ސިވިލްސާވިސް ކޮމިޝަން

70،000 ރުފިޔާ ލިބޭ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް މީހަކު ހޯދަނީ

Jun 17, 2021
1

ހުސްވެފައިވާ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

ސީއެސްސީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މީހުންނަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި ލިބޭ 54،430 ރުފިޔާއާއި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކު ލިބޭ 530 ރުފިޔާއާ އެކު ޖުމްލަ 70،330 ރުފިޔާ ލިބޭނެ އެެވެ. މީގެއިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަން ވެސް ހަމަޖައްސައިދިނުމަށް ނިންމާފައިވެ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސް އަކީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބޭ މަގާމުތަކުގެ ތެރޭގައި ހިމެނޭ އެއް މަގާމެވެ.

މި މަގާމަށް ބޭފުޅަކު ހަމަޖައްސަނީ ހަތަރު އަހަރުގެ މުއްދަތަކަށެވެ. އެންމެފަހުން މި މަގާމުގައި ހުންނެވީ ޑރ. ޝީޒާ އަލީ އެވެ.

މި މަގާމަށް ކުރިމަތިލާ މީހުންނަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށް އެތަނުގައި ރަޖިސްޓްރީވެ ޕްރެޓިކްސް ކުރާ މީހަކަށް ވުމާއި، ޓީޗިން ހޮސްޕިޓަލެއްގައި އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ މުއްދަތަކަށް ވުރެ ކުރު ނޫން އެމްޑީ / އެމްއެސް ނުވަތަ އެއާ އެއް ފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީ އަކުން ނުވަތަ ސަބް-ސްޕެޝަލްޓީ އަކުން ހާސިލްކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސްކުރުމުގެ ހުއްދަ އޮތުމާ އެކު ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި މަސައްކަތްކޮށް މަދުވެގެން ތިން އަހަރު ދުވަހުގެ ކްލިނިކަލް ދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ. ސިއްހީ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން ތިން އަހަރު ދުވަހުގެ ހިންގުމުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުމާއެކު، ޖުމުލަ އަށް އަހަރު ދުވަހުގެ ސިއްހީ ދާއިރާގެ މަސައްކަތު ތަޖުރިބާ ވެސް އެމީހެއްގެ ކިބައިގައި ހުންނަން ޖެހެ އެވެ.