ލައިފްސްޓައިލް

އިސްރާފު ނުކުރަން ޕްރިންސިޕަލަކު ދެއްކި ނަމޫނާ

ކާ އެއްޗެތި އިސްރާފުނުކުރުމަކީ ހަމަ ކޮންމެ މީހަކުވެސް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. ޚާއްސަކޮށް ކުޑަކުދިންނަށް ވަރަށް ޅަފަތުގައި މިކަން ދަސްކޮށްދޭން ޖެހެ އެވެ. ދުވާލަކު ތިން އިރު ބަނޑު ފުރެންދެން ކާން ލިބުމަކީ ކިހާ ބޮޑު ނިއުމަތެއް ކަމާއި ކާ އެއްޗެތި ނުލިބޭ އެތައް މިލިއަން ކުދިންނަށް ދުނިޔޭގައި އުޅޭކަން ކުޑައިރު ކުދިންނަށް ވިސްނައިދިނުން މުހިއްމެވެ. މި މެސެޖު ކުދިންނަށް ފޯރުކޮށްދިނުމަށްޓަކައި ޗައިނާގެ ސްކޫލެއްގެ ޕްރިންސިޕަލެއް މުޅިން އާ ގޮތަކަށް މިސާލު ދައްކައިފި އެވެ.

މިސާލު ދެއްކުމުގެ ގޮތުން ޗައިނާގެ މެދުތެރޭގެ ހުނާން ޕްރޮވިންސްގެ އޮއިޔަންގްގެ ޕްރައިވެޓް ސެކަންޑަރީ ސްކޫލެއްގެ ޕްރިންސިޕަލް ވެންގް ޔޮންގްޒިން ކުރަން ފެށި ކަމަކީ ސްކޫލް ކެފޭޓޭރިއާގައި ހުންނަ ކުދިން ކައިބައި ބާކީ ކޮށްފައި ހުންނަ ކާއެއްޗެތި ކެއުމެވެ.

ވެންގް ސްކޫލް ކެފެޓީރިއާ ބޭރުގައި ބަހައްޓާފައި ހުރި ކެފެޓީރިއާގެ ޑަސްބިން ކައިރީގައި ހުރެގެން އެ ޑަސްބިނަށް އުކާލަން ކާ އެއްޗެތި ހިފައިގެން އަންނަ ކުދިން އެ އެއްޗެތި އުކާލިޔަ ނުދީ ކުދިން ހިފަހައްޓާ މަންޒަރުގެ މީޑިއޯއެއް މިހާރު ވައިރަލް ވެފައި ވެއެވެ. އަދި އެ އެއްޗެތި ޕްރިންސިޕަލް ކާތަން ކުދިން ވަރަށް ހައިރާންވެފައި ލަދުން ތިބެ ބަލަން ތިބޭތަން ވެސް ވީޑިއޯގައި ފެނެ އެވެ. އަދި ބައެއް ކުދިން އުކާލަން ގެންދިޔަ ކާއެއްޗެތި އަލުން ކާ މަންޒަރު ވެސް ފެނެ އެވެ.

އުމުރުން 58 އަހަރުގެ ޕްރިންސިޕަލް ޗައިނާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނީ ފާއިތުވީ ހަފުތާ އިން ފެށިގެން އޭނާ ދުވާލުގެ ތިން ކެއުން ވެސް ކަނީ މިގޮތަށް ކުދިން އުކާލަން ގެންދާ ކާނާ އިންނެވެ. މިދިޔަ ހަފުތާގެ މެންދުރު ކެއުމުގެ ގަޑީގައި ކޮންމެ ދުވަހަކުވެސް ހައެއްކަ އަށެއްކަ ކުދިންގެ ބާކީ ކާނާ އޭނާ ކައިފައިވާ ކަމަށް ޕްރިންސިޕަލް ބުންޏެވެ.

"އަހަރެން ބޭނުންވީ ކުދިންނަށް މިސާލަކަށް ވާން. ކާ އެއްޗެތި އުކުމަކީ ކިހާ ގޯސްކަމެއްކަން ވިސްނައިދޭން. އަހަރެން މިކަންތައް ކުރި ގޮތުން ދަރިވަރުންގެ އިތުރުން ޓީޗަރުން ވެސް ވަރަށް ހައިރާންވި،" ޕްރިންސިޕަލް ބުންޏެވެ.

ޕްރިންސިޕަލް ބުނި ގޮތުގައި އޭނާ އެގޮތަށް ކަންތައް ކުރަން ފެށީފަހުން ބައެއް ކުދިން ކާ އެއްޗެތި ތައްޓަށް ލައިދޭން ބުނަނީ އެކުދިންނަށް ކެވޭނެކަން ޔަގީންވާ މިންވަރަށެވެ. އެހެންވެ ބާކީވެގެން އުކާލާ ކާނާ މަދު ކުރެވިއްޖެ އެވެ.

ޕްރިންސިޕަލް މި އަމަލުކުރާ ގޮތުން ގިނަ ބަޔަކު އޭނާއަށް ތައުރީފުކުރިޔަސް ފާޑު ކިޔާ މީހުން ވެސް މަދެއް ނޫނެވެ. ފާޑުކިޔާ މީހުންގެ ކަންބޮޑުވުމަކީ މިކަމުން ސިއްހަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަކާ ހެދި އެވެ.

"އިސްރާފު ނުކުރުމަކީ ރަނގަޅު ކަމެއް. އެކަމަކު ޕެންޑެމިކް އަކާ ކުރިމަތިވެގެން އުޅޭ މި ދުވަސްވަރު މިއީ ދައްކަން އެހާ ރަނގަޅު ނަމޫނާއެއް ނޫން. މިނޫން ގޮތް ގޮތަށް ވެސް ކުދިންނަށް މިކަމާ ގުޅޭ ހޭލުންތެރިކަން އުފެއްދިދާނެހެން ހީވަނީ،" ސޯޝަލް މިޑިއާގައި މި ޚަބަރަށް ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.

ނަމަވެސް ޕްރިންސިޕަލް ބުނަނީ ހުރިހާ ކާނާއަކީވެސް ކެފެޓީރިއާގެ ބަދިގޭގައި ތައްޔާރުކުރާ އެއްޗެތި ކަމަށެވެ. އަދި އެ ސްކޫލަށް އަންނަ ހުރިހާ ދަރިވަރުންނާއި ޓީޗަރުން ވެސް ކަނީ އެ ކާނާ ކަމަށެވެ.

"އަހަރެން ބަލަނީ މި ހުރިހާ ކުދިންނަކީ ވެސް މަގޭ އަމިއްލަ ދަރިން ކަމަށް. އެހެންވެ އެކުދިން ކައިފަ ބާކީވާ އެއްޗެތި ކެއުމުގައި އަހަރެންގެ ހަމަ އެއްވެސް މައްސަލައެއް ނެތް،" ޕްރިންސިޕަލް ބުންޏެވެ.