އިބްރާހިމް ޝަރީފު

އެމްޑީޕީގެ ބައެއް މެންބަރުން ރާއްޖެ ބަނގުރޫޓުކުރަން އުޅޭކަމަށް ތުހުމަތުކޮށްފި

އެމްޑީޕީގެ ބައެއް މެންބަރުން ރާއްޖެ ބަނގުރޫޓު ކުރަން އުޅޭ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރައްވައިފި އެވެ.

އިބްރާހިމް ޝަރީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމަށް ލަފާ ދިނުމަށް މަޖިލީހުން ފާސް ކުރުމުން އެކަމަށް އަމަލު ނުކުރާތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

އީވާ މަޖިލީހަށް ހުށަހެޅި ގަރާރަކީ މިދިޔަ ހަތަރު އަހަރު ތެރޭ ރާއްޖެ ބަނގުރޫޓު ކޮށްލުމަށް އިދިކޮޅުން ކުރަމުން އައި މަސައްކަތަށް އިތުރުވި އާ ބޮޅެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިގައުމު ބަނގުރޫޓުވެއްޖެކަމަށް އިއުލާން ކުރުމަށް ބާރުއެޅުމަށް، ކިތަންމެ ރީތި ބަހަކުން ރީސްޓްރަކްޗާ ކުރުމޭ ބުންޏަސް، އެ ކުރަން އުޅޭ ކަމަކީ އެކަން ސަރުކާރަށް މަޖުބޫރު ކުރެވޭތޯ މިދިޔަ ހަތަރު އަހަރު ކެނޑިނޭޅި މަޖިލިސް ތެރެއިން ކުރި މަސައްކަތް އަނެއްކާވެސް އަލުން ފަށައިގަތުން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ސްރީ ލަންކާ ދިޔަ މަގުން ގައުމުގަ ތެޔޮ ގަންނާނެ ފައިސާއެއް ނުވަތަ ކާޑު ގަންނާނެ ފައިސާއެއް ނެތި ރާއްޖެ ބަނގުރޫޓު ވެއްޖެ ކަމަށް އިއުލާން ކުރުމަށް ތަކުރާރުކޮށް އިދިކޮޅު ފަރާތްތަކާއި ބައިވެރި ވެގެން އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރިކަމީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

ރާއްޖެ ބަނގުރޫޓު ވެއްޖެ ކަމަށް އިއުލާން ވިޔަ ނުދޭނެ ކަމަށް ޝަރީފް ވަނީ ވަރަށް އަޑު ހަރުކޮށް ވިދާޅުވެފަ އެވެ.

ދަރަނި ރީސްޓްރަކްޗާ ކުރުމޭ ކިޔައިގެން ދައްކާ ވާހަކަ އަކީ ގައުމު ބަނގުރޫޓު ކުރަން ދައްކާ ވާހަކައެއް ކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ދަރަނި ރީސްޓްރަކްޗާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ވީ ވައުދެކެވެ.

އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ވާހަކަ އޮތްކަން މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ވަނީ ފާހަގަ ކުރައްވާފަ އެވެ.