އެޗްޑީސީ

ގުރުނެގުން ކެންސަލުކުރީ ޓެކްނިކަލް މައްސަލައެއް ޖެހިގެން: އެޗްޑީސީ

Jun 21, 2021
1

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރި ފްލެޓްތަކުގެ މިއަދު ބޭއްވުމަށް ހަމަޖެެއްސި ގުރުނެގުން ކެންސަލް ކުރަން ޖެހުނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހިޔާ ފްލެޓްތަކަށް ހޮވުނު މީހުންގެ ތެރެއިން އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ ނުވަތަ އެޗް-10 ކެޓަގަރީން ފްލެޓް ލިބުނު 188 މީހުންގެ މެދުގައި ގުރު ނަގާފަ އެވެ. އޭގެ ފަހުން އަލުން ގުރުނެގުން ފަށާފައިވަނީ އިއްޔެ އެވެ.

މިހާރު ގުރު ނަގާ ކެޓެގަރީތައް

  • ޑޮކްޓަރުންނާއި ނަރުހުންގެ ކެޓެގަރީ (އެޗް-4)
  • ޓީޗަރުންނަށް ހާއްސަ ކެޓެގަރީ (އެޗް-5)
  • އެކަނިވެރި މައިންނާ ބަފައިންނަށް ހާއްސަ ކެޓެގަރީ (އެޗް-6)
  • 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓެގަރީ (އެޗް-7)
  • މާލެ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ (އެޗް-8)
  • މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ ކެޓެގަރީ (އެޗް-9)
  • ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެތެގަރީ (ފަންނީ، އިދާރީ ސަޕޯޓް)

މީގެއިތުރުން ވެށިފަހި ޕްރޮގްރާމްގެ ދަށުން ގާކޮށިންނާއި އަރަބިއްޔާއިން ފްލެޓް ލިބި ފައިސާ ނުދެއްކިގެން ފްލެޓް ނުލިބުނު މީހުންގެ ތެރެއިން ހިޔާ ފްލެޓް ހިޔާރުކުރި މީހުން ވެސް ހިމެނެ އެވެ. އަދި ގުޅިފަޅުން ފްލެޓް ގަތް މީހުންގެ ތެރެއިން ހިޔާ ފްލެޓް ގަތް މީހުންގެ މެދުގައިވެސް ގުރު ނެގުން ކުރިއަށް ގެންދާނެ އެވެ.

ގުރުއަތުލުން ކުރިއަށް ގެންދާނީ ފްލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑު ނަމްބަރު ތަރުތީބުންނެވެ. އަދި ގުރުއަތު ނަގާއިރު ނެގުނު ފްލެޓާއި ފުލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ދައްކާނެ އެވެ.

ދާއިމީ ފްލެޓް ލިސްޓުގައި ހިމެނުނު މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައި ނިމުމުން އެމީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމާފަ އެވެ. އަދި އެމީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމާއެކު ކޮންމެ މީހަކާއެކު އެޗްޑީސީން އެއްބަސްވުމެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ. އެޗްޑީސީން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ޑައުންޕޭމެންޓް ދައްކަން އުނދަގޫވާނަމަ ދިގުމުއްދަތަކަށް ބަހާލައިގެން އެ އަދަދު ދެއްކުމުގެ ފުރުސަތު ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ މީހުން ކުލީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު އިތުރުވާނެ އެވެ. އެގޮތުން 25 އަހަރަށް ބަހާލައިގެން ފްލެޓްގެ ޑައުންޕޭމަންޓް ދައްކަން އެއްބަސްވާ މީހުން މަހަކަށް 7500 ރުފިޔާ ދައްކަން ޖެހެ އެވެ.