ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރަން "ދިވެހި ރާއްޖޭގެ ފޮރިން ސާވިސް" ގެ ނަމުގައި ހުށަހެޅި ބިލުގެ ނަން މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ނިސްބަތްކޮށް އޭނާގެ ނަން ހިމަނަން ހުށަހަޅުއްވައިފި އެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ހުށަހެޅުއްވި ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި އެ ބިލު ޝާހިދަށް ނިސްބަތްކޮށް އޭނާގެ ނަން ހިމަނަން ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.
ރިޔާޒް ވިދާޅުވީ އެކި ބޭފުޅުން ކުރައްވާ މަސައްކަތް އަޅުގަނޑުމެން އަގު ވަޒަން ކުރަނީ އެ ބޭފުޅުން ދުނިޔެ ދޫކުރައްވާ ވަޑައިގަތުމުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި އެންމެ ފުންނާބު އުސް ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ނަން ފޮރިން މިނިސްޓްރީ ބިލްޑިންގަށް ދިނީ އެމަނިކުފާނު އަވަހާރަވުމުން ކަމަށެވެ.
"ދުނިޔޭގައި މިހާރު ކަންކަން ބަދަލުވަމުން ދާއިރު ބޭފުޅުން ކުރައްވާ މަސައްކަތް އެ ބޭފުޅުން ދުނިޔޭގައި ތިއްބަވަނިކޮށް ވެސް ފާހަގަ ކުރަން ޖެހޭ." ރިޔާޒް ވިދާޅުވި އެވެ.
އެގޮތުން އޭނާ ވިދާޅުވީ ފޮރިން ސާވިސް ބިލު ހުށަހެޅި މި ދަނޑަވަޅަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެ ވަޑައިގެންނެވި ދަނޑިވަޅަށްވެފައި އަދި މިއީ ރާއްޖެއަށް ލިބުނު ވަރަށް ޝަރަފެއްކަމަށްވާތީ ބިލުގައި ޝާހިދުގެ ނަން ހިމަނަން އެދޭ ކަމަށެވެ.
"ދިވެހި ސިފައިން ހަތިޔާރު ހިފައިގެން ގައުމު ދިފާއުކުރާ އުސޫލުން ހަމަ އެ އުސޫލުން ޑިޕްލޮމަސީ ހިފައިގެން ހާރިޖީއްޔާގައި މަސައްކަތް ކުރައްވާ ބޭފުޅުން ގައުމު ދިފާއު ކުރުމުގެ މަސައްކަތް އެ ކުރައްވަނީ. އެެހެންވީމާ އަޅުގަނޑުގެ ހުށަހެޅުމެއް މި ބިލް އޮނަރަބަލް އަބްދުﷲ ޝާހިދުގެ ނަންފުޅުން ރަމްޒު ވާގޮތަށް ފަރުމާކޮށްގެން ގެނައުމަށް" ރިޔާޒް ވިދާޅުވި އެވެ.