ރައްޔިތުންގެ މަޖިލިސް

ފޮރިން ސާވިސް ބިލް ކޮމިޓީން ފާސްކޮށްފި

ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކުރަން "ދިވެހި ރާއްޖޭގެ ފޮރިން ސާވިސް"ގެ ނަމުގައި ހުށަހެޅި ބިލު މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ. އެ ބިލު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.

ސަރުކާރުން ސްޕޮންސާކޮށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) މަޖިިލީހަށް ހުށަހެޅުއްވި ފޮރިން ސާވިސްގެ ބިލަކީ ސިވިލް ސާވިސްގައި ނުހިމެނޭ ގޮތަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރަން ހުށަހެޅި ބިލެކެވެ.

ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބިލް ދިރާސާކޮށް ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ. އެގޮތުން ފޮރިން ސާވިސްގެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ އެކަމާ ގުޅޭ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ޕޭ ކޮމިޝަނުން ކަމަށް ކަނޑައަޅައި ބިލަށް މާއްދާއެއް އިތުރުކޮށްފައިވެ އެވެ.

ފޮރިން ސާވިސްގެ މުވައްޒަފުންގެ ތެރެއިން މުސްކުޅި ކުރާ މުވައްޒަފުންނަށް މާލީ އިނާޔަތްތައް ދޭން ވާނީ، ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާއި އެއްގޮތަށް ކަމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ. ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރާ މީހަކީ އެ މިނިސްޓްރީގައި މަދުވެގެން 10 އަަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ބިލްގައިވެ އެވެ. ބިލްގައި ކުރިން އޮތީ އެ މުއްދަތު 15 އަަހަރު ކަމުގައި ހިމަނާފަ އެވެ.

ޑިޕްލޮމެޓިކް މިޝަންތައް ގާއިމުކޮށް، ބަންދު ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އޮތް މާއްދާ ވެސް ކޮމިޓީން ވަނީ އިސްލާހުކޮށްފަ އެވެ. މިހާރު އޮތް ގޮތުން އެކަންކަން ކުރުމުގެ ނިންމުންތައް ނިންމާނީ ރައީސް އެވެ. އަދި ފޮރިން ސާވިސް އަށް މުވައްޒަފުން އިތުރުކޮށް އުނިކުރަން ވާނީ، ރައީސް އޮފީހަށް ހުށަހަޅައި ހުއްދަ ހޯދުމަށްފަހުގައި ކަމަށްވެސް ބިލްގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ކޮމިޓީން އިސްލާހުކޮށްފައިވާ މާއްދާ ތަކަކީ ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސް މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސާވިސް އިން ބޭރުގެ މުވައްޒަފުން، މަގާމުގެ ހައިސިއްޔަތުން އެމީހުންނަށް ލިބޭ މައުލޫމާތުތައް ދައުލަތުގެ ސިއްރުގެ ގޮތުގައި ހިފަހައްޓަން ވާނެ ކަމަށާއި، އެފަދަ އެއްވެސް މައުލޫމާތެއް ހާމަކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ މާއްދާ އާއި، އެ ވަޒީފާތަކުގެ ގިންތި ތަކާއި، މަގާމުތަކުގެ މަސްއޫލިއްޔަތު ތަކާއި، އެ މަގާމުތަކުގެ ޝަރުތުތައް ބަޔާންކުރާ ވަޒީފާގެ އޮނިގަނޑެއް ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން މިނިސްޓްރީން އެކުލަވާލައި ރައީސް އޮފީހަަށް ހުށަހަޅާން ވާނެ ކަމަށް އޮތް މާއްދާ އެވެ.

ބިލް މިހާރު އޮތް ގޮތުން ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސް މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސާވިސް އިން ބޭރުގެ މުވައްޒަފުން، މަގާމުގެ ހައިސިއްޔަތުން އެމީހުންނަށް ލިބޭ މައުލޫމާތުތައް ހާމަކުރުމަކީ ކުށެކެވެ. އަދި ފޮރިން ސާވިސްގެ ވަޒީފާތަކުގެ ގިންތި ތަކާއި، މަގާމުތަކުގެ މަސްއޫލިއްޔަތު ތަކާއި، އެ މަގާމުތަކުގެ ޝަރުތުތައް ބަޔާންކުރާ ވަޒީފާގެ އޮނިގަނޑެއް ފަދަ އެއްޗެއް އެކުލަވާލެވޭނީ ރައީސް އޮފީހުން ހުއްދަ ދިނުމަށްފަހުގައި ކަމަށެވެ.

ފޮރިން ސާވިސްގެ ބިިލުގެ ބޭނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފައްތަން ބޭނުންވާ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް ބިނާ ކުރަން ސިވިލް ސާވިސްއާ ވަކިން ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމް ކުރުމެވެ.