ޔުއެއާފާ ޔޫރޯ 2020

އިޓަލީން ބަލިނުވެ 30 ވަނަ މެޗަށް

އިޓަލީގެ ސްޓޭޑިއޯ އޮލިމްޕިއޯ ގައި މިރޭ ވޭލްސް އާއި ބައްދަލު ކުރާ މެޗަކީ އެ ޓީމަށް ވަރަށް ހާއްސަ މެޗެކެވެ. މި މެޗުގެ ކުރިއަށް ކުޅުނު 29 މެޗުންވެސް އެ ޓީމު ބަލިވެފައެއް ނުވެއެވެ.

މީގެ ތެރެއިން އެންމެ ފަހުން ކުޅުނު 10 މެޗުން އިޓަލީ މޮޅު ވެފައި ވަނީ ބައިކޮޅަށް އެންމެ ގޯލެއްވެސް ނުވަދެ އެވެ. އަދި ޔޫރޯ 2020 ގައި ކުޅު ދެ މެޗުން ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ، ހަ ޕޮއިންޓާއި އެކު އިޓަލީ އޮތީ ގްރޫޕުގެ އެއް ވަނައިގައި ހަމަޖެހިލާފަ އެވެ. އެހެން ކަމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް މި މެޗު މުހިންމެވެ.

ވޭލްސް އޮތީ ހަތަރު ޕޮއިންޓާއި އެކު ގްރޫޕުގެ ދެ ވަނައިގަ އެވެ.

މިރޭގެ މެޗުން އެއްވަރު ވެގެން ދެ ޓީމަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ދެ ޓީމުން ވެސް ގްރޫޕުގެ އެއްވަނަ އަށް ވާދަ ކުރާ މި މެޗުގައި ވޭލްސް އަށް އެއް ވަނަ ލިބެން އޮތީ މި މެޗުން މޮޅު ވެގެންނެވެ. މިރޭގެ މެޗުން އެއްވަރު ވިއަސް އިޓަލީއަށް ގްރޫޕުގެ އެއް ވަނައިގައި ފަރުޖައްސާލެވޭނެ އެވެ. މެޗުން ބަލިވި ނަމަވެސް ވޭލްސް އަށް ދެވަނަ ބުރު ނުގެއްލޭނެ އެވެ.

މި ގްރޫޕުގައި މިރޭ ދެން ކުޅޭ މެޗުން ސްވިޒަލެންޑް މޮޅުވެއްޖެ ނަމަ ވޭލްސް އާއި ޕޮއިންޓުގެ ގޮތުން އެއްވަރު ވާނެ އެވެ. ނަމަވެސް ވޭލްސް އަށް ގްރޫޕުގެ ދެވަނަ ގެއްލޭނީ ތުރުކީއަށް ސްވިޒަލެންޑްގެ ގޯލް ފޫއަޅުވާލަން ފުރުސަތު ނުދީ ތުރުކީ ކޮޅަށް މަދުވެގެން ހަ ގޯލު ޖަހައިގެންނެވެ.

މިރޭގެ މެޗާ ގުޅޭގޮތުން ވޭލްސްގެ ކޯޗު ރޮބާޓް ޕޭޖް ބުނީ މެޗަށް ނިކުންނާނީ ރަނގަޅު ޓީމަކާއި އެކު މޮޅު ފޯމޭޝަނެއްގައި ކަމަށެވެ. އަދި އަމާޒަކީ އިޓަލީ ސަޕޯޓަރުންގެ ކުރިމަތީގައި އެމީހުން ޖެހިޖެހިގެން ބަލިނުވެ 29 މެޗުން މޮޅުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް ގެނައުމެވެ.

މި މެޗަށް އިޓަލީގެ ކޯޗު ރޮބާޓޯ މެންސިނީ ނިކުންނަނީ ވަރަށް ހަމަޖެހި ހުރެ ބޮޑު އިތުބާރަކާއެކުގައެވެ. ޕީއެސްޖީގެ ތަރި މާކޯ ވެރާޓީ މިރޭގެ މެޗުގައި ފެންނާނެ ކަމަށް ބެލެވޭއިރު މިއީ މެންސިނީއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. ޓީމުގެ ކެޕްޓަން ކިއެލީނީ އަށް ކުރިން މެޗުގައި ލިބުނު އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. ނަމަވެސް 36 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު ދެވަނަ ބުރުގެ މެޗުތަކަށް މުޅިން ފިޓު ވާނެ ކަމަށް އެޓީމުން ބުނެ އެވެ. ކިއެލީނީ ނެތަސް ހާސްކަމެއް ނެތް ކަމަށް މެންސިނީގެ ވާހަކަ ތަކުން ދޭހަވެ އެވެ.

ގްރޫޕު އޭގައި މިރޭ އިޓަލީ އާއި ވޭލްސް ކުޅޭ މެޗަކީ ބައިންލައަގްވާމީ ގޮތުން މި ދެޓީމު ބައްދަލު ކުރާ 10 ވަނަ މެޗެވެ. މިއީ މި ދެޓީމު ގްރޫޕު ސްޓޭޖުގައި ކުޅޭނެ ފަހު މެޗެވެ. ދެޓީމަށްވެސް މެޗު ހަމަހަމަކޮށް ދެވަނަ ބުރަށް ދެވެން އޮތް ނަމަވެސް މިހާތަނަށް އެ ދެ ޓީމު ބައްދަލުކުރި އެއްވެސް މެޗެއް އެއްވަރުވެގެން ނިމިފައެއް ނުވެއެވެ. ކުޅުނު ނުވަ މެޗުގެ ތެރެއިން ވޭލްސް މޮޅުވީ ދެ މެޗުންނެވެ. ބާކީ ހަތް މެޗު ކާމިޔާބު ކުރީ އިޓަލީ އިންނެވެ.