ޝައިހް ހަސީނާ

މަޖިލީހުގައި ހަސީނާ ތަގުރީރު ކުރައްވަން ރުހުން ދީފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން މަޖިލީހުން ރުހުން ދީފި އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތަށް ބޭރު ގައުމެއްގެ ވެރިއަކު މަޖިލީހުގައި ތަގުރީރު ކުރެއްވޭނީ މަޖިލީހުގެ ރުހުން ލިބިގެނެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ހަސީނާ ތަގުރީރު ކުރައްވަން ފެންނަ ކަަމަށް 44 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ޝައިހް ހަސީނާ ތަގުރީރު ކުރައްވާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އިރު މަޖިލީހުގެ ޖަލްސާގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިހާތަނަށް ތަގުރީރު ކުރައްވާފައި ވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާއި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. ސިންގް ތަގުރީރު ކުރެއްވީ 2011 ވަނަ އަހަރު އެވެ. މޯދީ ތަގުރީރު ކުރެއްވީ ޖޫން 28، 2019 ގައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަސީނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މި މަހުގެ 22 އިން 23 އަށް ކުރިއަށް ދާނީ ދަތުރުފުޅުގެ ރަސްމީ މަސައްކަތްތަކެވެ. އެކަމަނާގެ ދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރާށާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރާށެވެ. މީގެއިތުރުން ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 200 މިލިއަން ޑޮލަރު -- ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ލޯން ރަސްމީކޮށް އިއުލާންކުރާނެ ކަމަށްވެސް އެނގިފައިވެ އެވެ.