ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިޝްކާގެ މަރު

މިޝްކާގެ މަރު: ފިޔަވަޅު އެޅުމުގައި ފަހަތަށް ނުޖެހޭނެ

މި މަހުގެ ދެވަނަ ދުވަހު ކޮވިޑް ބަލީގައި މަރުވި ފާތިމަތު މިޝްކާއަށް ފަރުވާ ލިބުން ލަސްވުމުގައި އިހުމާލު އޮތް ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށާ އެކަމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިޝްކާގެ މަރާއި ގުޅިގެން ހެލްތް މިނިސްޓްރީން ވަނީ މިޝްކާގެ މަރުގެ ތަހުގީގު ރިޕޯޓެއް އިއްޔެ އާންމުކޮށްފައެވެ. ރިޕޯޓްގައި ކަމާގުޅޭ އިދާރާތަކުގެ ބޮޑެތި އިހުމާލުތަކެއް ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް މިނިސްޓަރު ނަސީމް ހާޒިރުކޮށްފައިވާއިރު ކޮމެޓީގެ މެންބަރުން ވަނީ ރިޕޯޓްގައި ހިމެނޭ މައްސަލަތަކާއި ގުޅިގެން އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅުއްވާނެތޯ ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ.

މިނިސްޓަރު ނަަސީމް ވިދާޅުވީ މިޝްކާގެ މަރުގައި އިހުމާލުތަކެއް އޮތްކަން ފާހަގަކުރެވުނު ހިސާބުން ފުރަތަމަ ދުވަހުވެސް އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސިއްހީ އެހީތެރިންނަށް ފިޔަވަޅު އެޅޭނީ ވަކި ގާނޫނެއްގެ ދަށުން ކަމަށާ އެކަން އެގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެޗްއީއޯސީގެ މަސައްކަތުގަައި ހަރަކާތްތެރިވި މީހުންގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ މީހުންނަށްވެސް އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"އެޗްއީއޯސީގައި މަސައްކަތް ކުރާ އެހެން ފަރާތްތަކާއި ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން. އެއީ އިދާރީ މުވައްޒިފުން ކަމުގައިވީނަމަވެސް އެތާނގެ އޮޕަރޭޝަން ކަންކަމުގައި އުޅޭ މުވައްޒިފުން ކަމުގަައިވީނަމަވެސް އަދި ލިޔެކިޔުމުގެ ކަންކަން ބަލަހައްޓާ މުވައްޒިފުން ކަމުގައިވީނަމަވެސް. އަޅުގަނޑުމެން އެމީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އިއްޔެ އާންމުކުރި ހެލްތް މިނިސްޓްރީގެ ތަހުގީގު ރިޕޯޓްގައި ބުނީ އެޗްއީއޯސީން އެންމެ ފުރަތަމަ ކުއްޖާގެ މައުލޫމާތު ނަގަން ގުޅިއިރު ބެލެނިވެރިޔާ ކޮންސަލްޓޭޝަނަކަށް އެދިފައި ވީނަމަވެސް އެޗްއީއޯސީގައި ބޭނުންކުރާ އައުޓް ބްރޭކް ސިސްޓަމަށް ކުއްޖާގެ މައުލޫމާތު އެންޓާ ކުރިއިރު ކޮންސަލްޓޭޝަންއެއް ބޭނުންކަން ފާހަގަކޮށްފައި ނުވާކަމަށާ ބެލެނިވެރިޔާއާ އެޗްއީއޯސީން ގުޅިއިރު އެއްވެސް ވަރަކަށް މިޝްކާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން ފާހަގަކޮށްފައި ނުވާ ކަމަށެވެ.

މިޝްކާއަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެމަޖެންސީ ހާލަތެއްކަން ކޯލް ސެންޓަރުންނާއި އެޗްއީއޯސީގައި މަސައްކަތްކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ) އިން ބެލިފައި ނެތުމުން ފަރުވާއަށް ދިއުމަށާއި އަދި ފަރުވާ ފޯރުކޮށް ދިނުމުގައި އެކަށީގެންނުވާ ލަސްތަކެއް ވެފައިވާކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

މިޝްކާއަށް އެޗްއީއޯސީ އިން ދޭންޖެހޭ ފަރުވާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއްގައި ބޮޑެތި ލަސްތަކެއްވެފައިވާ ކަމަށާއި އަދި ޑީއެމްއާރްޓީއިން އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެލި ޑޮކްޓަރުންވެސް މިޝްކާގެ ހާލަތު އެންމެ ރަނގަޅަށް ދެނެގަނެފައި ނުވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ ކުއްޖާގެ ބެލެނިވެރިޔާ އާއި ޑީއެމްއާރްޓީގެ ޑޮކްޓަރާ ދެމެދު ކުރި މުއާމަލާތުގައި އެކުއްޖާ ބަލާދާނެ ކަމަށް ގަބޫލު ކުރެވިފައިވާކަން ކުއްޖާގެ ބައްޕަ ކޯލް ސެންޓަރުގެ އެޖެންޓުންނާ ކޮށްފައިވާ ކޯލްތަކުގެ ލޮގްތަކުން ދޭހަވާ ކަމަށެވެ. އަދި ކޯލް ސެންޓަރުން މިޝްކާގެ އާއިލާއާ ކޮށްފައިވާ މުއާމަލާތްތަކުން ތަކުރާރުކޮށް ކުއްޖާ ބަލާ ފޮނުވާ ކަމަށް
ދޭހަވާ އިބާރާތުން މުއާމަލާތް ކޮށްފައިވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެހެންނަމަވެސް އެރޭ 11:32 (އީއެމްއެސްއަށް ކޯލްކުރި ގަޑި) އާ ހަމައަށް އެއްވެސް ފަރާތަކުން ކުއްޖާ ބަލާ ދިއުމަށް އެންބިއުލަންސް ޓްރިގާކޮށްފައި ނުވާއިރު އެޗްއީއޯސީގެ ކޯލް ސެންޓަރުން ކޯލްތަކަށް ޖަވާބު ދިން ފަރާތްތަކުން ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައިވެސް ނެތް ކަމަށެވެ. އެ މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާ ކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައި ނުވާ ކަން ވެސް ފާހަގަކޮށްފައި ވެއެވެ.

އެ ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ އެހާދިސާ ހިނގުމަކީ ނާދިރު ކަމެއް ކަމަށާއި އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތްފަށާފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.