ރައީސް މުހައްމަދު ނަޝީދު

ރާއްޖެ އޮތީ ހަތަރު އަނގޮޅިއެއްގައި ހުއްޓެން ޖެހިފައި: ނަޝީދު

އިންޑިއާ ކަނޑުގައި އުފެދިފައިވާ ވާދަވެރި ކަމުގެ ތެރޭ، ހަތަރު އަނގޮޅިއެއްގައި ރާއްޖެއިން ހުއްޓެން ޖެހިފައިވާ ހާލަތަކަށް ކަންކަން ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެެވެ.

ނަޝީދު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ރުހުން ދިނުމުގެ މައްސަލާގައި މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި މިހާރު އުފެދެމުން އަންނަ ވާދަވެރި ކަމުގައި ރާއްޖެއިން ހާއްސާސް އަދި އެހާމެ ނާޒުކު ހަތަރު އަނގޮޅިއަކަށް ހުއްޓޭން ޖެހިފައި ކަމަށެވެ. މި ހުއްޓުމުގެ ތެރޭގައި އިތުރު ރަހުމަތްތެރިންނާ ގުޅުން ބަދަހި ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއްވެސް ގައުމެއްގެ ދައުރު ވަކިން ހާއްސަކޮށް އަވައްޓެރި ގައުމުތަކުގެ ތެރެެއިން އެތެރެވަރި ގައުމުތަކުގެ ދައުރެއް ރާއްޖޭގައި ނެތް ކަމަށް ބުނުމަކީ ހަމައެކަނި އަޅުގަނޑަށް ފެންނަ ފެނުމުގައި ހަގީގަތާ ހިލާފު ވާހަކައެއް. \ދިވެހީންނަށް ނިކަމެތިކަން ލިބޭނެ ދެރަ ގޮތްތައް މެދުވެރިކުރާނެ ބުނުމެއް، ފިކުރެއް. ފަލްސަފާއެއް." ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު މިއަދު ވެސް އެވާހަކަތައް ތަކުރާރު ކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ދިވެހީންގެ އެންމެ ބޮޑު މަސްލަހަތަކީ އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ކަމަށާއި އަދި މި ރާއްޖެއަށް ލިބޭ ރިޒުގެއް ލިބެނީ އިންޑިއާ ކަނޑުން ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ބަންްގްލަދޭޝްގެ ތަރައްގީއަށް ވެސް އަލިއަޅުއްވާލެއްވި އެވެ