އިބްރާހިމް ޝަރީފު

ޑީލެއް ހެދިއްޔާ ހެދީ ނަޝީދާއެކު: ޝަރީފް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއެކު އެއްވެސް "ޑީލެއް" ހަދައިފައި ނުވާނެ ކަމަށް އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ޝަރީފް ވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތުގެ އިނގިލި ދިއް ކުރައްވާ މެންބަރުންނަށް ރައްދު ދެއްވާފަ އެވެ.

ކޯފާ އިސްކުރައްވާ ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އަދީބާއެކު އެއްވެސް ޑީލެއް ހައްދަވައިފައި ނުވާނެ ކަމަށެވެ. އޭނާ މަޖިލީހުގައި ވަކި ގޮތަކަށް ވޯޓެއް ދެއްވާފައިވާނަމަ އެ ވޯޓެއް ދެއްވީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވި ގޮތަކަަށް ކަމަށެވެ.

"ޑީލް ހެއްދެވީ މަނިކުފާނު! އަޅުގަނޑު އެއްވެސް ޑީލެއް ހަދާފައި ނޯންނާނެ،" ރައީސް ނަޝީދަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އޭނާއަށް ކުރާ ތުހުމަތުތަކުގެ ހަގީގަތްތައް މަޖިލީހުގައި ސާފު ކޮށްދޭން ބޭނުންވީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ކެނޑި ނޭޅި އެނާގެ މައްޗަށް ދޮގު ތުހުމަތުކޮށް މަޖިލީހުގެ ސައި ކޮޓަރި ފަދަ މާލަން ތަކުގައި އެ ވާހަކަ ދައްކާވާތީ އެވެ. ޝަރީފަށް ހިޔާނާތުގެ ތުހުމަތުތައް ކުރާ މެމްބަރެއްގެ ގޮތުގައި އެމްޑީޕީގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮން ބިލެތް) ގެ ނަން ވެސް ފާހަގަ ކުރެއްވި އެވެ.

ޝަރީފަށް ކުރެވޭ ތުހުމަތަކީ ފައިސާ ނަންގަވައިގެން ރައީސް ޔާމީންގެ ވެރިކަމުގައި އަދީބުގެ އެދިވަޑައިގަތުމަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވު މެވެ. ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޝަރީފް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކޮށްލަން މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ. އެ އިސްލާހު މަޖިލީހުން ފާސްކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އޭރު މަދު ވެސް ކުރި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުވައިގެން ޝަރީފަށް ތުހުމަތުތަކެއް ކުރަން ފެށީ އަދީބު ފުލުހުންނަށް ދީފައިވާ ކަމަށް ބުނާ ބަޔާނެއް ލީކްވި ހިސާބުންނެވެ. އެ ބަޔާނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހަށް އިސްލާހު ހުށަހެޅުމަށް ޝަރީފަށް 20 މިލިއަން ރުފިޔާ ދިނުމަށް އަދީބު އެއްބަސްވެ ވަޑައިގެންފައިވެ އެވެ. ނަމަވެސް އެ ތުހުމަތުތަކަށް ޝަރީފް ގެންދަވަނީ ތަކުރާރުކޮށް އިންކާރު ކުރައްވަމުންނެވެ.

ރައީސް ނަޝީދަށް އަމާޒު ކުރައްވާ ޝަރީފް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ޝަރީފްގެ އަމަލުތައް މިއަދު ހުރީ "މިސްކިތު ހުޅުޖެހި މީހާ" ގެ އަމަލުތަކާ އެއްގޮތަށް ކަމަށެވެ. އެއީ ކަމާ ނުވެސް ގުޅޭ މައުލޫއެއްގެ ތެރެއިން އެމްއެމްޕީއާރްސީގެ މައްސަލަ ނަންގަވައި ޝަރީފް ބަހުސް ކުރެއްވުމުންނެވެ. ނަމަވެސް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ވާހަކަތައް މިއަދު ކުއްލިއަކަށް ނަގަން ޖެހުނީ އޭނާއާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ބައެއް މެންބަރުން އަބަދު މަޖިލީހުގެ ތަޅުމުގައި ދައްކަވާތީ އެވެ. އެހެންވެ އޭނާގެ ބޭނުމަކީ ކަންވީ ގޮތް ރައްޔިތުންނަށް ސާފުކޮށްދެއްވުމެވެ.

"އެމްޑީޕީން އޭރު ވޯޓު ދިނީ މަނިކުފާނު ބަންދުގައި ހުރީމަ މަނިކުފާނު ބަންދުން ސަލާމަތް ކުރަން. ޕާޓީއާ ހިލާފް އެއްވެސް ހުށަހެޅުމެއް މީގެ ކުރިން މަޖިލީހަށް ހުށަހަޅާފައެއް ނޯންނާނެ. އަދި އަހުމަދު އަދީބާއި އެކު ޑީލެއް ނަހަދަން. އަދި އޭނާއާ ގުޅިގެން މަޖިލީހަށް އެއްވެސް އެއްޗެއް ހުށަހަޅާފައެއް ވެސް ނޯންނާނެ. ފައިސާ ހޯދައިފައެއް ނޯންނާނެ. ޕާޓީގެ ވިޕްލައިނާ ހިލާފުވެގެން އަޅުގަނޑާ މެދު ފިޔަވަޅު އަޅައިފައެއްވެސް ނެތް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކަތައް ނިންމަވާލެއްވުމުން ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި ތުހުމަތުކުރެވޭ މަޖިލިސް މެމްބަރުންގެ ވާހަކަ ނަންގަވާފަ އެވެ. އަދި އެ ތަހުގީގްތައް ނިމުމުން މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑިތައް ގެއްލިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރެއްވި އެވެ.