މާލޭގައި ހިންގާ ސެލޫންތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި އެވެ.
އޮންލައިންކޮށް ކުރިއަށް ދިޔަ މިބައްދަލުވުމުގައި ސެލޫންތަކުގެ ވެރިން ވަނީ ކޮވިޑް 19އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ސެލޫންތަކަށް ކުރިމަތިވެފައިވާ ދަތިތައް ރައީސް ސޯލިހްގެ ސަމާލު ކަމަށް ގެނެސްފަ އެވެ.
މިބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޮވިޑް ފިޔަވަޅުތަކަށް ލުއިދޭއިރު ސެލޫންތަކުގެ ވެރިން ހުށަހެޅުއްވި ކަންކަމަށް ރިއާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.
ކޮވިޑް 19އާއި ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު މާލޭގައި ހިންގާ ސެލޫންތައް ބަންދުކުރަން އެޗްޕީއޭ އިން އެންގީ މިދިޔަ މަހުގެ ހަވަނަ ދުވަހު އެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިއަދު ވަނީ ލުއި ވެސް ދީފަ އެވެ. އެގޮތުން ފަތިހު 4:00 އިން ހެނދުނު 8:00 އެކަނި ނިކުމެ ކަސްރަތު ކުރަން ވަނީ ފުރުސަތު ދީފަ އެވެ. އަދި މިސްކިތްތަކުގައި ވަކިން ނަމާދު ކުރަން ވަނީ ފުރުސަތު ދީފަ އެވެ.
އެޗްޕީއޭ އިން ވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ އެހެން ފިޔަވަޅުތައް އަދިވެސް އިތުރު ދެ ހަފްތާއަށް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.