ހިޔާ މަޝްރޫގެ ދަށުން އެއް ކޮޓަރީގެ ފުލެޓް ލިބޭ މީހުންގެ ގޮތުގައި ކުރީގެ ސަރުކާރުން އެކުވަލާލި ލިސްޓްގައި ހިމެނި މީހުންގެ ނަންތައް މިސަރުކާރުން އުނިކޮށްލި ނަމަވެސް އެމީހުންނަށް ވެސް ގޮތްތަކެއް ހަމަޖައްސައިދިނުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަައިގެންފި އެވެ.
މުއިއްޒު މިކަމަށް އެދިވަޑައިގެންފައި މިވަނީ ހިޔާ މަޝްރޫއުގެ ދަށުން ދޫކުރަން އެއް ކޮޓަރީގެ ފްލެޓްތައް އެކަށީގެންވާ މިންވަރަށް ނެތް ކަމަށް ބުނެ އެއް ކޮޓަރީގެ ފްލެޓް ލިބޭ ކެޓަގަރީގައި ހިމަނާފައި ތިބި މީހުންނަށް ފްލެޓް ނުދޭން މިސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
ޕްލޭނިން މިނިސްޓްރީގައި މިނިސްޓަރު އަސްލަމާ މިއަދު ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓް ލިބޭ މީހުންނަށް ފްލެޓް ނުލިބޭ ގޮތް ވީ މިސަރުކާރުން ހިޔާ މަޝްރޫއުގެ ކެޓަގަރީތަކަށް ބަދަލު ގެެނެސް އެއް ކޮޓަރީގެ ފުލެޓްތަކުގެ ބައި އުވާލުމާ ގުޅިގެން ކަމަށެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރު ބަދަލުވިޔަސް ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބަދަލު ގެނައުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ގޮތަކަށް ބަދަލު ގެންނަ ނަމަ ސަރުކާރުގެ ނިންމުމެއްގެ ސަބަބުން ފްލެޓް ނުލިބިދާ މީހުންނަށް އެހެން ގޮތަކަށް ބޯހިޔާވަހިކަން ހޯދައިދޭން ޖެހޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެއް ކޮޓަރީގެ ފުލެޓް ލިބެނޭ ކަމަށް ކުރީގެ ސަރުކާރުގައި ޔަގީންކޮށްދީފައިވާ މީހުންނަށް އެ ކެޓަގަރީން ފްލެޓް ނުލިބޭ ގޮތަށް މި ސަރުކާރުން ނިންމުމާ ގުޅިގެން 1000 މީހެއްގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އަލަތު ކައިވެނީގެ ކެޓަގަރީގެ ދަށުން އެއް ކޮޓަރީގެ ފުލެޓް ލިބޭ މީހުންގެ ލިސްޓުން އުނިވެފައިވާ މީހުންނަށް މި ވަގުތު އެއްވެސް ގޮތެއް ނެތް ކަމުގައި ވިޔަސް، އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެެވެ.
މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެކުރިން ވެސް ވިދާޅުވި ގޮތަށް މިއަދުވެސް ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓްތައް އިމާރާތް ކުރުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. ނަމަވެސް މިހާރު ކުންފުނިތަކުން އިމާރާތް ކުރަމުންދާ ފުލެޓްތަކުގައި އެއް ކޮޓަރީގެ އެޕާޓްމަންޓް ތަކެއް ހަދަމުންދާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ހިޔާ މަޝްރޫގެ ދަށުން އެއް ކޮޓަރީގެ ފުލެޓް ލިބުނު ކަމަށް ކަނޑައަޅައި ކުރީގެ ސަރުކާރުން އެކުލަވާލާފައި އޮތް ލިސްޓުން އުނިކޮށްލި މީހުންނަށް ކުންފުނިތަކުން ހަދަމުންދާ އެއް ކޮޓަރީގެ ފްލެޓްތަކަށް ފުރުސަތު ހުޅުވާލާނެ ކަމުގައިވެސް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.