ލައިފްސްޓައިލް

ޗައިނާ ކުންފުންޏަކުން އެއް ދުވަހުން 10 ބުރި އިމާރާތެއް

ދިހަ ބުރި އިމާރާތެއް އަޅަން ނަގާނީ ކިހާ ދުވަހެއް ހެއްޔެވެ؟ ފަހަރެއްގައި އެތައް މަހެއް ނުވަތަ އެތައް އަހަރެއް ވެސް މިފަދަ އިމާރާތެއް އަޅަން ނަގާފާނެ އެވެ. ނަމަވެސް ޗައިނާގެ ޗަންގްޝާގެ މި ކުންފުންޏަށް މިވަރުގެ އިމާރާތެއް އަޅާކަށް މިހާ ގިނަ ދުވަހެއް ބޭނުމެއް ނުވެ އެވެ.

ޗައިނާގައި އުފައްދާފައިވާ ބްރޯޑް ގްރޫޕުން ވަނީ އެންމެ ދުވަސް ތެރޭގައި 10 ބުރި އިމާރާތެއް އަޅައި މީހުން ހައިރާން ކޮށްލާފަ އެވެ. ހަމަ ހަގީގަތުގައި ވެސް މި އިމާރާތް އަޅަން ނެގީ 28 ގަޑިއިރާއި 45 މިނިޓެވެ.

މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާ އުސް އަދި ބޮޑު އިމާރާތެއް އެޅީ ކިހިނެއް ހެއްޔެވެ؟ މި އިމާރާތް އެޅީ ޕްރި-ފެބްރިކޭޓެޑް ކޮންސްޓްރަކްޝަންސް ސިސްޓަމްގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ. މި ގޮތަށް އިމާރާތް އަޅާއިރު އިމާރާތުގެ ހުރިހާ ބައިތަކެއް ކުރީ ބައިގައި ހުންނަނީ ފެކްޓްރީގައި ތައްޔާރުކޮށް ނިމިފަ އެވެ. ހަމައެކަނި ކުރަން ޖެހޭ ކަމަކީ އިމާރާތް އެސެމްބްލް ކުރުމެވެ.

އެއްތަނުން އަނެއް ތަނަށް ގެންދިއުމަށާއި އިންސްޓޯލް ކުރުމަށް ވަރަށް ފަސޭހަވާ ގޮތަށް ފަރުމާ ކޮށްފައިވާ ބްރޯޑް ގްރޫޕްގެ "ލިވިން ބިލްޑިންގްސް" ސިސްޓަމް އިން އިމާރާތުގެ ކޮމްޕޯނަންޓްސް ތައްޔާރުކޮށްފައި ހުންނަނީ ބޯޓުފަހަރުގައި ހުންނަ މުދާ އުފުލާ ކޮންޓެއިނާ ތަކަށް ފިޓްވާ ގޮތަށެވެ. މި އެއްޗެތި ގެންދިއުމަށް ފަހު އެއްބައި އަނެއްބަޔަށް ބޯލްޓް ޖަހާ ގުޅުވާލުމުން ފުރިހަމަ އިމާރާތެއް ހުންނަނީ މުޅިން ނިމިފަ އެވެ. އަދި އިމާރާތަށް ފެނާއި ކަރަންޓު ވެސް ފޯރުކުރެވޭނެ ފަސޭހަ ގޮތްތަކެއް މި ފަދަ އިމާރާތްތަކުގައި ތައްޔާރުކޮށްފައި ހުރެ އެވެ.

ސީއެންއެން އިން ދެއްކި ރިޕޯޓަކަށް ބްރޯޑް ގްރޫޕުން މައުލޫމާތު ދީފައިވާ ގޮތުގައި ޗަންގްޝޫ، ޗައިނާގައި އެ ކުންފުނިން ވަނީ 28 ގަޑިއިރާއި 45 މިނިޓުން 10 ބުރި އިމާރާތެއް އަޅާ މުޅިން ނިންމާފަ އެވެ.

މި އިމާރާތުގެ މަސައްކަތް ކުރި ގޮތުގެ ވީޑިއޯއެއް މިހާރު ޔޫޓިއުބުން ބަލާލެވެން އެބައޮތެވެ. ހަތަރު މިނިޓާއި 52 ސިކުންތުގެ މި ވީޑީއޯއިން މި އިމާރާތް ކުރިގޮތް ވަރަށް ފުރިހަމައަށް ފެނެ އެވެ.

ބްރޯޑް ގްރޫޕުން މި އިމާރާތުގެ އޮނިގަނޑު ތައްޔާރުކުރުމަށް ނުވަތަ ސްޓްރަކްޗަރަލް އެލެމެންޓްސް އަށް ބޭނުންކޮށްފައިވަނީ ބީ-ކޯ ސްޓީލް ސްލެބްސް އެވެ. މި ކުންފުނިން ބުނާ ގޮތުގައި މިއީ އާދައިގެ އިމާރާތްތަކަށް ވުރެ 10 ގުނަ ލުއި 100 ގުނަ ވަރުގަދަ އެއްޗެކެވެ.