ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ތުރުކީ ބަލިކޮށް މި މުބާރާތުގައި ކުރިއަށް ދިއުމަށް ވޭލްސް އަށް އުއްމީދު ބޮޑުވެއްޖެ އެވެ.
އަޒަރުބައިޖާންގެ އެންމެ ބޮޑު ސްޓޭޑިއަމް، ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ތުރުކީ އާއި ވޭލްސް ބައްދަލު ކުރި މެޗް ވޭލްސް އިން ކާމިޔާބު ކުރީ ދޭއް ސުމެއްގެ ނަތީޖާއަކުންނެވެ.
މި މެޗުން ވޭލްސް މޮޅުވި އިރު މެޗުގެ 42 ވަނަ މިނެޓުގައި ވޭލްސްގެ ރަމްސޭ ވަނީ ގޯލު ޖަހައި ޓީމަށް ލީޑު ހޯދައި ދީފަ އެވެ. އަދި ދެވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ރޮބާޓްސް އެވެ. މި ގޯލަކީ ޓީމުގެ ކެޕްޓަން ބޭލް ދިން ޕާހަކުން ރޮބާޓްސް ޖެހި ގޯލެކެވެ.
މި ރޭގެ މެޗުން ވޭލްސް މޮޅުވި އިރު އެޓީމަށް ގޯލު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި އެޓީމަށް ހިފިފައެއް ނުވެ އެވެ.
ވޭލްސް މި ރޭގެ މެޗުން މޮޅުވި ނަމަވެސް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ތުރުކީ ޓީމުންނެވެ. އެގޮތުން މެޗުގައި ގިނަ ހަމަލާވެސް އުފައްދާފައި ވަނީ ތުރުކީ ޓީމުންނެވެ.
މިރޭގެ މެޗަކީ ފައުލްތައް ގިނަ މެޗަކަށް ވާއިރު ތުރުކީން ވަނީ 16 ފައުލެއް ކޮށްފަ އެވެ. އަދި ކޮންމެ ޓީމަކުންވެސް އެއް ކުޅުންތެރިއަކަށް ވަނީ ރީންދޫ ކާޑު ދައްކާފަ އެވެ.
މިހާތަނަށް ވޭލްސް އާއި ތުރުކީ ބައްދަލު ކުރި ބައިނަލްއަގްވާމީ މެޗުތަކަށް ބަލާއިރު ހަތަރު މެޗުން ވޭލްސް ވަނީ މޮޅުވެފަ އެވެ. އަދި އެއް މެޗުން އެއްވަރު ވެފައި ވާއިރު ދެ މެޗުން ވޭލްސް ވަނީ ބަލިވެފަ އެވެ.
މިރޭގެ މެޗުގެ ނަތީޖާ އާއި އެކު ވޭލްސްއަށް ގުރޫޕުގެ އެއްވަނަ ލިބެނީ ހަތަރު ޕޮއިންޓާއެކު އެވެ. އަދި ވާދަވެރި އިޓަލީއަށް ދެވަނަ ލިބެނީ މުބާރާތުގެ ފުރަތަމަ މެޗުގައި ތުރުކީ އަތުން ތިނެއް ސުމެއްގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ ތިން ޕޮއިންޓާއި އެކުގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވޭލްސް އާއި ވާދަ ކުރި މެޗުން އެއްވަރުވެ، އެއް ޕޮއިންޓާއެކު ގުރޫޕުގެ ތިން ވަނައިގައި އޮތީ ސްވިޒަލޭންޑް އެވެ. އަދި މިމެޗުން ބަލި ވުމާއި އެކު ގުރޫޕުގެ ފުލުގައި އޮތީ ތުރުކީ އެވެ. އެ ޓީމަށް މިމުބާރާތުގައި އަދި އެއްވެސް މެޗެއްް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.