ދިވެހި މީޑިއާ

"އެޑިޓާޒް ގިލްޑުން ނޫސްވެރިކަމަށް ފަސޭހަތައް ހޯދައިދޭނެ"

ރާއްޖޭގެ ނޫސްތަކަށާއި ނޫސްވެރިންނަށް ދޭން ޖެހޭ ތަމްރީނާއި އެހީތެރިކަން ހޯދައިދޭށާއި މުޅި ނޫސްވެރިކަމަށް ފަސޭހަތައް ހޯދައިދޭން އެޑިޓާސް ގިލްޑުން މަަސައްކަތް ކުރާނެ ކަމަށް އެޑިޓާސް ގިލްޑްގެ ރައީސް ހިރިގާ އަހުމަދު ޒާހިރު ވިދާޅު ވެއްޖެ އެވެ.

ރާއްޖޭގައި އަލަށް އުފެއްދި އެޑިޓާސް ގިލްޑްގެ ރައީސް، ޒާހިރަށް ސުވާލު އަމާޒު ކުރުމުން ވިދާޅުވީ ގިލްޑްގެ ހިންގާ ގަވާއިދުގެ ދަށުން ކުރިއަށް ކުރަން ހުރި މަސައްކަތްތައް ޕްލޭން ކުރަން ބައްދަލުވުންތައް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެ ބައްދަލުވުން ތަކަށް ފަހު ފުރަތަމަ އިސްކަން ދޭނެ ކަންކަން ވެސް ނިންމާނެ ކަމަށެވެ.

ޒާހިރު ވިދާޅުވީ މައިގަނޑު މަސައްކަތަކަށް ވާނީ ނޫސްތަކުގެ ފެންވަރު ބެލެހެއްޓުމާއި ނޫސްތައް ކުރިއެރުވުމުގެ މަސަކަތް ކުރުމާއި ފުރުސަތުތައް ހޯދައި މާލީ ގޮންޖެހުންތައް ކުޑަ ކޮށްދޭން މަސައްކަތް ކޮށްދިނުން ކަމަށެވެ.

"މަަސައްކަތް ކުރާނީ ރާއްޖޭގައި ކުރިއަށްގެންދާ ނޫސްތަކަށް ދޭންޖެހޭ އެހީތައް ހޯދައިދިނުމާއި އަދި ނޫސްވެރިކަމަށް ހޯދައި ދެވެން އޮތް ފަސޭހަތަކާއި ތަމްރީނާއި ފުރުސަތުތައް ހޯދައިދިނުން، ނޫސްވެރިންނަށް ދިމާވާ ހުރިހާ ގޮންޖެހުމެއް ހައްލުކޮށްދޭން އިސްވެ އޮތުން" ޒާހިރު ވިދާޅުވި އެވެ.

އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ރާއްޖޭގެ އެޑިޓާސް ގިލްޑުން ސީދާ ނޫސްތަކުގެ ފެންވަރު ބަލަހަށްޓާ ނޫސްވެރިންގެ މަސައްކަތްތަކުގެ ފެންވަރު ބަލަން މަސައްކަތެއް ނުކުރާނެ އެވެ. ނަމަވެސް ނޫސްވެރި ކަމަށް ބުރޫ އަރާނެ ފަދަ ގާނޫނެއް ނުވަތަ ކަމެއް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ގެންނަ ނަމަ އެކަމަކަށް ހޯދެން ހުރި ހައްލުތައް ހޯދަން މަސައްކަތް ކުރާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ. އަދި ސަރުކާރު މެދުވެރިކޮށް ނޫސްތަކަށް މާލީ އެހީ ލިބޭނެ ގޮތް ހޯދަައި ދިނުމަކީ ވެސް އެޑިޓާސް ގިލްޑުން ކުރާނެ ކަމެކެވެ.