ކްލައިމެޓް އިމާޖެންސީ ގާނޫނުގެ ދަށުން އައްޔަން ކުރަން ޖެހޭ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖުގެ މަގާމަށް ސަބްރާ އިބްރާހީމް ނޫރައްދީން އައްޔަންކުރީ އޭނާ މީގެ ކުރިން ރައީސް އޮފީހުގައި އަދާ ކުރައްވަމުން ގެންދެވި ޒިންމާތަކުން ވަކި ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސަބްރާ މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީސްގެ ސެކްރެޓަރީގެ ގޮތުގަ އެވެ. އޭނާ ހުންނެވީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ ސަބްރާއާ ހަވާލު ކުރެވިފައިވާ ޒިންމާތަކުން އޭނާ ވަކި ކުރެއްވުމާ ގުޅިގެން މިއަދުން ފެށިގެން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުމާ ހަވާލުވެ ހުންނަވާނީ ކުރީގެ ތަރުޖަމާން އިބްރާހީމް ހޫދު ކަމަށެވެ.
ހޫދަކީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އޮފީސްގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމުގައި އަދާކުރައްވަމުން ގެންދަވާ ބޭފުޅާ އެވެ. ހޫދު ހުންނެވީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.
ރައީސް އޮފީހުގެ އިސް ބައެއް މަގާމުތަކަށް ބަދަލު ގެނެސްފައި މިވަނީ ސަރުކާރާއި އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް އިސްބޭފުޅުންނާ ދެމެދު ހިޔާލުތަފާތު ވެފައިވާ ވަގުތެއްގަ އެވެ.