އިބްރާހިމް ޝަރީފު

އެމްޑީޕީ ބައެއް މެންބަރުން އުޅުއްވަނީ ސަރުކާރު ވައްޓާލަން: ޝަރީފް

Mar 1, 2022
1
އިބްރާހީމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އެމްޑީޕީ ބައެއް މެންބަރުން އުޅުއްވަނީ ސަރުކާރު ވައްޓާލަން ކަމަށް ޝަރީފް ތުހުމަތުކުރެއްވި -- ފޮޓޯ: މަޖލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން މިހާރު މަސައްކަތް ކުރައްވަނީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާލުމަށް ކަމަށް އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ތިއްބެވި އެންމެ ތަޖުރިބާކާރު މެންބަރުންގެ ތެރޭގައި ހިމެނޭ ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ބައެއް މީހުން ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީ ވެރިކަން ކުރާ ސަރުކާރުގައި އެމްޑީޕީ ހިމެނޭއިރު އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން މިއަދު މަަސައްކަތް ކުރައްވަނީ އިދިކޮޅު ޕާޓީއަކުން މަޖިލީހުގައި މަސައްކަތް ކުރައްވާ ގޮތަށް ކަމަށެވެ. ކުއްލި މައްސަލަ ހުށަހެޅުއްވީ ވެސް އިދިކޮޅު ޕާޓީ އަކުން ކަންކުރާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"މަޖިލީހުގައި އިދިކޮޅު ޕާޓީގެ ރޯލު ވެރިކަން ކުރާ ޕާޓީން އަދާކުރުމަކީ ކަންބޮޑުވާ ކަމެއް. ބިރުވެރި ކަމެއް. ނުރައްކާތެރި ކަމެެއް. އެއީ ސަރުކާރު ވައްޓާލަން ހިންގާ ޖަރީމާއެއް ކަން އަޅުގަނޑު މިދަންނަވަނީ ވަރަށް ކެރިގެން،. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ދޭ އުދުވާނީ ހަމަލާއެއް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމަކަށް ވާއިރު އެފަދަ ނިޒާމެއްގައި ރައީސް އަށް ލިބެންޖެހޭ ބާރު ގާނޫނުއަސާސީން ދީފައިވަނީ ހަނިކޮށް ކަމަށެވެ. އަދި ރައީސް އަށް ލިބޭ ބާރު މަޖިލީހުން އިތުރަށް ހަނިކޮށްފައިވާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. އަދ އެއީ ރައީސުލްޖުމްހޫރިއްޔާގެ އަތްފައި ބުރިކުރުން ކަމަށް ޝަރީފް ސިފަކުރެއްވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކޯޅުން ބޮޑުވެފައިވާއިރު ވާދަވެރިކަން އެންމެ ބޮޑީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ މެދުގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހްމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. މެންބަރު ޝަރީފް ހުންނެވީ ފައްޔާޒުގެ ފަޅީގަ އެވެ.

ވަޒީފާ އިން ވަކިކުރާ މައްސަލާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މަގާމެއްގައި ހުރެ ރައްޔިތުންނަށް ހިދުމަތް ނުދެވޭނަމަ އެ މީހަކު ވަޒީފާ އިން ކުރަންޖެހޭނެ ކަމަށެވެ. އަދި އެއީ ރައީސަށް ލިބިގެންވާ ބާރެއް ކަމުގައި ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕާޓީ މީހަކަށް ވިޔަސް އަޅުގަނޑުގެ ދަރިއަކަށް ވިޔަސް އެ މީހަކަށް ހަވާލު ކުރެވޭ މަސްއޫލިއްޔަތު ބަރާބަރަށް އަދާނުކުރާނަމަ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ބަރާބަރަށް ނުދޭނަމަ ވަޒީފާއިން ދުރުކުރަން ޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.

ކުއްލި މައްސަލައިގައި އެމްޑީޕީގެ ދެ ފެކްޝަންގެ މެންބަރުން އެއް ބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުތައް ކުރައްވާފައިވެ އެވެ. އަދި ބައެއް މެންބަރުން ވަނީ ރައީސް ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފިރާ

ޝަރީފު ތިވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެއް.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910