ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު މ. އެންދެރިމާގެ ގަރާޖު ކުރިމަތީ ވެހިކަލް ޕާކުކުރާ މައްސަލަ ހައްލުކޮށްދޭން އެދުނުތާ އެތައް ދުވަހެއްވީއިރުވެސް އެކަން ހައްލު ވެފައިނުވާތީ އެމަނިކުފާނުގެ ސެކިއުރިޓީ ޓީމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ރައީސުންގެ ގެކޮޅު ކައިރީ ވެހިކަލް ޕާކުކުރުން މަނާ ކުރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ބުނެފައެވެ. އެ މަސައްކަތް ފަށާފައިވަނީ މެއި ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް ފަހު އެވެ.
ރައީސް މައުމޫނަށް ކުރީގެ ރައީސުންނަށްދޭ ސެކިއުރިޓީގެ ދަށުން އެމްއެންޑީއެފްގެ ސެކިއުރިޓީ ދެއެވެ. އަދި އެމަނިކުފާނުގެ އަމިއްލަ ސެކިއުރިޓީވެސް އޮވެއެވެ.
އެމަނިކުފާނުގެ ސެކިއުރިޓީ ކަންކަމުގައި އިސްކޮށް ހުންނެވި އަހުމަދު ސޮފްވާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު މ. އެންދެރިމާގެ ގަރާޖު ކުރިމަތީ ވެހިކަލް ޕާކުކުރާ މައްސަލަގައި އެކަން ހައްލުކޮށްދޭން އެދޭތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަން ހައްލުވެފައި ނުވާ ކަމަށެވެ.
"ވަރަށް ދުވަސްވެއްޖެ ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވަމުން ގެންދަވާ މ. އެންދެރިމާގެ ގަރާޖު ކުރިމަތީގަޔާއި ގަރާޖު އަށް ކާރު ނުވެއްދޭ ވަރަށް ސައިކަލް ޕާކުކުރާތީ އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާތާ. ކުރިއެރުމެއް ނުލިބުނު،" ސޮފްވާންގެ ޓްވީޓްގައި ވިދާޅުވިއެވެ.
މެއި ހައެއްގެ ހަމަލާއާ ގުޅިގެން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ގ. ކެނެރީގެ ހުންނަ ގޯޅީގައި ޕާކު ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ. ރައީސް ނަޝީދަށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީވެސް އެމަނިކުފާނަށް ސެކިއުރިޓީ ދިނުމަށް ދަތިތަކެއް ހުރުމުން ކެނެރީގެ ގޯޅީގައި ޕާކު ނުކުރެވޭ ގޮތް ހަދައިދިނު ކަމަށް ކަމާބެހޭ އިދާރާތަކުގައި އެދިފައިވަނިކޮށެވެ.
އޭގެ ފަހުން މިއަދު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ކައިރީގައި ވެހިކަލް ޕާކްކުރުންވެސް މިއަދު ވަނީ މަނާކޮށްފައެވެ.