ލައިފްސްޓައިލް

ކުއްތާއެއް ކަމަށް ހިތާ އޮޅުކޮށްގެން ގެންގުޅެވުނީ ސާރިދޯޅެއް

ޗައިނާގެ ރަށްފުށުގެ ހިސާބެއްގައި ދިރިއުޅޭ އާއިލާއަކުން ކުއްތާއެއް ކަމަށް ހިތާ ސާރިދޯޅެއް ގެންގުޅެފި އެވެ. މި އާއިލާގެ މީހުންނަށް މިކަން އެނގުނުއިރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެއްޖެ އެވެ. މިއީ 2016ގައި ހިނގާފައި އޮތް ކަމެއް ނަމަވެސް މި ޚަބަރު އަނެއްކާވެސް އިންޓަނެޓުގައި ދައުރުވެ ވައިރަލް ވެފައި ވަނީ އެވެ.

ޔުނާން ޕްރޮވިންސްގެ ކުންމިންގައި ދިރިއުޅޭ ސޫ ޔޫން ނަމަކަށް ކިޔާ އަންހެންމީހާ ބުނި ގޮތުގައި ވަރަށް ކުޑަކުޑަކޮށް އޮތް މި 'ކުއްތާ' އޭނާއަށް ފެނުނީ މަގުމަތީގައި ވަރަށް ބަލި ހާލުގައި އޮއްވަ އެވެ. ޗުއްޓީއެއްގައި އެހެން ރަށަކަށް ގޮސްގެން އުޅެނިކޮށް ފެނިގެން ލޯބިން ގެންގުޅޭހިތުން ގެއަށް ގެނައީ ކަމަށް ވެސް އަންހެންމީހާ ބުންޏެވެ.

ޓީބެޓިއަން މަސްޓިފް ކިޔާ ވައްތަރުގެ މި ޖަނަވާރަކީ ކަޅާއި މުށިކުލައިގެ ވަރަށް ބޯ ކެހެރިގަނޑެއް އޮންނަ ޖަނަވާރެކެވެ. މިއީ އާދަޔާޚިލާފަށް ބޮޑުވާ ވެސް ޖަނަވާރެކެވެ.

މިސޮރު ގޭގައި ގެންގުޅެން ފެށި ފަހުން އޭގެ ވެރިމީހާއަށް އެއްކަމެއް ފާހަގަ ކުރެވެން ފެށި އެވެ. މި ސޮރު ބަނޑުހައިވާލެއް އަވަސް ކަމެވެ. ދުވާލަކު މޭވާ ފޮއްޓަކާއި ދެ ބާލިދީގެ ނޫޑްލްސް މި ސޮރަށް ކާން ދޭން ޖެހެ އެވެ.

މިގޮތަށް ދެ އަހަރު ފާއިތުވީއިރު މިސޮރުގެ ބަރުދަން 250 ޕައުންޑް (113 ކިލޯ) އަށް އިތުރުވެއްޖެ އެވެ. މިއީ އަސްލު ކުއްތާއެއް ނޫންކަން އަންހެންމީހާ އަށް ކުރިއްސުރެ ޝައްކު ވިއެވެ. ނަމަވެސް އެސޮރަށް ރަނގަޅަށް ކާންދީގެން ގެންގުޅުނީ އެވެ.

އަންހެންމީހާ މި ސޮރު ގެންގުޅޭތާ ދެ އަހަރެއްހާ ދުވަސް ފަހުން އޭނާގެ ޝައްކު ޔަގީނަށް ބަދަލުވާ ކަހަލަ ކަމެއް އެސޮރުގެ ފަރާތުން ފެނުނެވެ. ކުއްތާ ފަދަ ތަކެތި ކިތަންމެ ބޮޑުވެފައި ބިޔަވިޔަސް ދެ ފަތްމައްޗަށް ތެދުވެ ހިނގާތަނެއް ނުފެންނާނެ އެވެ. އޭނާ ގެންގުޅުނު ޖަނަވާރު ކުއްލިއަކަށް ދެ ފައިމައްޗަށް ތެދުވެ ހިނގަން ފެށީ އެވެ. އަދި މިއީ ކުއްތާއެއް ނޫންކަން އެހިސާބުން އަންހެންމީހާއަށް މުޅިން ޔަގީން ކުރެވުނީ އެވެ.

ޗައިނާގެ މީޑިއާއަށް މި އަންހެންމީހާ ކިޔައިދިން ގޮތުގައި މި ޖަނަވާރުގެ އުމުރުން ދުވަސްވާ ވަރަކަށް އޭގެ ހަރަކާތްތައް ސާރިކޯޅަކާ ވައްތަރު ވަމުން ދިޔަ އެވެ. މި އަންހެންމީހާ އަކީ އަބަދުވެސް ސާރިދޯޅު ދެކެ ވަރަށް ބިރުގަންނަ މީހެކެވެ. އެހެންވެ އޭނާއަށް މި ގެންގުޅޭ ޖަނަވާރަ ކީވެސް ސާރިދޯޅަކަށް ވެދާނެތީ ގަންނާކުރެއްވި ބިރުން އޭނާ ފުލުހުންނަށް ގުޅައިގެން ގެނަ އެވެ.

ފުލުހުން އައިސް މި ޖަނަވާރު ޗެކް ކޮށްފައި އަންހެންމީހާ ކައިރީ ބުނީ އޭނާއަށް ޝައްކު ވީ ހަމަ ރަނގަޅަށް ކަމަށާއި މިއީ 'އޭސިއާޓިކް ބްލެކް ބެއާ" އެއް ކަމަށެވެ. މިވައްތަރުގެ ސާރިދޯޅަށް ހިމާލަޔަން ނުވަތަ މޫން ބެއާ ވެސް ކިޔަ އެވެ. މިސޮރުގެ ބަރުދަން 400 ޕައުންޑާ ހަމައަށް އިތުރުވެ އެވެ.

ފުލުހުން މި ސާރިދޯޅު ހިފަން މަސައްކަތް ކުރުމުން އެސޮރު ބިރުން ގަދަ ހަދަން ފެށީ އެވެ. އެހެންވެ ގެންދަން ޖެހުނީ ނިންދަވާލައިގެންނެވެ.