ޔުއެއާފާ ޔޫރޯ 2020

ތުރުކީ އާއި ސްވިޒަލެންޑަށް މޮޅުވުން މަޖުބޫރު މެޗެއް

މިރޭ ނުވައެއް ޖަހާއިރު ބަކު އޮލިމްޕިކް ސްޓޭޑިއަމްގައި ތުރުކީ އާއި ސްވިޒަލެންޑް ބައްދަލު ކުރާ މެޗަކީ މި ދެޓީމަށް ވެސް މޮޅުވުން މަޖުބޫރު މެޗެކެވެ.

ޔޫރޯ 2020 ގައި މި ދެޓީމަށް އިތުރަށް ކުރިއަށް ދެވެން އޮތީ މިރޭގެ މެޗުން މޮޅު ވެގެންނެވެ. މިރޭގެ މެޗުން އެއްވަރު ވިއަސް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު މި ދެޓީމަށް ގެއްލޭނެ އެވެ. އެހެން ކަމުން މިރޭގެ މެޗުން މޮޅުވެ ތިން ޕޮއިންޓު ހޯދަން ދެ ޓީމަށްވެސް މަޖުބޫރެވެ.

މޮޅުވުން މަޖުބޫރު މި މެޗުގައި ދެ ޓީމު ކުޅެން ނިކުންނާނީ ވަރަށް ބޮޑު ޕްރެޝަރެއްގައި ތިބެއެވެ. ހާއްސަކޮށް ކުޅުނު ދެ މެޗުން ބަލިވެފައި ވާތީ ތުރުކީ އޮތީ ވަކިން ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ. ވޭލްސް އާއި ބައްދަލު ކުރި މެޗުން އެއްވަރު ވުމުން ސްވިޒްލެންޑަށް ކުޑަ ހިތްހަމަ ޖެހުމެއް އެބައޮތެވެ.

ތުރުކީ ޓީމަށް ބަލައި އެމީހުންނަށް ސަޕޯޓަރުންގެ އޮތް އުންމީދު ވަނީ ކުޑަވެފައެވެ. މިފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އައި ތުރުކީގެ ފަރާތުން މުބާރާތުގައި އަދި ފެނިފައި ވަނީ ދަށް ކުޅުމެކެވެ. އެހެން ކަމުން މިރޭގެ މެޗުގައި މޮޅު ކުޅުމެއް ކުޅެ ކާމިޔާބު ހޯދިދާނެ ކަމާމެދު އޮތީ ބޮޑު ސުވާލެކެވެ.

މި މެޗުން މޮޅު ވެއްޖެ ނަމަ ސްވިޒްލެންޑް ދެވަނަ ބުރަށް ދިއުން ވަރަށް ގާތެވެ. މިހާރު މުބާރާތުގެ އޮއިވަރު އޮތް ގޮތުން ގްރޫޕްގެ ތިން ވަނައިގައި ހިމެނި ގަދަ ހަތަރަކަށް ދާން ހަތަރު ޕޮއިންޓު ފުދެ އެވެ. އިޓަލީ އަތުން ލިބުނު ރަނގަޅު ފިލާވަޅާއި ވޭލްސް މެޗުގެ ތަޖުރިބާގައި ސްވިޒްލެންޑަށް މެޗު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑެވެ.

މިހާތަނަށް ބައިނަލްއަގްވާމީ 15 މެޗެއްގައި މި ދެޓީމު ކުރިމަތިލާފައި ވާއިރު ތިން މެޗުން ވަނީ އެއްވަރު ވެފަ އެވެ. ސްވިޒްލެންޑް މޮޅުވީ ހަތަރު މެޗުންނެވެ. ބާކީ އަށް މެޗުން ކުރި ހޯދާ ތުރުކީގެ ކާމިޔާބުގެ ސަފްހާތައް އިތުރުކޮށްފައެވެ.