އިންޑިއަން އައިޑަލްގެ މިހާރު ހިނގަމުންދާ 12 ވަނަ ސީޒަން އަކީ އެންމެ ހުނަރުވެރި ލަވަކިޔުންތެރިން ބައިވެރިވި ސީޒަނުގެ އިތުރުން އެންމެ ގިނަ ފާޑުފާޑުގެ ވާހަކަތައް ވެސް އެ ޝޯ އާ ބެހޭ ގޮތުން ދެކެވޭ ސީޒަނަށް ވަނީ ވެފަ އެވެ. މިފަހަރު އަނެއްކާވެސް މި ޝޯ އާ މެދު ގިނަ ބައެއްގެ ހިތްހަމަނުޖެހުން އުފެދިގެން އުޅެނީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ސަވާއީ ބަޓް ޝޯއަށް އަލްވަދާއު ކިޔަން ޖެހުމުންނެވެ. އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު ނަވްޔާ ނަވޭލީ އަކީ ވެސް ސަވާއީގެ ފޭނަކަށް ވާތީ މިކަމާ ނަވްޔާ ވެސް ވަނީ ހިތް ހަލާކުވެފައި ކަމަށް އޭނާ ޝެއާ ކުރި މެސެޖެއްގައި ބުނެފައި ވެއެވެ.
ސޯޝަލް މީޑިއާގައި ނަވްޔާ ޝެއާ ކުރި މެސެޖެއްގައި ބުނެފައި ވަނީ ސަވާއީ ޝޯ އިން ވަކި ކުރުމުން ވަރަށް މާޔޫސް ވެއްޖެ ކަމަށެވެ.
ސަވާއީ ޓެގް ކޮށްފައި ނަވްޔާ ލިޔެފައިވާ މެސެޖުގައި ޝޯ އިން ވަކިވެގެން ދާން ޖެހުނަސް ލަވަކިޔުމައިގެން ކުރިޔަށް ދިއުމަށާއި ފިޔަޖަހާ އަލިގަދަ ތަރިއަކަށް ވާން ކުރާ މަސައްކަތް ހުއްޓާ ނުލުމަށް އެދިފައި ވެއެވެ.
ސަވާއީ އަކީ މިފަހަރުގެ ސީޒަންގައި އެންމެ ރީތިކޮށް ލަވަކިޔާ އެއް ލަވަކިޔުންތެރިޔާ އެވެ. އެހެން ކަމުން އޭނާގެ ފޭނުން ވެސް މިހާރު އެތައް މިލިއަނަކުން ގުނާލެވެ އެވެ. ސަވާއީ ވަކިވުމުން މި އެންމެން ރުޅި ގަދަ ވެގެން ޝޯ އިންތިޒާމް ކުރާ ފަރާތަށް ވެސް ނަފުރަތުގެ ބަސްތައް ދަނީ ގޮވަމުންނެވެ. އަދި ޝޯ ވަނީ ސްކްރިޕްޓް ކޮށްފައި ކަމަށާއި ވަކި ފަރާތަކަށް ޖެހިފައި ކަމަށް ބުނެ ޝޯ ބޮއިކޮޓް ކުރަން ވެސް ގިނަ ބަޔަކު ދަނީ ގޮވަމުންނެވެ.
"އިންޑިއަން އައިޑަލް 12" ގެ ގްރޭންޑް ފިނާލޭ ކައިރިވަމުން އަންނައިރު ކޮންމެ ހަފުތާއަކު ވެސް ލަވަކިޔުންތެރިއަކު ޝޯ އާ ވަކިވަމުން ދެ އެވެ. އަދި އެ ލަވަކިޔުންތެރިއެއްގެ ފޭނުން އެކަމާ ހިތްހަމަނުޖެހިގެން އުޅެ އެވެ.