ވެރިކަން ކުރާ އެމްޑީޕީގެ ބަޔަކު ސިޔާސީ ބޭނުމަށް ރާއްޖެ ބައިބައިކޮށްލި ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސިފަކުރައްވައިފި އެވެ.
މަޖިލީހުގެ ރައީސްއަށް ރަސްމީގެކޮޅު ހަމަޖެއްސުމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ދިރާސާކުރުމަށް ފަހު އެކުލަވާލި ރިޕޯޓަށް މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ޝަރީފްއާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ރައްދު ކުރިއެޗެ.
ބަހުގެ ހަމަލާތައް ފެށުނީ ވަހީދު އާއި އިމްތިޔާޒް ހަރުކަށި ފިކުރާއި ނަފްތަރު އުފެއްދުމާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ފަހު އެވެ. އެގޮތުން މުސްލިމަކު ކާފަރެއްކަމަށް ހެދުން ކުށަކަށް ހެދުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލަކީ ސެކިއުލާ ބިލެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ވަހީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެެވެ.
އެ ދެ ބޭފުޅުންގެ ވާހަކަތައް ޝަރީފް ސިފަކުރެއްވީ އިސްލާމްދީނަށް ކުރި ފުރައްސާރައެއްގެ ގޮތުގަ އެވެ. ހާއްސަކޮށް އިސްލާމް ދީނަކީ ބޮން ގޮއްވާ އަދި މީހުން މަރާ ދީނެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވަހީދު ވާހަަކަ ދެއްކެވި ކަމަށް ޝަރީފު ތުހުމަތުކުރެއްވި އެވެ.
ޝަރީފް ވިދާޅުވީ އިސްލާމް ދީނަށް ނަފްތަރުވާގޮތަށް ވަހީދާއި އިމްތިޔާޒް ވާހަކަ ދައްކާ ކަމަށެވެ.
ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވައި ވަހީދު ވިދާޅުވީ އޭނާ އިސްލާމް ދީނަށް އިހާނެތިވާ ގޮތަށް އެއްވެސް ވަރަކަށް ވާހަަކަ ނުދައްކާ ކަމަށެވެ. އަދި ޝަރީފް ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
"އަޅުގަނޑަށް ކަނޑައެޅިގެން ހަމަލާދޭ ގޮތަށް ހިތްވަރުދޭ ގޮތަށް މެމްބަރު [ޝަރީފް] އެ ވާހަކަ ދައްކަވަނީ" މީގެ ކުރިން ވެސް އިސްލާމް ދީނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުން އެކިއެކި އިންޒާރު ލިބިވަޑައިގެންނެވި ވަހީދު ވިދާޅުވި އެވެ.
ޝަރީފް އަށް ރައްދު ދެއްވައި އިމްތިޔާޒް ވިދާޅުވީ ޝަރީފް ދެއްކެވި ވާހަަކަތަކަކީ ވަހީދުއަށް ހަމަލާ ދިނުމަށް ބާރުލިބޭ ފަދަ ވާހަކަތަކެއް ކަމަށް ބެލެވިދާނެ ކަަމަށެވެ.
"ލޭ ހުއްދަކުރުމަށް އަނެއްކާވެސް ހިތްވަރުދެވޭ ކަހަލަ ވާހަކައެއް ނުދެއްކެވޭނެ ރައްޔިތުންގެ މަޖިލީހުގައެއް އިސްލާމްދީނާ ގުޅުވައިގެނެއް." އިމްތިޔާޒް ވިދާޅުވި އެވެ.
އެ ޒުވާބުގެ ތެރެއަށް ވަހީދު އަނެއްކާވެސް ވަންނަވައި ވިދާޅުވީ ޝަރީފަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުން ރިޝްވަތު ނަންގަވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ އިސްލާމް ދީން ދެކެ ލޯބިވާ ހަމައެކަނި ބޭފުޅަކު ކަމަށް ބުނުން ބަލައިނުގަނެވޭނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ އިމްތިޔާޒާއި ވަހީދުވެސް މަސައްކަތް ކުރަނީ ރާވައިގެން އޭނާ ބޮލުގައި ތުހުމަތު އަޅުވައި ފިތުނަ އުފެއްދުމަށް ކަމަށާއި ހިޔާނާތުގެ އެއްވެސް ފައިސާއެއްގައި ޖެހިފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މިހާ ހިސާބަށް ކަންކަން ދިޔައީ އެކަށީގެންވާވަރަށް ވުރެ ބޮޑަށް ސިޔާސީ މަގުސަދަށް ވަކި ކަހަލަ ބޭފުޅުންތަކެއް އަބަދު ރައްޔިތުންނާ ވިއްދައިގެން ފިތުނަ ފަސާދަ އުފައްދައި. އަޅުގަނޑުގެ ބޮލުގައި ތުހުމަތެއް އެޅުނޭ ކިޔާފައި އަޅުގަނޑު ވައްކަންކުރި މީހަކަށް ހެދުމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑަށް ބޮޑެތި ބިރުތަކެއް އެބައާދޭ. ނަފުރަތު އުފެދިގެން އަޅުގަނޑަށް މަރުގެ އިންޒާރުތައް އެބަ އާދޭ. އެ ބޭފުޅުންވެސް މަސައްކަތް ކުރައްވަމުންދަނީ ނަފުރަތު އުފައްދަން." ޝަރީފް ވިދާޅުވި އެވެ. "ސީޔާސީ ބޭނުމަށް މުޅި މި ރާއްޖެ ބައިބައިކޮށްލި ބޭފުޅުންނަކީ މިއީ. ތިމާމެން އަމިއްލައަށް ފޭހުނު އިލޮށިގަނޑު ތިމާމެންގެ ލޮލަށް ހެރޭ ދުވަސް އަންނަކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ. މުޅި ގައުމު ބައިބައިކޮށް ފަސާދަކޮށް އެ ބޭފުޅުންގެ ސިޔާސީ ވަކި ބޭނުމެއް ހާސިލުކުުރުމުގެ ނަތީޖާއެއްގެ ގޮތުން މިހެން ދިމާވީ"