ފްލައިޓެއްގެ އިންތިޒާރުގައި އެއާޕޯޓު ތެރޭގައި ވަގުތު ހޭދަކުރަން ޖެހިއްޖެނަމަ އެކަމުގައި ކުރަން ޖެހޭ ތަޖުރިބާތައް ވަރަށް ރަނގަޅަށް އިހްސާސް ވާނެ އެވެ. އެއާޕޯޓު ތެރޭން އެ ބައްދަލުވާ ތަފާތު މީހުންނާއި އެ މީހުން އުޅޭ ނޫޅޭ ގޮތް ފެނުން އެއީ ވަރަށް ތަފާތު ތަޖުރިބާ އެކެވެ. އެއްބަޔަކު ވިޔަފާރި ކުރުމުގައި އަވަދިނެތި އުޅޭއިރު އަނެއްބަޔަކު ކެއިން ބުއިމުގައި މަސްއޫލުވެ އުޅެ އެވެ. އަދި ފްލައިޓް ކަޓާފާނެތީ ދުވާ މީހުން ވެސް އެއާޕޯޓު ތެރޭން ފެންނަނީ މަދެއްކޮށް ނޫނެވެ. ނަމަވެސް އެތައް އަހަރެއް ވަންދެން އެއާޕޯޓެއް ތެރޭ ދިރިއުޅޭ މީހަކު އުޅޭނެ ގޮތް ޚިޔާލަށް ވެސް ގެންނަން އުނދަގުލެވެ.
ޗައިނާގެ ފިރިހެނަކު މިގޮތަށް ބީޖިންގް އިންޓަނޭޝަނަލް އެއާޕޯޓު ތެރޭގައި ދިރިއުޅޭތާ މިހާރު 14 އަހަރު ވެއްޖެ އެވެ. އޭނާ އެއާޕޯޓުގައި ދިރިއުޅެނީ ގެއަށް ގޮސް އާއިލާއާއެކު އުޅެން ބޭނުން ނުވާތީ އެވެ.
ވެއި ޖިއާންގިއޯ އޭނާގެ އަންހެނުންނާ ޒުވާބު ކުރުމަށްފަހު ގެއިން ނުކުތީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން އެނާ ދިރިއުޅެމުން ދަނީ ވެރިރަށް ބީޖިންގްގެ މައި އެއާޕޯޓު ތެރޭގަ އެވެ. އެ އެއާޕޯޓުގައި ތިން ޓާމިނަލް ހުންނައިރު މި މީހާ ދިރިއުޅެނީ ދެ ވަނަ ޓާމިނަލްގަ އެވެ.
ޗައިނާ ޑެއިލީގައިވާ މި ޚަބަރުގައިވާ ގޮތުން މި މީހާގެ ވަޒީފާއެއް ނެތެވެ. އަދި އެއާޕޯޓުގައި އޭނާ ބޭނުން އިރަކު ކައިބޮއި އުޅެވޭ ކަމަށް އެމީހާ ބުނެ އެވެ.
"އަހަންނަކަށް ގޭގައި އެއްވެސް މިނިވަންކަމެއް ނެތް. އެހެންވެ ގެއަށް ނެތް ދެވޭކަށް. އަހަރެންގެ އާއިލާއިން ބުނަނީ އަހަރެން ގޭގައި އުޅެން ބޭނުންނަމަ ސިނގިރޭޓާއި ބުއިން ހުއްޓާލަން ޖެހޭނޭ. އެހެން ނޫނިއްޔާ އަހަރެންގެ ވަޒީފާ ނެތީމަ ސަރުކާރުން ކޮންމެ މަހަކު ދޭ އެލަވަންސް 1،000 ޔުއާން (200 ޔޫއެސް ޑޮލަރު) އެމީހުންނަށް ދޭން އާއިލާއިން ޑިމާންޑް ކުރަނީ،" ޖިއާންގިއޯ ބުންޏެވެ.
އެއާޕޯޓު ތެރޭ އޭނާ ވަނީ ކުޑަ ބަދިގެއެއް ކަހަލަ ތަންކޮޅެއް ވެސް ހަދާފަ އެވެ. އެތަނުގައި ހުންނަނީ އޭނާ ގެއިން ގެނައި އިލެކްޓްރިކް ކުކަރެކެވެ. އޭނާ ކެއިން ބުއިމަށް ބޭނުންވާ އެހެން އެއްޗެހި އެއާޕޯޓު ތެރޭގައި ހުންނަ ތަންތަނުން ގަންނަނީ އެވެ.
އެއާޕޯޓެއް ތެރޭ މިހާ ގިނަ ދުވަހު ދިރިއުޅުނު ހަމައެކަނި މީހަކީ ޖިއާންގިއޯ އެއް ނޫނެވެ. އިރާނުގެ ރެފިއުޖީއެއް ކަމަށްވާ މެހްރާން ކަރީމީ ނަސީރީ ޕެރިހުގެ އެއާޕޯޓެއްގައި 18 އަހަރު ދުވަހު ދިރިއުޅެފައި ވެއެވެ. އޭނަ 2006 ގައި އެއާޕޯޓުން ނުކުތީ ވަރަށް ބަލި ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމުންނެވެ.
އޭނާ ބޭނުންވީ އިނގިރޭސި ވިލާތަށް ދިއުމަށެވެ. ނަމަވެސް އިނގިރޭސި ވިލާތުން އޭނާ އެ ގައުމަށް އަރަން ހުއްދައެއް ނުދިނެވެ. އަދި ފްރާންސްގެ ކަމާ ބެހޭ އިދާރާތަކުން އޭނާ އެގައުމަށް އެތެރެވާން ހުއްދައެއް ނުދިނެވެ.