ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އޮފީސް

ހަވީރު 4 ގެ ފަހުން އޮފީސްތައް ނުހުޅުވަން އަންގައިފި

ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރު ވެފައިވާތީ ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރާއިރު އަމަލު ކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކަށް އަމަލު ކުރުމުގައި އިތުރަށް ސަމާލުވާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް އޮފީހުން މީގެ ކުރިން ވެސް ވަނީ ސަރުކާރުގެ އިދާރާތަކުން ހިދުމަތް ދިނުމުގަ އާއި މުވައްޒަފުން މަސައްކަތަށް ނެރުމުގައި އަމަލުކުރަން ޖެހޭ އުސޫލެއް އެކުލަވާލާފަ އެވެ. އެ އުސޫލު އާކޮށް މިއަދު ނެރުނު އެންގުމުގައި ބުނެފައި ވަނީ މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ހަމަޖެއްސުމާއި މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތަކަށް ވީހައިވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުން އެދޭ ކަމަށެވެ.

އަދި މުވައްޒަފުން ޓީމުތަކަކަށް ބަހައިލައިގެން މަސައްކަތް ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރިހާ އިދާރާތަކުން އެގޮތަށް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ދޭ ހިދުމަތްތަކުގެ ބާވަތާއި ދޭ ހިދުމަތްތަކުގެ މިންވަރަށާއި ހިދުމަތް ދިނުމަށް ލިބިފައިވާ ވަސީލަތްތަކަށާއި މުވައްޒަފުންގެ އަދަދަށް ބަލައި ދޭ ހިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައިގެން، އެކި ދުވަސްތަކުގައި އެކި ހިދުމަތް ދޭ ގޮތަށް ހަމަޖައްސަން އެދޭ ކަމަށެވެ.

ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމަން މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީ ގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި އެހެން އިދާރާތައް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރަން ނޫނީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރަން އެދިފައި ވެއެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިއުމާއި އޮންލައިންކޮށް ދެވެންހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަން ވެސް އަންގާފައި ވެއެވެ.

ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަން ޖެހޭ ހާލަތްތަކުގައި ވެސް ލަސްވެގެން ހަވީރު 4:00 ގެ ފަހުން ޅުވައިފައި ނުބެހެއްޓާއި އިދާރާތައް ހިންގުމުގައާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ސިއްހީ ރައްކާތެރިކަމުގެ ގޮތުންނާއި މަސައްކަތު މާހައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި އިޖުތިމާއީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭ ކަމަށް ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒު ކުރަން ވަނީ އަންގާފައެވެ.