ހިޔާ މަޝްރޫއު

ހިޔާ އެއްބަސްވުންތަކުގައި ސޮއިކުރުން ޖުލައި 14 ގައި

ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" ފްލެޓްތައް ލިބުނު މީހުންނާއެކު އަންނަ މަހު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އަންނަ މަހުގެ 14 ވަނަ ދުވަހު އެއްބަސްވުން ތަކުގައި ސޮއިކުރަން ފަށާނެ ކަމަށެވެ. އަދި މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަން އެޗްޑީސީން އަމާޒު ހިފާފައިވާ ކަމަށެވެ.

"އެޗްޑީސީން މައުލޫމާތު ދެއްވާ ގޮތުގައި އެގްރީމަންޓްތަކުގައި ސޮއިކުރަން ފަށަން ހަމަޖެހިފައިވަނީ 14 ޖުލައިވާ ދުވަހު. އަދި 14 ޖުލައިން ފެށިގެން ޖުމްލަ 30 ދުވަހުގެ ތެރޭގައި ހުރިހާ ބޭފުޅުންގެ އެގްރީމަންޓްތަކުގައި ސޮއިކުރެވޭނެ ކަމަށް،"

މަބުރޫކް ވިދާޅުވީ އޭގެ ކުރިން ހިޔާ ފްލެޓްތަކުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިންމާނެ ކަމަށެވެ. މިހާރުވެސް ސްޓެލްކޯ އިން ފްލެޓްތަކުގައި އިލެކްޓްރިކް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު މާދަމާ މަސައްކަތް ފަށާނެ ކަމަށާ އަދި ޖުލައި 16ގެ ކުރިން ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ. މީގެ އިތުރުން 16 ޓަވަރުގެ ތެރެއިން ނުވަ ޓަވަރުގައި މެއިން ޕެނަލް ހަރުކޮށް ވަނީ ނިމިފަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" ފްލެޓް ތަކަށް ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭ ކުލީގެ އަގު 6،000 ރުފިޔާ އަށް ވުރެ ކުޑަކޮށް ދޭން މާލެ ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ހުށަހަޅާފަ އެވެ.

އެކަމާއި ގުޅޭގޮތުން މަބުރޫކް ވިދާޅުވީ އެ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.