ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭ ބަންދުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތައް ހިންގަވާ ކަމަށް ބުނެ މީޑިއާގައި ފެތުރުނު ހަބަރެއް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ދޮގު ކޮށްފި އެވެ.
ކޮވިޑް-19 ގެ ހާލަތު ގޯސްވެ މާފުށީ ޖަލުން ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމުން ރައްކާތެރި ކަމަށްޓަކައި ރައީސް ޔާމީން ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ.
ރައީސް ޔާމީނާއި ގުޅޭ ގޮތުން ފަތުރަމުންދާ ހަބަރުތައް ދޮގުކޮށް ވަކީލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ގޭ ބަންދުގައި ހުންނަވައިގެން ރައީސް ޔާމީން ސިޔާސީ ހަރަކާތްތައް ހިންގަވާ ކަމަށާ ޕީޕީއެމްގެ ލީޑާޝިޕް ގޫރޫޕްތަކާއި ޕާޓީގެ ކައުންސިލު ގުރޫޕްތަކުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާ ވީޑިއޯ ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކު ރެވުނުއިރު ފޯނު ބޭނުން ކުރެއްވުމުގެ ހުއްދަ ކަރެކްޝަނުން ދީފައިވާ ކަމަށާ ނަމަވެސް ޕާޓީގެ ވަޓްސްއަޕް އަދި ވައިބަރު ގުރޫޕްތައް ބޭނުން ކުރުމުގެ ހުއްދައަށް އެދިވަޑައިގަތުމުން ކަރެކްޝަނުން އެ ހުއްދަ ނުދޭތީ އުސޫލާއި ހިލާފު އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާ ކަމަށެވެ.
އެފަދަ ވާހަކަތައް ފަތުރަނީ ފިތުނަ އުފައްދަންކަން ފާހަގަކޮށް ދޮގު ހަބަރުތައް ފަތުރާނަމަ އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެ ކަމަށް ވަކީލުންގެ ބަޔާނުގައި ވަނީ އިންޒާރު ކޮށްފައެވެ.