮމެޓީ އެކުލަވައިލަން ވެސް އޭނާ އެދި ވަޑައިގަތެވެ.

"ހިސާން ބިލު" ގެ ބަހުސް މިއަދު މަޖިލީހުގައި ފަށާފައިވާއިރު އެ ބިލުގެ ބޭނުމަކީ ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުން ކަމަށް ބުނެފައި ވެއެވެ. ނަފުތަރުގެ ބަސްތައް މިފަހުން އާންމުކޮށް ބޭނުން ކުރަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް އެތައް ބައެއްގެ ލޭ ހުއްދަ ކޮށް ގާނޫނުގެ ބޭރުން މީހުން މަރަން ގޮވާލުމަށް ކަމަށް ހިސާން ތުހުމަތު ކުރައްވަ އެވެ.

"ހިސާން ބިލު" މަޖިލީހަށް ފޮނުވި ހިސާބުން ބިލާ ދެކޮޅުކަން ހާމަ ކުރައްވާފައިވާ ސަނީފު މިއަދު "ހިސާން ބިލު" ބަހުސްގައި ބައިވެރިވެ ވަޑައިގެން ވަނީ އެނާ "ހިސާން ބިލު" ބަލައި ނުގަންނަ ސަބަބުތައް ސާފު ކޮށްދެއްވާފަ އެވެ.

ބިލުގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދާފައި ވެއެވެ. ނަމަވެސް ބިލުގައި އެ މާއްދާ އެގޮތަށް އޮތުމުން އޭގެ މާނަަ ވަރަށް ފުޅާކޮށް މާނަ ކުރެވިދާނެ ކަމަށް ސަނީފް ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެކޭ އިސްލާމް ދީނާ ދެކޮޅު މީހެކޭ ތިޔަބޭފުޅުން ތިޔަ ވާހަކަ ދައްކަނީ ނޫނީ އިސްލާމް ދީނަށް އަރައިގަނެވޭނެ ކަންތައްތަކެކޭ ތިބޭފުޅުން ތިޔަ ވިދާޅުވަނީ މި ބާވަތުގެ އިބާރާތުން ބުނެވިއްޖިއްޔާ އެއީ ގާނޫނީ ކުށެއްގެ ތެރެއަށް ފޯލްވުން ކަމަށް ބެލި ދާނެ،" ސަނީފް ވިދާޅުވި އެވެ.

"ހިސާން ބިލް" ގެ ސަބަބުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅި އެއީވ ޑިމޮކްރަސީއާ ބީރައްޓެހި އެއްޗެކަަށް ވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ސަނީފް ފާޅު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން ފުޅާކޮށް އޮންނަން ޖެހޭނެ ކަމަށެވެ.

"އިސްލާމްދީނުގެ އަގީދާއާއި ގުޅުވައިގެން މުޖުތަމައުގެ މީހަކާމެދު ނަފްތަރު އުފެއްދުންކަމުގައި މީގަައި ބެލެވިދާނެ
ޒިނޭ ކުރާމީހާ ޒިނޭ ކޮށްފިކަމަށް ބުނާ ހިނދުގައި ނުވަތަަ ރާ ބުއި މީހާ ރާ ބޮއެފި ކަމަށް ބުނާ ހިނދެއްގައި... ރާއްޖޭގައި މިބީދައިން ބިލެއް ފާސް ކޮށްފި ކަމަށް ވާނަމަ ރާއްޖޭގެ ޖަލުތަކުގައި ސިޔާސީ މަގުސަަދަކަށްޓަކައި ސިޔާސީ ކުށްވެރިން ރާއްޖޭގެ ޖަލުތަކުގައި ފުރާލެވިގެން ދާނެކަމީ މި ބިލުން އަޅުގަނޑަށް ފެންނަން އޮތް ހަގީގަތް،" ސަނީފް ވިދާޅުވި އެވެ.

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުން އުނި ކުރަން ސަނީފް އެދިވަޑައިގެންނެވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގައި ދީނީ ގޮތުން މަޝްވަރާ ކުރަން އޮންނަ ކޮމެޓީގައި އެއްވެސް މެމްބަރެއް ނެތި ފަސް އަހަރު ދުވަސްވެފައި ވާއިރު އިސްލާމް ދީނާ ގުޅޭ ކަންކަމުގައި ގޮތެއް ނިންމަން ޖެހޭނީ އެ ކޮމެޓީން ކަމަށެވެ. އެ ކޮމެޓީ އަލުން އެކުލަވާލައި ބިލު އަނބުރާ ގެންދަން ވެސް އޭނާ ސަރުކާރަށް އޭނާ ގޮވާލެއްވި އެވެ. އަދި ވިދާޅުވީ އެހެންނޫނީ އިސްލާމްދީނުގެ ދިފާއުގައި މަސައްކަތްކުރާ މީހުންގެ އަތް ފައި ބަނދެވިގެން ދާނެ ކަމަށެގވެ.

މާލޭގައި މަޖާކުރާ މަރުކަޒެއް އަޅަން އެމްޑީޕީން މިއަހަރު ހުށަހެޅި ގަރާރާ ދެކޮޅު ހެއްދެވި ހަމައެކަނި އެމްޑީޕީގެ މެމްބަރަކީ ވެސް ސަނީފެވެ.

ސަނީފް މިއަދު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ދަނިކޮށް ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމު (ދޮންބިލެތް) ވަނީ ނިޒާމީ ނުކުތާ ނަންގަވައި އޭނާގެ ވާހަކަތަކަށް ހުރަސް އަޅުއްވައިފަ އެވެ. އަދި ބިލުގެ ސަބަބުން އަގީދާއަށް ހުރަސް ނޭޅޭނެ ކަަމަށާއި އަދި ހަމައެކަނި ހުއްޓުވާނީ މީހުންގެ މެދުގައި ނަފްތަރު އުފެއްދުމާއި މީހުންގެ ލޭ ހުއްދަ ކުރުން ގޮވާލުން އެކަނިކަމަށް ވިދާޅުވި އެވެ.