ހިޔާ މަޝްރޫއު

ހިޔާ: ޑައުންޕޭމަންޓް އެއްކޮށް ދައްކަން އަންގައިފި؟

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކަށް ޑައުންޕޭމަންޓް ދައްކާއިރު އެކީ އެއްފަހަރާ ދައްކަން އަންގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގައި އަޅާފައިވާ ފްލެޓްތަކުގެ ޑައުންޕޭމަންޓް މަހުން މަހަށް ބަހާލައިގެން ދައްކާގޮތަށް ކުރީ ސަރުކާރުން އޮތީ ނިންމާފައެވެ. މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުގެ ނިންމުން ބަދަލުކޮށް ޑައުންޕޭމަންޓް އެއް ފަހަރާ ދައްކަން ޖެހޭ ގޮތަށް މިހާރު ނިންމާފައިވާ ކަމަށް ފްލެޓް ލިބުނު ބައެއް މީހުން ކަންބޮޑުވުމާއެކު ހިއްސާ ކުރަމުންދާ ކަމަށެވެ.

"މިހެން ނުހެއްދެވުމަށް ސަރުކާރުގެ ކިބައިން އެދެން،" މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއީމީ ލިސްޓް އާންމުކުރީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުގެ ރެއެވެ. އާންމު ކުރި ލިސްޓްގައި 6،720 މީހެއްގެ ނަން ހިމަނާފައި ވެއެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ވަނީ 7،000 ފްލެޓެވެ. އެ ފްލެޓްތަކަށް 25،000 ވުރެ ގިނަ މީހުން ފޯމް ހުށައެޅި އެވެ.

ހިޔާ ފްލެޓްތައް ދޭނެ ބަޔަކު ނިންމާ ކުރީ ސަރުކާރުންވެސް ލިޔުން ދޫކުރިއެވެ. މި ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން އެ ލިސްޓަށް ބަދަލު ގެނެސް އެތަށް ބަޔަކު ވަނީ ލިސްޓުން އުނިކޮށްފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ޝަކުވާ ސަރުކާރަށް ވަނީ އަމާޒުވެފައެވެ.