މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އެފްޑީއައި އިސްލާހުކޮށް އެއާ ޓްރެފިކް ކޮންޓްރޯލް ދައުލަތަށް

ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގަން މަގުފަހިވާ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އިސްލާހުކޮށް އަމަލު ކުރަން ފެށުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން އެއާޕޯޓުތަކުގެ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ އެއްވެސް ބާރެއް ބިދޭސީ ކުންފުނިތަކަށް ނުލިބޭނެ ގޮތަށް އެ ގަވައިދު އަނެއްކާ ވެސް އިސްލާހުކޮށް އެފްޑީއައި ޕޮލިސީ ގެޒެޓްކޮށްފި އެވެ.

ކުރިން އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެއް ކަމަކީ އެެއާޕޯޓްތައް ހިންގަން ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކަށް ފުރުސަތު ދޭއިރު އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ހުރިހާ ބާރެއް ވެސް ބޭރުގެ ކުންފުންޏަށް ލިބޭ ގޮތަށް އޮތުމެވެ.

އާދީއްތަ ދުވަހު އެފްޑީއައި އިސްލާހުކޮށް އަމަލު ކުރަން ފެށުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން މިދިޔަ ހޯމަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ހުރިހާ ކަމެއް ދިވެހި ދައުލަތުން ބަލަހައްޓާ ގޮތަށް ޕޮލިސީ އިސްލާހުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރުގެ ކުންފުނިތަކަށް ދިނުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށާއި ޕޮލިސީގައި އިބާރާތް ކުރިން އޮތް ގޮތުން ރައްޔިތުންގެ ތެރެއިން ބަޔަކަށް އޮޅުން އަރާތީ ސާފުވާ ގޮތަށް އިބާރާތް އިސްލާހު ކުރައްވާނެ ކަމުގައިވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވެ އެވެ.

ޕޮލިސީ އަލުން އިސްލާހުކޮށް ރޭގެ ވަގުތެއްގައި ގެޒެޓް ކޮށްފައިވާއިރު މިހާރު ވެސް ޕޮލިސީ އޮތީ ބޭރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުނިތަކަށް އެއާޕޯޓްތައް ހިންގަން ފުރުސަތު ދެވޭ ގޮތަށެވެ. އެކަމަކު އެއާޕޯޓްތަކުގެ ބައެއް ކަހަލަ މަސައްކަތްތައް ކުރާނީ ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ކަމަށް ބުނެފައިވެ އެވެ. އެގޮތުން ކަސްޓަމްސް، އެއާ ޓްރެފިކް ސާވިސް ކޮންޓްރޯލް، އޭވިއޭޝަން ސެކިއުރިޓީ އަދި އިމިގްރޭޝަން ފަދަ ހިދުމަތްތައް ދޭނީ ދައުލަތުންނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނި ތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގަން ފުރުސަތު ލިބޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އެކުލަވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ. ޕޮލިސީ އެގޮތަށް އޮއްވާ މި ސަރުކާރު ވެރިކަމާ ހަވާލުވެ ޕޮލިސީގައި އޮތް 100 ޕަސަންޓްގެ ބަދަލުގައި 75 ޕަސަންޓް ލިޔުނީ ކަމަށެވެ. ނަމަވެސް އެފްއައިޑީގައި އަލުން 100 ޕަސަންޓް ކަމަށް ލިޔުނީ ބައެއް އިންވެސްޓަރުންގެ ހިޔާލުތަކާއި ގާނޫނީ ބައެއް ބޭފުޅުން ހިއްސާކުރެއްވި ލަފައާއި އިރުޝާދަށް ބަލާފައި ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވަނީ ރާއްޖޭގެ އެއްވެސް އެއާޕޯޓެއްގެ އެއްވެސް ހިއްސާއެއް ބޭރުގެ ފަރާތްތަކަށް ވިއްކާލާ، އެއާޕޯޓްތައް ޕްރައިވެޓައިޒް ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށްވެސް ވިދާޅުވެފަ އެވެ.