ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް މީހުން ބިނާ ކުރަން ފޮރިން ސާވިސް އިންސްޓްޓިއުޓެއް ގާއިމުކުރަން ހުށަހަޅައިފި އެވެ.
އެ އިންސްޓްޓިއުޓް ގާއިމްކުރުމާ ގުޅޭ ބިލެއް، "ދިވެހި ރާއްޖޭގެ ފޮރިން ސާވިސް" ގެ ނަމުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިހާރު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
ބިިލުގެ ބޭނުމަކީ ރާއްޖެގެ ސިޔާސަތު ހަރުދަނާކޮށް ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް ބިނާކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމްކުރުން ކަމަށް ބުނެފައި ވެއެވެ. ހަމަ އެހެންމެ އެ ހިދުމަތް ރޭވިފައިވާ ގޮތާއި އެ ސާވިސް ހިންގުމާ ގުޅޭ އުސޫލުތަކާއި އެ ސާވިސްގެ މުވައްޒަފުންނާ ގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގަނޫނީ އޮނިގަނޑު އެކުލަވާލުން ކަމަށެވެ.
އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މުވައްޒަފުން ތަމްރީންކުރުމަށް ފޮރިން އިންސްޓްޓިއުޓެއް ވެސް ގާއިމްކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އެ އިންސްޓްޓިއުޓްއަކީ ގާނޫނުގެ ދަށުން ބާރުލިބިގެންވާ އިންސްޓްޓިއުޓަކަށް ވެގެންދާނެ އެވެ.
އެ އިންސްޓްޓިއުޓްގެ މެންޑޭޓްގެ ތެރޭގައި ފޮރިން ސާވިސްގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނަކީ ފޮރިން ސާވިސްގެ މަގުސަދުތައް ހާސިލުކުރެވޭފަދަ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިގެންވާ ބަޔަކަށް ހެދުމަށް ތަމްރީން ދިނުން ހިމެނެ އެވެ.
ބިލުގައިވާ ގޮތުން ފޮރިން ސާވިސްގެ އެގްޒެކިއުޓިވް ލެވެލްގެ މުވައްޒަފުން ނަކީ އެންމެ ދަށްވެގެން ޑިގްރީއެއް ނުވަތަ އެއާ އެއްވަރުގެ ފާހެއް އޮންނަ މުވައްޒަފުން ކަމަށް ވެފައި ފޮރިން ސާވިސްގެ އިމްތިހާނުން ފާސްވެފައިވާ ބަޔަކަށް ވާން ޖެހޭނެ އެވެ. އެ އިމްތިހާން ބާއްވާނީ ފޮރިން އިންސްޓްޓިއުޓުން ނެވެ.
އެ ބިލު ފާސްވެ ގާނޫނަކަށްވާތާ 90 ދުވަސް ތެރޭ ފޮރިން ސާވިސް އެކުލަވާލަން ޖެހޭނެ އެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ލަފާ ދިނުމަށްޓަކައި ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑެއް އެކުލަވާލަން ޖެހޭނެ އެެވެ.
ބިލުގައިވާ ގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އަދި އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ރައީސްގެ އަންގަވާގޮތެއްގެ މަތިން ފޮރިން ސާވިސްގެ ގާނޫނާ އެއްގޮތަށް ފޮރިން ސާވިސް ހިންގުމުގެ އެންމެ އިސްވެރިއަކަށް ވާނީ ފޮރިން މިނިސްޓްރެވެ.
ހަމަ އެހެންމެ ފޮރިން ސާވިސްގެ އެންމެހާ ކަންކަން ދުވަހުން ދުވަހަށް ހިންގުމަށް މިނިސްޓަރަސް އެހީތެރިވުމަށް ފޮރިން ސާވިސްގެ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި ފޮރިން ސެކެޓްރީ އެއް ހުންނަަން ޖެހޭނެ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރާނީ މިނިސްޓަރުގެ ލަފާޔާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ.
ފޮރިން ސާވިސް ސެކެޓްރީގެ މަގާމުގެ މުއްދަތަކީ ތިން އަހަރެވެ. އަދި އިތުރު ތިން އަހަރަށް ވެސް އޭނާ އެ މަގާމަށް އައްޔަނުކުރެވިދާނެ ކަމަށް ބިލުގައި ބުނެއެވެ
ބިލުގައި ވާގޮތުން ސަފީރުންގެ ވަޒީފާއަށް ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސްއިން ބޭރުން ވެސް މީހުން އައްޔަނުކުރެވިދާނެ އެވެ. އެ މަގާމަށް އައްޔަނުކުރާ މީހުންނަކީ އެހެން ގައުމެއްގެ ރައްޔިތުކަން އޮންނަ މީހަކަށް ވެގެން ނުވާނެކަމަށް ވެސް ބުނެފައި ވެއެވެ. ހަމަ އެހެންމެ ފޮރިން ސާވިސްއިން ބޭރުން އައްޔަނުކުރާ ސަފީރުން، ރާއްޖޭގެ ވެރިކަން ބަދަލުވާ ހާލަތެއްގައި އިސްތިއުފާ ދޭން ޖެހޭނެކަމަށް ބުނެފައި ވެއެވެ.