މިނިސްޓްރީ އޮފް ހެލްތު

ހެލްތު ސާވިސްގެ ޑިރެކްޓާ ޖެނެރަލަކަށް ޑރ. އަޝްރަފް

Jan 11, 2022

ހުސްވެފައިވާ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް ޑރ. އަހްމަދު އަޝްރަފް އައްޔަނުކުރައްވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ޑރ. އަޝްރަފް މިމަގާމަށް އައްޔަނުކުރައްވާފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.

ބައެއް ހޮސްޕިޓަލްތައް ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާފައިވާ ޑރ. އަޝްރަފް ވަނީ އައިޖީއެމްއެޗްގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

ސިއްހީ ދާއިރާގައި 14 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ އަޝްރަފް ގްރެޖުއޭޓްވެފައިވަނީ ޔޫކްރޭންގެ މެޑިކަލް ސްކޫލަކުންނެވެ.

އަޝްރަފް މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ކަމަށްވެސް ކުރިމަތިލައްވާފަ އެވެ. ނަމަވެސް އިންތިހާބު ކާމިޔާބުކުރެއްވިފައެއް ނުވެ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި ލިބޭ 54،430ރ. އާއި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކު ލިބޭ 530ރ. އާއި އެކު ޖުމްލަ 70،330ރ. ލިބޭނެ އެެވެ. މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަން ވެސް ލިބެ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސް އަކީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބޭ މަގާމުތަކުގެ ތެރޭގައި ހިމެނޭ އެއް މަގާމެވެ.

މި މަގާމަށް ބޭފުޅަކު ހަމަޖައްސަނީ ހަތަރު އަހަރުގެ މުއްދަތަކަށެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ ޑރ. ޝީޒާ އަލީ އެވެ.