ލައިފްސްޓައިލް

އަންހެން ކުދިންނަށް ފޮނިދައްކަން އާމީ އޮފިސަރަކަށް ހެދިގެން ހަތަރު އަހަރު

އޭނާއަކީ މާ މޮޅު މީހެއް ކަމަށް ދެއްކެން ބައެއް މީހުން މަސައްކަތް ކުރެ އެވެ. އެގޮތުން ފޭކް ޑޮކްޓަރުންނަށް ވެގެންނާއި ނަރުހުންނަށް ވެގެން ވެސް މީހުން އުޅެނިކޮށް ފަޅާއަރާފައި އެބަހުއްޓެވެ. ޗައިނާގެ މި މީހާ އަންހެން ކުދިންނަށް މާ މޮޅު މީހެއް ކަމަށް ދެއްކެން ވެގެން އަދި އެރުނީ މާ އުހަށެވެ. އޭނާ ހެދިގެން އުޅުނީ އޭނާއަކީ ޗައިނާގެ އާމީގެ ސީނިއާ ކާނަލް އަކަށެވެ.

ޗައިނާގެ ޖިއާންގްޒީ ޕްރޮވިންސްގެ ޖިއާން ކައުންޓީގެ ފުލުހުން ދާދިފަހުން ވަނީ މި މީހާ އަތުލައިގަނެ ހައްޔަރުކޮށްފަ އެވެ. އެ މީހާ ހައްޔަރުކުރިއިރު އާމީންގެ ރޮކެޓް ޑިވިޝަންގައި ސީނިއާ ކާނަލްއަކަށް ވެގެން އެމީހާ އުޅޭތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އެއީ ފޭކް މީހެއް ކަން ފަޅާއަރަން މެދުވެރިވީ ޒޫ ނަމަކަށް ކިޔާ މި މީހާ އާއޯ ޓައުންޝިޕްގައި ހުރި ކޮވިޑް-19އަށް ޓެސްޓްކުރާ މެޑިކަލް ފެސިލިޓީއަކަށް ކޮވިޑް ޓެސްޓްކުރަން ދިއުމުންނެވެ. ޒޫ އެ ފެސިލިޓީއަށް ދިޔައިރުވެސް ހުރީ އާމީ އޮފިސަރުންގެ ރަސްމީ ޔުނިފޯމްގަ އެވެ. ވަރަށް މަތީ ރޭންކްތަކުގެ އޮފިސަރުންގެ ޔުނިފޯމްގައި ޖަހާފައި ހުންނަ ގިނަ އަދަދެއްގެ ބެޖް ވެސް މިމީހާގެ ޔުނިފޯމްގައި ހުއްޓެވެ.

ޒޫ އަތުގައި އޭނާއަކީ ކާކުކަން ބަޔާންކޮށްދޭ ޑޮކިއުމަންޓްސް ވެސް ހުއްޓެވެ. ބަލާބެލުމަށް މި ޑޮކިއުމަންޓްސް ހީވަނީ ހަމަ އޮރިޖިނަލް އެއްޗެހި ހެންނެވެ. ނަމަވެސް ކޮވިޑް ފެސިލިޓީގައި އެ ވަގުތު އިން ސްޓާފަކު ޑާޓާބޭސްގައި އެމީހާގެ ޑޮކިއުމަންޓްސްގައިވާ މައުލޫމާތު ޖަހައިގެން އެއްގޮތަކަށް ވެސް އޭނާގެ ނަމެއް ނައެވެ. އަދި ޗައިނީޒް އާމީގައި މި ޓައިޓްލް އިން މީހަކު އިން ކަމަކަށް ނުދެއްކި އެވެ.
އެހެންވެ އެ ފެސިލިޓީއިން ފުލުހުންނަށް ގުޅީ އެވެ. ފުލުހުން އައިސް ޒޫ އާ ސުވާލުކުރަން ފެށުމުން އޭނާ ދިޔަ ޖަވާބުތަކާ މެދު ފުލުހުން ހިތްހަމަނުޖެހިގެން އޭނާ ގޮވައިގެން އާއޯ ޓައުންޝިޕް ޕޮލިސް ސްޓޭޝަނަށް ގޮސް އިތުރަށް މިކަން ތަހުގީގުކުރަން ފެށީ އެވެ.
މި ތަހުގީގުގައި ފުލުހުން ކުރި ސުވާލުތަކަށް މި މީހާއަށް އެދެވޭ ޖަވާބުތަކެއް ނުދެވުނެވެ. އަދި އޭނާއަކީ ކާނަލެއްކަން ގަބޫލުކުރެވޭ ފަދަ ހެއްކެއް ވެސް އޭނާއަކަށް ނުދެއްކުނެވެ. އެންމެ ފަހުން އޭނާ ވަނީ އޭނާއަކީ ފޭކް ޑޮކިއުމަންޓްސްތަކެއް އިންޓަނެޓުން ހޯދައިގެން ފޭކް ޔުނިފޯމެއްގައި އުޅޭ ފޭކް މީހެއްކަމަށް އެއްބަސްވެފަ އެވެ.

ފުލުހުން ކައިރީ ޒޫ ބުނި ގޮތުގައި އާމީ އޮފިސަރަކަށް ވުމަކީ އޭނާ ކުޑައިރުއްސުރެ ދެކެމުންދާ ހުވަފެނެކެވެ. އާމީ އޮފިސަރަކަށް ވާން އެހާ ބޭނުންވީ ވަރަށް ގިނަ އަންހެނުންނަށް އެފަދަ އޮފިސަރުން ވަރަށް ކަމުގޮސް އެފަދަ މީހުންނަށް އަންހެންވެރިން ހިތްކިޔާކަން އެނގޭތީ ކަމަށް ވެސް ޒޫ ބުންޏެވެ. އެހެންވެ 2018ގައި އިންޓަނެޓުން އޭނައަށް ވަރަށް އޮރިޖިނަލް އާ އެއްގޮތް ޑޮކިއުމަންޓްސް ތަކަކާއި ޔުނިފޯމްތަކެއް ފެނުމުން އެ އެއްޗެތި ބޭނުންކޮށްގެން އާމީ އޮފިސަރަކަށް ހެދިގެން އުޅެން ފެށީކަމަށް ޒޫ އެއްބަސްވެފައި ވެއެވެ.

ޒޫ ގެންގުޅުނު ޑޮކިއުމަންޓްސް ތަކާއި ޔުނިފޯމްތަކުގެ ވަގު ކޮޕީ ހައްދާފައިވަނީ ވަރަށް އަސްލާ އެއްގޮތަށް ކަމުން އޭނާއަށް ސީނިއާ ކާނަލް އަކަށް ވެގެން ޗައިނާގެ އާމީންގެ ތެރޭގައި ހަތަރު އަހަރު އުޅުމުގެ ފުރުސަތު ލިބުނީ އެވެ.

މި ފޭކް ޔުނިފޯމާއި ޑޮކިއުމަންޓްސްތަކުގެ ބޭނުން ހިފައިގެން ގިނަ އަދަދެއްގެ އަންހެނުންގެ ހިތްތައް ފަތަހަކުރުމުގައި ޒޫ އަށް ކާމިޔާބު ލިބި ސީނިއާ ކާނަލްއެއްގެ ރޭންކިންގެ އޮފިސަރަކަށް ޗައިނާ އާމީން ދޭ ހުރިހާ އިނާޔަތެއް ވެސް ހަތަރު އަހަރު ދުވަހު ބޭނުންކުރުމުގެ ފުރުސަތު ލިބުނެވެ.