އެޓާނީ ޖެނެރަލް

އަބުުރުގެ ބަދަލު ހޯދުމުގެ ގާނޫނެއް ގެންނަނީ

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް މިހާރު ކުރިއަށްދާ މަޖިލީހުގެ ދައުރަށް ހުށައެޅުމަށް ނިންމައިިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އަށް ބިލެއް ފޮނުވާ މި ދައުރަށް ހުށައަޅަން ހުރި އިތުރު ބިލްތަކުގެ މައުލޫމާތު އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ވަނީ އާންމުކޮށްފައެވެ. މި ދައުރަށް ހުށަހަޅަން ނިންމާފައިވާ ބިލް ތަކުގެ ތެރެއިން ފަސް ބިލަކީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބިލްތަކެކެވެ. އެ ފަސް ބިލަކީ އުފަންވުމާއި މަރުވުން ރަޖިސްޓްރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއި ބެހޭ ބިލާއި، ޖަނަވާރުގެ ސިއްހަތާއި ބެހޭ ބިލާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލްގެ އިތުރުން ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލެވެ.

މި ފަސް ބިލްގެ ތެރޭގައި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް ހިމެނޭއިރު އަބުރު ރައްކާތެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނެއް ރައީސް ޔާމީންގެ ސަރުކާރުންވެސް ގެނައެވެ. ނަމަވެސް އެ ގާނޫނާއި ދެކޮޅަށް މިހާރު ސަރުކާރުގައި ތިބި ބޭފުޅުން އޭރު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އަދި އެ ގާނޫނު އުވާލާނެ ކަމަށް ރައީސް ސޯލިހް ވައުދުވެވަޑައިގެންނެވިއެވެ. އެ ވައުދުފުޅާ އެއްގޮތަށް ވެރިކަމަށް ވަޑައިގެން ރައީސް އެންމެ ފުރަތަމަ އުވާލެއްވީވެސް އެ ބިލެވެ.

އަބުރުގެ ގާނޫނު އުވުމާ އެކު، ކުރިއެކޭ ވެސް އެއްގޮތަށް، "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަށް" ވަނީ އަލުން އަމަލު ކުރަން ފަށާފައެވެ. ނަމަވެސް ސަރުކާރުން މިހާރު މި ވަނީ އެ ގަވާއިދު ގާނޫނަކަށް ބަދަލު ކުރަން ނިންމާފައެވެ.

މަޖިލީހަށް ފޮނުވި އަށް ބިލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ދެ ބިލަކާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އުފަންވުމާއި މަރުވުން ރަޖިސްޓްރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއި ބެހޭ ބިލާއި، ޖަނަވާރުގެ ސިއްހަތާއި ބެހޭ ބިލްގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލެވެ.

މީގެތެރެއިން ބައެއް ބިލްތައް މަޖިލީހަށް ތައާރަފްކުރުމުގެ ގޮތުން މިހާރު ވަނީ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

މަޖިލީހުގެ މިދައުރަށް ހުށަހަޅަން ނިންމާފައިވާ އިތުރު ބިލްތަކުގެ ތެރޭގައި ހިމެނެނީ ހެއްކާ ބެހޭ ބިލާއި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލާއި، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލާއި، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެ އެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް މިދައުރަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރޭގައި ހިމެނެ އެވެ.