ފޮރިން މިނިސްޓްރީ

އައިއެމްއޯގެ ސަފީރު ކަމަށްލާން ފަރަހަނާޒަށް ރުހުން ދީފި

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ ސަފީރު ކަމަށް އައްޔަން ކުރަން ޑރ. ފަރަހަނާޒް ފައިސަލަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ފަރަހަނާޒް އެ މަގާމަށް އައްޔަން ކުރަން ފެންނަކަމަށް 54 މެމްބަރުން ވޯޓު ދެއްވި އެވެ. އޭނާއަކީ އިނގިރޭސިވިލާތަަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

އައިއެމްއޯ އަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރުތަކުގެ ސަލާމަތާ ގުޅޭ ކަންތައްތައް ރެގިއުލޭޓް ކުރަން އދ. ގެ ދަށުގައި އޮންނަ އޯގަނައިޒޭޝަނެކެވެ.

ފަރަހަ އައިއެމްއޯގެ ސަފީރު ކަމަށް އައްޔަން ކުރާއިރު އޭނާ މިހާރުވެސް ދަނީ އަޔަލެންޑާއި ސްޕެއިން އަދި ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރުގެ މަގާމު ވެސް ފުރުއްވަމުން ނެވެ.

އޭނާއަކީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ކާފަ ދަރިކަނބަލެކެވެ. އަދި އޭނާއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވި އަންހެން ބޭފުޅާ އެވެ.