ތުރުކީ ބަލިކޮށް ސްވިޒްލެންޑުން މުބާރާތުގެ ދެވަނަ ބުރާއި ގާތަށް ޖެހިލައިފި އެވެ. ބަކު އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްވިޒްލެންޑުން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.
މިރޭގެ މެޗުގައި ސްވިޒްލެންޑުން ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައި ރަނގަޅު ލީޑެއް ނަގާފައިވެ އެވެ. ފުރަތަމަ ގޯލު ސްވިޒްލެންޑަށް ކާމިޔާބު ކޮށްދިނީ މެޗުގެ ހަވަނަ މިނެޓުގައި ހަރިސް ސެފެރޯވިޗް އެވެ. ހަރިސް މި ލަނޑު ޖަހާފައި ވަނީ ސްޓީވަން ޒޫބެއާ ދިން ބޯޅައެއް އޭރިއާ ބޭރުގައި ހުރެފައި ގޯލުގެ ދުރު ކަނަށް ޖަހައިގެންނެވެ. ދެވަނަ ގޯލު ޖެހުމަށް ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ޒޫބެއާ އެވެ. މެޗުގެ 26 ވަނަ މިނެޓު އޭރިއާ ބޭރުގައި ހުރެފައި ޒެރްޑަން ޝަގީރީ މި ބޯޅަ ފޮނުވާލީ ތުރުކީ ގޯލުގެ މަތީ ކަނަށެވެ.
ދެވަނަ ހާފު ފަށާއިގެން މާ ގިނަ އިރެއް ނުވެ ތުރުކީން ވަނީ ގޯލެއް ޖަހާފަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އިރްފާން ޗޭން ކަވޭޗީ އެވެ. އޭރިއާ ބޭރުން ޖެހި މި ބޯޅަ މަތަ ކުރުމުގައި ސްވިޒްލެންޑުގެ ކީޕަރަށަ ނާކާމިޔާބުވީއެވެ.
ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ސްވިޒްލެންޑުން ވަނީ އިތުރުގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މިގޯލު ޖަހަންވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ޒޫބެއާ އެވެ. ޝަގީރީ ފޮނުވާލި މި ބޯޅަ ވަނީ ތުރުކީ ގޯލުގެ މަތީ ކަނަށެވެ.
ދެ ޓީމުން ވެސް ގިނަ ހަމަލާ ތަކެއް އުފެއްދި މި މެޗުގައި ރަނގަޅަށް ކުޅެފައި ވަނީ ސްވިޒްލެންޑު ޓީމުންނެވެ. ނަމަވެސް ފަސް ގޯލުގެ ތަފާތުން މޮޅު ނުވެވި އެ ޓީމު އޮތީ ގްރޫޕުގެ ތިން ވަނައިގަ އެވެ. ހުރިހާ މެޗަކުން މޮޅުވެ އިޓަލީ އެއްވަނައިގައި އޮތް އިރު، ވޭލްސް އޮތީ ދެ ވަނައިގަ އެވެ. މެޗަކުން މޮޅު ނުވެ ތުރުކީ އޮތީ ގްރޫޕް އޭގެ ފުލުގަ އެވެ.
ގަދަ ދެވަނައިން ފުރުސަތު ނުލިބުނު ނަމަވެސް ސްވިޒްލެންޑަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި އެބަ އޮތެވެ. އެއީ ތިން ވަނައިގައި ހިމެނޭ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމެވެ. މިހާރުގެ ނަތީޖާ ތަކަށް ބަލާއިރު ތިން ވަނައިގައި އޮތް ޓީމު ތަކުން އެންމެ އުހުގައި އޮތީ ސްވިޒްލެންޑެވެ. ނަމަވެސް ސްވިޒްލެންޑަށް ދެވަނަ ބުރަށް ދެވޭނެކަން ޔަގީން ވާނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ ނިމުމުންނެވެ. އެހެން ކަމުން މިހާރު ސްވިޒްލެންޑަށް އޮތީ ދެން ހުރި މެޗުތައް ނިމެންދެން ނަސީބު އަތުގައި ހިފާތޯ ބަލަން ތިބުމެވެ.