އަބްދުﷲ ޝާހިދު

ބިލުގައި ޝާހިދުގެ ނަމެއް ނުހިމެނޭނެ: އަފީފް

ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރަން "ދިވެހި ރާއްޖޭގެ ފޮރިން ސާވިސް" ގެ ނަމުގައި ހުށަހެޅި ބިލުގެ ނަން މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ނިސްބަތްކޮށް އޭނާގެ ނަން ހިމަނަން ހުށަހެޅި ނަމަވެސް އެގޮތަށް އެކަން ނުކުރެއްވޭނެ ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ހުށަހެޅުއްވި ބިލަށް ބަހުސް ކުރާއިރު މިއީ އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެ ވަޑައިގެންނެވި ދަނޑިވަޅަށްވެފައި އަދި އެއީ ރާއްޖެއަށް ލިބުނު ވަރަށް ޝަރަފަކަށް ވާތީ ބިލުގައި ޝާހިދުގެ ނަން ހިމަނަން ބައެއް މެމްބަރުން ދަނީ އެދިވަޑައިގަތުމުންނެވެ.

އެކަން ފުރަތަމަ ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. މިއަދު އެ ބިލަށް ކުރި ބަހުސްގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވެސް ވަނީ ޝާހިދުގެ ބިލުގެ ނަމުގައި ޝާހިދުގެ ނަން ހިމަނަން އެދިވަޑައިގެންފަ އެވެ.

ނަމަވެސް ވަހީދުގެ ވާހަކަ ނިންމާލެއްވިތަނުން މަޖިލީހުގެ ރިޔާސަތުގައި އެވަގުތު އިންނަވައިގެން އަފީފު ވިދާޅުވީ މެމްބަރުން ހުށަހެޅި ގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.

"އެއްވެސް ގާނޫނަކީ މީހެއްގެ ނަމުގައި ފާސް ކުރެވޭނެ އެއްޗެއް ނޫން. އެކި އެކި އިންސްޓްޓްއިޓްތައް މީހުންގެ ނަމުގައި، އެތަންތަނަށް ނަން ދެވިދާނެ." އަފީފް ވިދާޅުވި އެވެ.

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ނަން ފޮރިން މިނިސްޓްރީ ބިލްޑިންގަށް ދިނީ މިއަހަރު އެވެ.