ވިޔަފާރި ވެރިންގެ ޖަމްއިއްޔާ

ހިޔާނާތާ އަނދިރިއަށް ގެއްލުވާލާފައިވާ ވިޔަފާރި ޖަމިއްޔާ

ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއަކީ ކުރިން ދިވެހި ވިޔަފާރީގަ އާއި ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް އަޑު ގަދަ ބާރު ގަދަ ބައެކެވެ. އެ ޖަމިއްޔާގެ ރައީސަކަން ރާއްޖޭގެ އިއްޒަތްތެރި އެތައް ބޭފުޅުންނެއް ކުރެއްވި އެވެ. ޖަމިއްޔާގެ ރައީސުންގެ ތެރޭގައި މާމިގިލީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، ގާސިމް އިބްރާހިމް އާއި ރާއްޖޭގެ ފުރަތަމަ އިގްތިސޯދީ މިނިސްޓަރު އަހުމަދު މުޖުތަބާ އަދި ޓޫރިޒަމްގެ އުފެއްދެވި އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) އާއި މަޝްހޫރު ވިޔަފާރިވެރިޔާ، އަތަމާ އަބްދު ލަތީފު ހިމެނިވަޑައިގަތެވެ. އެލިއާ އަލީ އަބްދުﷲ ހިމެނެ އެވެ. އެފަދަ އެތައް ބޭފުޅެކެވެ. އެ ބޭފުޅުންގެ ޒައާމަތުތައް އެއީ އެ ޖަމިއްޔާގެ ރަން ޒަމާނެވެ. އަދި ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބާއްވަމުން ދިޔަ "ނައިޓް މާކެޓު" ވީ ރާއްޖޭގެ "ބިގް ބާޒާރަ" ށެވެ. ނުވިކި ހުރި މުދާ އަގުގައި ވިއްކާލާ ވިޔަފާރީގެ ބޮޑު އީދަކަށެވެ. އެ ދުވަސްވަރާ ދިމާކޮށް މި އީދަށްޓަކައި އަވަށްޓެރި ގައުމުތަކުގެ މީހުން ވެސް ރާއްޖެ އައިސް އުޅުނެވެ.

"ރަންޒަމާނަ" ށް ފަހު ވިޔަފާރިވެރިންގެ ޖަމިއްޔާގެ މިސްރާބު މުޅިން ބަދަލުވި އެވެ. ސިޔާސީ ދިގު އަތެއް ބާނައި އެޖަމިއްޔާގެ ރައީސް ކަމަށް ކުރީގެ ނައިބު ރައީސް އަދި ކުރީގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަޑައިގަތެވެ. އެ ހިސާބުން އެ ޖަމިއްޔާ ބަދަލުވީ ބައެއްގެ އަމިއްލަ މުދާގަނޑަކަށެވެ. ދިވެހި ވިޔަފާރިވެރިންގެ ގިނަ ބަޔަކު އެ ތުހުމަތު ކުރެ އެވެ. އަދި ފެނިގެން ދިޔައީ ޖަމިއްޔާގެ ރީތި ނަން ފަނޑުވެ ހުތުރުވާން ފެށިތަނެވެ.

ގައުމީ ޗެމްބަރު އޮފް ކޮމާސް ބިލްގެ ބަހުސް މަޖިލީހުގައި ފަށާފައިވާއިރު، ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނަން "އަޑެއް" ގެ ގޮތުގައި ނުކުތުމާހަމަ އަށް ވެސް މި ޖަމިއްޔާއަކީ އޮންނަ ތަނެއްކަން އެނގޭ މީހަކު ނެތެވެ. މިހާރު މި ޖަމިއްޔާ ހިންގަނީ ކޮން ބައެއް ހެއްޔެވެ؟

މި ޖަމިއްޔާގެ މިހާރު އޮތްތަން ނޭނގޭ ކަމުގެ މިސާލަކީ، މި ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރު އަދި އިކޮނޮމީ ހިންގެވުމުގެ ހުންގާނުގައި ހުންނެވި ފައްޔާޒު އިސްމާއީލަށް ވެސް އެކަން އެނގިވަަޑައި ނުގަތުމެވެ. އެހެންވީއިރު ދެން އެނގޭނީ ކާކަށް ހެއްޔެވެ؟

ފައްޔާޒު ވިދާޅުވި ގޮތުގައި މިހާރު ވިޔަފާރިވެރިންގެ ޖަމިއްޔާގައި ތިބީ ކޮން ބޭފުޅުންނެއްކަން އޭނާއަށް އެނގިވަަޑައެއް ނުގަންވަ އެވެ. އަދި އެ ޖަމިއްޔާއަށް ގުޅަން، ގުޅާނެ ބޭފުޅެއްގެ ނަމްބަރު ވެސް އެނގިވަޑައެއް ނުގެންނެވި އެވެ.

އެ ހިސާބުން އެނގިގެން ދިޔައީ ޖަމިއްޔާ މިހާރު އޮތީ "ކަނު އަނދިރި" ގެތެރޭގައި ކަމެވެ.

ސަރުކާރަށް، ވިޔަފާރިވެރިންގެ ޖަމިއްޔާ މިހާރު އޮތްތަން ނޭނގުނަސް، ދައުލަތުން / ސަރުކާރުތެރެއިން އެ ޖަމިއްޔާއަށް މާސިންގަހާ ބޮޑު ދެ ބިމެއް ދީފައި އެބައޮތެވެ. އަދި އެ ތަންތަނުން ދަނީ ބަރާބަރަށް ކުލި ވެސް ނަގަމުންނެވެ. އަދި އެ ޖަމިއްޔާގެ "މޫނުމަތީ" ގެ ގޮތުގައި ކުރިން ފެނުނު އިސްމާއިލް އާސިފު (އާސިއްޕެ) އަކީ ވެސް މިހާރު ވެރިކަން ކުރައްވާ އެމްޑީޕީ ވެރިންގެ ގާތް ރަހުމަތްތެރި އެކެވެ. އެހެންވެ، ވިޔަފާރިވެރިންގެ ޖަމިއްޔާ "ނައިޓް މާކެޓަ" ށް ގެއްލިގެން ހޯދަން ޖެހޭ ހާލަތަށް ދިޔަ ކަމަށް ގަބޫލު ކުރަން ތަންކޮޅެއް އަދި ދައްޗެވެ.

މި ޖަމިއްޔާގެ އިސް މަގާމުތަކެއް ކުރިން ފުރުއްވި ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް މުއްތޮލިބް ވިދާޅުވި ގޮތުގައި ބަޔަކު ވަދެ ވިޔަފާރިވެރިންގެ ޖަމިއްޔާ މިހާރު އެ އޮތީ ފޭރިގެންފަ އެވެ. އެކަން އެންމެންނަށް ވެސް އެނގޭނެ އެވެ.

"މިހާރު މި [ވިޔަފާރިވެރިން] ގެ ޖަމިއްޔާއެއް ނެތް ހަގީގަތުގައި. މި ފެންނަނީ އަމިއްލަ ބައެއްގެ އަމިއްލަ މުދާގަނޑެއްގެ ގޮތުގައި ގެންގުޅޭ ތަން،" އެ ޖަމިއްޔާގެ ޖެނެރަލް ސެކްޓެޓަރީކަން ކުރެއްވި މުއްތޮލިބު ވިދާޅުވި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާ ގެއްލުނީކަމެއް ނޫނީ ގެއްލުވާލީ ކަމެއް ނޭނގުނަސް، އެނގޭ ކަމަކީ މި ސަރުކާރު އުފަންވި ދުވަހުން ފެށިގެން މި ޖަމިއްޔާގެ އަޑެއް ނީވޭ އެވެ. އިންތިހާބުތާ ކުރީކޮޅު އެއްޗެއް ބުނެފަ "ހައްޕު" ކިޔައިފި އެވެ. ވިޔަފާރިވެެރިންގެ ޖަމިއްޔާ އިން އެންމެ ފަހުން ހަބަރެއްވީ 2018 ގަ އެވެ. އެ ފަހަރު ބުނިހާ ވެސް އެއްޗަކީ އާ ސަރުކާރުގެ އިގްތިސޯދީ އެޖެންޑާ އަށް އެއްބާރުލުން ދޭނަމެވެ. އޭގެ ފަހުން އަނެއްކާ ވެސް ނިދީ އެވެ.

މިހާރު މި ޖަމިއްޔާއެއް ނެތް ހަގީގަތުގައި. މި ފެންނަނީ އަމިއްލަ ބައެއްގެ އަމިއްލަ މުދާގަނޑެއްގެ ގޮތުގައި ގެންގުޅޭތަން
މުއްތޮލިބު | ކުރީގެ މެންބަރެއް

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހަބަރެއް، ދަބަރެއް ނުވެ މިދިޔަ ދުވަސްތަކުގައި ދިވެހި ވިޔަފާރިވެރިން "މަރު" ގެ އެތަށް އެތި ފަހަރެއް އަރައިފި ޒަހަމްވި އެވެ. އެކަމަކު އެ މީހުންގެ ހައްގުގައި އެ ޖަމިއްޔާ އިން އެންމެ ބަހެއް ވެސް ބުނެފައެއް ނުވެ އެވެ. ކުރިން ވިޔަފާރިވެރިންނަށް ދިމާވާ މައްސަލަތަކުގައި އަބަދު ވަކާލާތު ކުރާ ޖަމިއްޔާ އިން އެއްކަމެއް ނުކޮށް އޮތީ ކީއްވެ ހެއްޔެވެ؟ އަދި ކޮވިޑް-19 ގެ ބަލާ އާފާތުން މުޅި ވިޔަފާރީގެ ދާއިރާ އެއްފު މިފުށަށް މުޅި ނިޒާމު ހަފުސް ވެގެންދާއިރު ވެސް އެ ޖަމިއްޔާ އޮތީ "ހޯމް ކަރަންޓީ" ން ވެގެނެވެ.

ރާއްޖެއަށް އިންކަމް ޓެކްސް ތައާރަފު ކުރަން ވެގެން ވިޔަފާރިވެރިންގެ ހައްގުގައި ވަކާލާތު ކުރާނެ މުޅި ދާއިރާ ތަމްސީލް ކުރާކަށް އެ ޖަމިއްޔާ ނުތެދުވި އެވެ. ސަރުކާރުން މިކަމުގައި ޖަމިއްޔާ ޖަމާއަތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދަން ބޭއްވި ބައްދަލުވުން ތަކަށް އެ ޖަމިއްޔާ "އެބްޒެންޓެ"ވެ. ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ ޓެކްސް ގާނޫނުތައް ސަރުކާރު ބޭނުންވި ގޮތަށް "ފަތު މަސްހުނި" ގަނޑެއްހެން މޮޑެލިއިރު ވެސް އެ ޖަމިއްޔާއިން ހޭވެސް އަހާ ނުލަ އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާ ހިމޭންކަމުގައި އޮތްއިރު މިތަން ހިންގުމުގެ "މައި އިންޖީނަކަށް" ވެގެން އުޅުއްވި އާސިއްޕެގެ ހަބަރެއް ނުވުމަކީ ވެސް ވަރަށް ދެރަ އަދި ހައިރާނެއް ކަހަލަ ކަމެކެވެ. އާސިއްޕެ އުޅުއްވަނީ އެ ޖަމިއްޔާ "ބައްސާލި" ރައީސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު ސިޔާސީ ޕާޓީ ހައްދަވައިގެން ސިޔާސީ މަސައްކަތުގަ އެވެ. އެހެވީއިރު މިހާރު، އެ ޖަމިއްޔާގެ ވެރިންނަކީ ކޮންބައެއް ހެއްޔެވެ؟

އެ ޖަމިއްޔާގެ ވެބްސައިޓުގެ މައުލޫމާތު އެނގޭ ގޮތުގައި ޖަމިއްޔާގެ މި ދައުރުގެ ރައީސަކީ އިސްމާއީލް ނޫރައްދީނެވެ. ނައިބު ރައީސަކީ އިސްމާއިލް އާސިފާއި ކުރިން މޯލްޑިވިއަންގައި ހުންނަވައި އަމިއްލަފުޅަށް މުސާރަ ބޮޑު ކުރެއްވި އަދި މިހާރު ރީޖަނަލް އެއާޕޯޓުގެ އެމްޑީ އަހްމަދު ރިޒްވީ އެވެ.

އެ މީހުން ހޮވީ އިންތިހާބަކުން ކަމެއް ނޫނީ ގުރުނައިގެން ކަމެއް ނޫނީ އަތް އުފުލައިގެން ކަމެއް އެނގޭ މެންބަރެއް އެ ޖަމިއްޔާއަކުން އަދި ދިމަލެއް ނުވެ އެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިވީ ދުވަސްތަކުގައި އަހަރީ އާއްމު ޖަލްސާއެއް ބޭއްވިކަމެއް ނޭނގެ އެވެ. މީގެ އެއްވެސް މައުލޫމާތެއް ޕަބްލިކަށް ހާމަ ކޮށްފައެއްއެއް ވެސް ނުވެ އެވެ.

ބޮޑު ދެ ބިމުން ލިބޭހާ ފައިސާ ކޮބާ؟

ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ހަބަރެއް ނުވި ނަމަވެސް މާލޭގެ އެންމެ އަގު ބޮޑު އޭރިއާއިން ސަރުކާރުން ދެ ބިމެއް ދީފައިވެ އެވެ. އެއް ބިމަކީ ޓީވީއެމާ އިންވެގެން އޮންނަ މިހާރުގެ "އަމީނީ މާރުކޭޓް" އަދި ކުރިން އެމްޑީޕީން ހަރުގެއެއް ހިންގި ބިމެވެ. މި ބިމުގެ ސައިޒު ވެސް ގާތްގަނޑަކަށް 3،000 އަކަ ފޫޓުވަރުވާނެ އެވެ. އެ ބިމުގައި ބޮޑު އިމާރާތެއް އަޅަން އެ ޖަމިއްޔާ އިން ސަރުކާރާއެކު އެއްބަސްވި އެވެ. ނަމަވެސް އެ އިމާރާތް މަތިން ފެންނާނަށް ނެތެވެ.

އަނެއް ބިމަކީ "ހަވީރު" ގެ އިދާރާއާ އެއްފާރާތުން އިންވެގެން ހުންނަ އެ ޖަމިއްޔާގެ ރަސްމީ އޮފީހެވެ. މުޅި މާލެ އާއި ރާއްޖެ ބިރުވެރިކަމަށް ވައްޓާލި ގއ. މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސް މަރާލި އިމާރާތް ހުރި އޮފީހުން ވެސް މިހާރު ފެންނަނީ ހަމައެކަނި ނަމްބަރު ބޯޑެއް އެކަންޏެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާ އުފެއްދެވުމަށް ފަހު ރައީސްކަން ކުރެއްވި ފުރަތަމަ ރައީސް، ގާސިމް އިބްރާހިމްގެ ޒައާމަތުގައި އެޅި އެ ޖަމިއްޔާގެ ރަސްމީ ހެޑްކުއަޓާސްއަކީ މި އިމާރާތޭ ވެސް މިހާރު ނުބުނެވޭނެ އެވެ. މި އޮފީހުގެ މަތީގައި "ތިންސަތޭކަ ފަސްދޮޅަސް ޑިގްރީ" އަށް ބޮޑު އިމާރާތެއް އަޅައި ވަނީ ކުޔަށް ދީފަ އެވެ. މިހާރު އެތަން ބޭރުން ބަލާ މީހަކަށް ސިފަވަނީ އޮފީހަކަށްވުރެ ބޮޑަށް ލޭބަ ކުއާޓަރަކާއެއްގެ ގޮތުގަ އެވެ.

މި ހާލަތުގައި އެ ޖަމިއްޔާ އޮތްއިރު، ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް މި ތަންތަނުން ކިހާ ފައިސާ އެއް ލިބޭ ހެއްޔެވެ؟ އެ ފައިސާ ހުރީ ކޮން ތާކު ހެއްޔެވެ؟ އެ ފައިސާއަށް ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހައްގުގައި މިހާރު ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ޖަމިއްޔާއެއްގެ ކަންތައް މި ދަރަޖައަށް ވެއްޓިގެން ދިޔައިރު ޖަމިއްޔާތަކުގެ މަސައްކަތް ބަލާ ސަރުކާރުގެ ވުޒާރާ އޮތީ ޕެރެލައިޒްވެފައި ހެއްޔެވެ؟

އަންދާޒާ ކުރެވޭ ގޮތުގައި މިހާރު ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާއަށް އަށް މަހެއްގެ މައްޗަށް ކުލީގެ ގޮތުގައި އެކަނި 500،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭނެ އެވެ. އެހެންވީއިރު އެ ފައިސާ އިން ކުރަނީ ކީއް ހެއްޔެވެ؟

ވިޔަފާރިވެރިންގެ ޖަމިއްޔާގައި އިސްކޮށް އުޅުއްވި ކުރީގެ މެންބަރަކު ވިދާޅުވި ގޮތުގައި އޭނާ އެ ޖަމިއްޔާ އިން ނުކުތްއިރު އެކައުންޓުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހުންނާނެ އެވެ. އެކަމކު މިހާރުގެ ހާލަތު އޭނާ އަށް ބުނާކަށް ނޭނގެ އެވެ.

"އެ ފައިސާ އަށް ވީ ގޮތެއް ނޭނގެ. އެ ހުރިކަން ، ނެތްކަން ވެސް ނޭނގެ. އެނގޭ ކަމަކީ މި ޖަމިއްޔާއަށް ބޮޑު ދެ ބިން މާލެ އިން ސަރުކާރުން ތަންމިނަށް ދީފައި އޮތްކަން. އެ ތަންތަނުގައި ހެސް ކިޔާފަ ވިޔަފާރި ކުރަމުން ގެންދާކަން. އެހެންވީމަ ލާރި ލިބޭނެ ތާ؟ އޭނާ ވިދާޅުވި އެވެ.

ޖަމިއްޔާ އޮތީ "ހައިޖެކް" ވެފައި!

ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ބިލް ދިރާސާ ކުރުމުގެ މަރުހަލާގައި މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި ވިޔަފާރިވެރިންގެ ޖަމިއްޔާ އުފެއްދެވި ބޭފުޅުންނާ އެ މަނިކުފާނާ ބައްދަލުވެފައިވެ އެވެ. އެ ބޭފުޅުން ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާއާމެދު ޝަކުވާ ތަކެއް ކުރައްވަ އެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އެ ޖަމިއްޔާ އިން ވިޔަފާރިވެރިންނާ ގުޅުން ނެތުމާއި ޖަމިއްޔާގެ މަގާމު ތަކަށް މީހުން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުތަކާ ގުޅޭ ޝަކުވާތަކެވެ.

"އަޅުގަނޑަށް ލިބެނީ ޗެމްބާ އޮފް ކޮމާސް ހަދަން ދީފައި އޮތް ބިމުގައި ލޯކަލް މާރުކޭޓެއް ހިންގައިގެން އެ ތަނާ ގުޅޭ ކޮމްޕްލެއިންޓްސް ތަކެއް،" ފައްޔާޒު ވިދާޅުވި އެވެ.

އަޅުގަނޑަށް ލިބެނީ ޗެމްބާ އޮފް ކޮމާސް ހަދަން ދީފައި އޮތް ބިމުގައި ލޯކަލް މާރުކޭޓެއް ހިންގައިގެން އެ ތަނާ ގުޅޭ ކޮމްޕްލެއިންޓްސް ތަކެއް
އިކޮނޮމިކް މިނިސްޓަރު | ފައްޔާޒު އިސްމާއިލް

ވިޔަފާރިވެރިންގެ ޖަމިއްޔާ މި ހާލަތުގައި އޮތްއިރު މި ޖަމިއްޔާ މިހާލަތަށް ވެއްޓުނު ދުވަސްވަރު މި ފަދަ އެހެން ޖަމިއްޔާތަށް ވެސް މިހާލަތަށް ގެންދަން މަލާތައް ދިނެވެ. އެގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އަށް ވެސް އަތް ބާނަން މަސައްކަތް ކުރި އެވެ. އިންތިހާބެއްގެ ތެރޭގައި މިހާރު ވެރިކަމުގައި ތިބި މީހުންގެ އާއިލީ/ ގާތް ރާއްޖޭގެ މަޝްހޫރު އޭވިއޭޝަން ކޮންސެލްޓެންޓެއް ރައީސަކަށް ކުރިމަތިލައްވައިގެން މިލިއަނުން ހަރަދު ކުރުވި އެވެ. ބޭނުމަކީ ރައީސްކަން ހޯދުމެވެ. ޖަމިއްޔާގެ މެންބަރުންނަށް އިންތިހާބު އޮތް ދުވަހު ލައްކައިން ފައިސާ ވެސް އެޅި އެވެ. އެކަމަކު އެކަންވާގޮތް ނުވީ އެވެ،

މިހާރު ރާއްޖޭގެ ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާ ކަމަށްވާ މަސީގެ ސެކްޓަރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވި ގޮތުގައި އެ ޖަމިއްޔާ އަށް މި ވިޔަފާރިވެރިންގެ ޖަމިއްޔާއަށްވީ ގޮތް ހަދަން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ޖަމިއްޔާގެ މެންބަރުންނާއި ލީޑާޝިޕުން އެކަންކުރިއަ ނުދިނީ ކަމަށާ އެހެން ނޫންނަމަ މިހާރު އެ ޖަމިއްޔާއެއް ވެސް ނޯންނާނެ ކަމަށެވެ. އަދި މިހާރު ވަކާލާތު ކުރާނެ ބަޔަކު ނުފެންނާނެ އެވެ.

ހުލާސާއަކީ މިހާރު ވިޔަފާރިވެރިންގެ ޖަމިއްޔާއެއް ނެތެވެ. އެ ޖަމިއްޔާ ގެއްލުނީކަމެއް ނޫނީ "ނައިޓް މާކެޓަ" ށް ގެއްލުވާލީ ކަމެއް ނޭނގެ އެވެ. ހަމަ ގައިމު އެނގޭ ކަމަކީ އެ ޖަމިއްޔާ އިން ވިޔަފާރިވެރިންނަށް ހަމައެއް ވެސް ކަމެއް ކޮށެއް ނުދެ އެވެ. އެ މީހުންގެ ހައްގުގައި ލޮބީއެއް ނުކުރެ އެވެ. އިންވެސްޓްމަންޓް ގެންނަން މަސައްކަތެއް ނުކުރެ އެވެ. އެ ޖަމިއްޔާ މިހާރު އޮތީ "މިތާގަނގައިވާ އެއްޗެއް އެކަމަކު ނުވާ އެއްޗަ" ކަށް ވެފަ އެވެ. އަދިޖަމިއްޔާ ފެންނަނީ އެތެރެ ނުފެންނަ ކަޅު އެއްޗެއްގެ ގޮތުގަ އެވެ. މިވަތުގެ އެ ބޭއްވުމަށް ފަހު އޮޑިޓްކޮށް ހިޔާނާތްތައް ބަލައި އުވާލުން ވެސް ގައުމަށް މޮޅުވާނެ އެވެ.