ކޯކް ބުއިމަށް ލޯބިކުރާ މީހުންނަށް މިއީ ވަރަށް ބިރުވެރި ޚަބަރަކަށް ވެދާނެ އެވެ. އަދި މި ވާހަކަ ކިޔާފައި ލުއި ބުއިންތަކާ މެދު އެމީހަކު ދެކޭ ގޮތް ބަދަލުކޮށްލަން މަޖްބޫރުވުން ވެސް އެކަށީގެންވެ އެވެ.
ޗައިނާ ފިރިހެނަކު 1.5 ލިޓަރުގެ ކޯކު ފުޅިއެއް 10 މިނިޓް ތެރޭ ބޮއިގެން ބަނޑުގައި ހެދުނު ވައިގަނޑެއްގެ ސަބަބުން މިވަނީ މަރުވެފަ އެވެ.
އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި މި މީހާ މަރުވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ކޯކު ބުއިމުން ގޭސްތައް އުފެދުނުލެއް ގިނަކަމުން އޭނާގެ ލިވާ އަށް އޮކްސިޖަން ނުލިބިގެންނެވެ.
މި ބިރުވެރި އެކްސިޑެންޓުގެ ވާހަކަ ޝާއިއުކޮށްފައިވަނީ ސައިންސްވެރިން ތައްޔާރުކުރި ރިސާޗް ޕޭޕަރެއްގަ އެވެ.
ޖާނަލް އޮފް ކްލިނިކްސް އެންޑް ރިސާޗް އިން ހެޕަޓޮލޮޖީ އެންޑް ގެސްޓްރޯއެންޓްރޮލޮޖީގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމީހާ ކޯކު ފުޅި ބުއިމާއެކު ބަނޑު ވަރަށް ބޮޑަށް ފުއްޕަން ފެށި އެވެ. އަދި ގަދަ ވޭނެއް ބަނޑުގައި އަޅަން ފެށި އެވެ. މި ވޭނުގައި އެމީހާ ހައެއްކަ ގަޑިއިރު އުޅުނުފަހުން ބީޖިންގްގައި ހުންނަ ޗައޮޔަންގް ހޮސްޕިޓަލަށް އެމީހާ ގެންދިޔަ އެވެ.
އެ ހޮސްޕިޓަލުގައި ހެދި ޓެސްޓްތަކުން އެނގުނު ގޮތުގައި އޭނާގެ ހިތުގެ ހިނގުމާއި ލޭގެ ޕްރެޝަރު ވެސް ވަނީ ދަށްވެފަ އެވެ. އަދި އެމީހާއަށް ނޭވާ ލެވެނީ ވެސް ވަރަށް އުނދަގުލުންނެވެ. ސީޓީ ސްކޭނުން ދެއްކި ގޮތުގައި އެމީހާއަށް ވަނީ ނިއުމެޓޯސިސް ކިޔާ މައްސަލައެއް ކުރިމަތިފަ އެވެ. މިއީ އާދަޔާޚިލާފަށް ގޮހޮރާއި ވެއިން ޕޯޓަލްގައި ވައި ހުރުމުން ދިމާވާ ކަމެކެވެ.
ސްކޭންތަކުން ދެއްކި ގޮތުގައި އޭނާއަށް ވަނީ ހެޕަޓިކް އިސްކީމިއާ ކިޔާ މައްސަލައެއް ޖެހިފަ އެވެ. މި ބައްޔަށް އާންމުކޮށް ކިޔާ އުޅެނީ "ޝޮކް ލިވާ" އެވެ. މާނައަކީ އޭނާގެ ލިވާ ނުވަތަ ފުރަމެޔަށް ވަނީ ޝޮކެއް ޖެހިފަ އެވެ. މިއީ އޮކްސިޖަން މަދުވެގެން އެ ގުނަވަން ދިމާވި މައްސަލައެއް ކަން ޑޮކްޓަރުން ފާހަގަ ކޮށްފައި ވެއެވެ.
މެޑިކަލް ސްޓާފުން އެ މީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އޭނާގެ ހަޖަމުކުރުމުގެ ނިޒާމުގައި ހުރި ގޭސްތައް ބޭރު ކުރެވޭތޯ މަސައްކަތް ކުރި އެވެ. އަދި ފުރަމެޔާއި އެނޫން ހަށިގަނޑުގެ ބައިތައް ރައްކާތެރި ކުރުމަށް ކުރެވުނު ހުރިހާ ކަމެއް ޑޮކްޓަރުން ކުރި އެވެ. ނަމަވެސް ފަރުވާދެމުން ދިޔަތާ 18 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެމީހާގެ ފުރާނަ ދިޔައީ އެވެ.