މޯލްޑިވްސް ޕޮލިސް ސާވިސް

ލޯންޗުތަކުގައި ރޯވުން: ފުލުހުން ހުއްޓުވި ލޯންޗެއް ނުހިމެނޭ

މާލޭ ދެކުނު ފަޅުތެރެއިން ލޯންޗު ތަކެއްގައި އިއްޔެ އަލިފާން ރޯވިއިރު ރޯވެ އަދައިގެންދިޔަ ލޯންޗުތަކުގެ ތެރޭގައި މެއި ފުރަތަމަ ދުވަހުގެ ރޭ ފުލުހުން ހުޅުމާލެ ފަޅުތެރެއިން ހުއްޓުވި ލޯންޗު ނުހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން ރޭގެ ހަ ދުވަސް ކުރިން ހަމަލާގެ ބައެއް ބައިވެރިން ތިބި ލޯންޗެއް ކަނޑުމަތިން ހުއްޓުވި ކަމަށް ވާހަކަ ދެކެވުނެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނީ ހުއްޓުވި ލޯންޗުގައި ތިބީ ހަތަރު މީހުން ކަމަށާއި އަދި އެ ލޯންޗަށް ފުލުހުން ޕެޓްރޯލް ފޯރުކޮށްދީފައި ނުވާއިރު އެ ލޯންޗު ދޫނިދޫއަށް ގޮސްފައި ވެސް ނުވާ ކަމަށެވެ.

ގްރޭޓާ މާލޭ އޭރިއާގެ ކަނޑުގެ ސަރަހައްދައި ދުއްވާ އުޅަނދުތަކުގެ ސަލާމާތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި އެއްވެސް މައްސަލައެއް ފާހަގަ ކުރެއްވިއްޖެ ނަމަ އެޓެންޑްވުމަކީ އާންމު އުސޫލުން ކުރަމުން ގެންދާ ކަމެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ، އަދި ބުނީ ނަސޭހަތް ދިނުމާއި މައުލޫމާތު ނޯޓު ކުރުމަކީ ވެސް އާންމު އުސޫލުގެ ތެރޭގައި ހިނގާ ކަންކަން ކަމަށެވެ.

ފުލުހުން ހުއްޓުވި ލޯންޗުގައި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ވ. ތިނަދޫ ލަކީ، އަދުހަމާއި އަހުމަދާއިި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދު ހުރި ކަމަށް ބުނެވެއެވެ. ނަމަވެސް ފުުލުހުން ފަހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އޭގެ ފަހަށް އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ލޯންޗު އަދައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އަވަސްގައި ލިޔެފައިވާ ހަބަރަކާއެކު ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކުރެއްވި ޓްވީޓެއްގައިވެސް އެފަދަ ވާހަކައެއް އަޑުއިވިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

އެކަމާއި ގުޅޭގޮތުން މިއަދު ސުވާލު ކުރުމުން ފުލުހުން ބުނީ އަލިފާން ރޯވި ލޯންޗުތަކުގެ ތެރޭގައި މެއި ފުރަތަމަ ދުވަހުގެ ރޭ ހުޅުމާލެ ފަޅުތެރެއިން ފުލުހުން ހުއްޓުވި ލޯންޗު ނުހިމެނޭ ކަމަށެވެ.